ކުޅިވަރު

ނިއު ނޯމަލްގައި ފުޓުބޯޅަ ހުޅުވާލާއިރު ރާއްޖޭގެ ރަސްމީ ދަނޑުގައި ޑިސްއިންފެކްޝަން ގޭޓް ބަހައްޓަނީ

އައިދާ އަބްދުލް ހަކީމް

ކޮވިޑް 19 އާ ގުޅިގެން މެދު ކަނޑާލާފައިވާ ފުޓުބޯޅަ މުބާރާތްތައް އަލުން ފަށާއިރު ނުވަތަ ނިއު ނޯމަލްގައި ފުޓުބޯޅަ ހުޅުވާލާއިރު ދަނޑުގައި ޑިސް އިންފެކްޝަން ގޭޓް ބަހައްޓަން ފުޓުބޯޅަ އެސޯސިއޭޝަނުން ނިންމާފައިވާ ކަމަށް ނެޝަނަލް ޓީމުގެ ފިޒީޝަން އަހްމަދު ޝަކީބް ވިދާޅުވެއްޖެއެވެ.

އެފްއޭއެމުން ރޭ ގެނެސްދިން "ލެޓްސް ޓޯކް ފުޓުބޯޅަ" ޝޯގައި ވާހަކަ ދައްކަވަމުން ޝަކީބް ވިދާޅުވީ ނިއު ނޯމަލްގައި ހުޅުވާލާއިރު އަމަލު ކުރާނެ އުސޫލެއް މިހާރު އެފްއޭއެމުން އެކުލަވާލާފައިވާ ކަމަށެވެ. އެގޮތުން އެ އުސޫލު އެކުލަވައިލުމުގައި ފީފާ އާއި ޑަބްލިއުއެޗްއޯގެ މަޝްވަރާ ހޯދައި އަދި މިހާރު ފުޅުބޯޅަ އަލުން ފަށާފައިވާ ގައުމުތަކުގައި އަމަލުކުރަމުން އަންނަ ގައިޑްލައިންތައްވެސް ބަލައި ރައްކާތެރި ކަމަށް އެގައުމުތަކުން އަޅާފައިވާ ފިޔަވަޅުތައް ބަލާފައިވާ ކަމަށެވެ.

އެގޮތުން އަލުން ހުޅުވާލާއިރު ފުޓުބޯޅަ ދަނޑުގައި ޑިސްއިންފެކްޓް ގޭޓުތަކެއް ހަރުކުރުމަށް ނިންމާފައިވާ ކަމަށް ޝަކީބް ވިދާޅުވިއެވެ. ޝަކީބް ވިދާޅުވީ އިރުއިރުކޮޅާ އަތުގައި ސެނެޓައިޒާ އުނގުޅައި އަދި އިރު އިރުކޮޅާ އަތް ދޮވުމަކީ ފަސޭހަކަމަށް ނުވާނެ ކަމަށެވެ. އެހެންކަމުން މިގޮތަށް ގޭޓް ބެހެއްޓުމުގެ މަގުސަދަކީ ކުޅުންތެރިންނާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން ކަމަށެވެ.

ޝަކީބް ވިދާޅުވީ އެޗްޕީއޭއިން ހުއްދަ ދިންހާ އަވަހަށް ފުޓުބޯޅަ ފެށުމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ނިންމަވާފައިވާ ކަމަށެވެ. އެގޮތުން ހުޅުވާލާއިރު ވީ އެންމެ ރަނގަޅަކަށް ކަންކަން ހަމަޖެއްސުމަށް ބައްސާމް ބޭނުންވާ ކަމަށްވެސް ޝަކީބް ވިދާޅުވިއެވެ.