ޕީޕީއެމް

ޕީޕީއެމްގެ ކޮންގްރެސް ހުއްޓުވަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: އިލެކްޝަންސް

މާދަމާ އަދި ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮންގްރެސް ހުއްޓުވަން ޖެހޭ ގާނޫނީ އެއްވެސް ހުއްޖަތެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަދި ތަރުޖަމާނު އަހްމަދު އަކްރަމް ވަނީ އެކަން 'ވަން'އަށް ކަށަވަރުކޮށްދީފައެވެ.

ޕީޕީއެމްގެ ކޮންގްރެސް ފަސްކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނުގައި އެދިފައިވަނީ ފެނަކަ ކޯޕަރޭޝަންގެ ކުރީގެ ޗެއާމަން އަދި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމެވެ.

އަކްރަމް ވިދާޅުވީ ކޮންގްރެސް ހުއްޓުވަން ޖެހޭ ގާނޫނީ އެއްވެސް ހުއްޖަތެއް ނެތް ކަމަށް އެ ކޮމިޝަނުން ކަނޑައެޅީ ޕީޕީއެމްގެ ހިންގުން އެ ޕާޓީގެ މުޝްތަޝާރާ ހަވާލުކުރުމަށް ސިވިލް ކޯޓު ކުރި ހުކުމަށް ރިއާޔަތް ކުރުމަށްފަހު ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނަށް ނަދީމް ފޮނުއްވި ސިޓީގައި ވަނީ ގައުމީ ޖަލްސާ ބޭއްވުމަށް ޕީޕީއެމް އިން ނިންމާފައިވަނީ ޕާޓީގެ އަސާސީ ގަވާއިދުގެ 33 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ސަބަބެއް މެދުވެރިވެފައި ނުވާ ހާލަތެއްގައި ކަމަށެވެ. އެ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ހާލަތެއް މެދުވެރިނުވާނަމަ ދެން ހާއްސަ ގޮތުން ބާއްވާ ގައުމީ ޖަލްސާއެއް ބޭއްވެން ގަވާއިދު ޖާގަ ދެނީ ޕާޓީގެ ކައުންސިލުން އެގޮތަށް ފާސްކޮށްގެން ކަމަށް ނަދީމްގެ ސިޓީގައިވެއެވެ.

ޕީޕީއެމްއަށް އެތައް ގެއްލުމެއް ވެދާނެތީ ޕީޕީއެމްގެ ގައުމީ ޖަލްސާ ހުއްޓުވައިދިނުމުގެ ވަގުތީ އަމުރަކަށް ކުރީގެ ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވެސް ވަނީ ސިވިލް ކޯޓުގައި އެދިފައެވެ.

ޔުމްނާ ހުށަހެޅުއްވި މައްސަލައިގައި ސިވިލް ކޯޓުން ކުރިން ނިންމި ނިންމުމާ ގުޅިގެން ޕީޕީއެމްގެ ކައުންސިލުން ޕީޕީއެމް ހިންގާނީ ޕީޕީއެމްގެ މުސްތަޝާރު ކަމަށް ކަނޑައެޅި ގޮތް، ސިވިލް ކޯޓުގެ ގަޒިއްޔާގައި އެކަށައަޅާފައިވާ އޮތް އުސޫލާއި، ޕީޕީއެމްގެ އަސާސީ ގަވާއިދާ ހިލާފުވާތީ، އެ ނިންމުން ބާތިލް ކުރުމަށް ވަނީ އެދިފައެވެ. އަދި ސިވިލް ކޯޓުން ގޮތެއް ނިންމަންދެން، ޕާޓީގެ އާންމު ޖަލްސާއެއް ނުބޭއްވުމަށް ޕީޕީއެމްގެ ކައުންސިލަށާއި މުސްތަޝާރަށް އަންގާ އަމުރުކޮށްދިނުމަށް އެދިފައިވެއެވެ.