މަޖިލިސް މެންބަރު އަލީ އާޒިމް

މި ސަރުކާރު ގޯސްކަން ރައްޔިތުންނަށް ވިސްނައިދޭ ބައެއް ވަޒީރުން އެބަތިބި: މެންބަރު އާޒިމް

އިބްރާހިމް ޒަކީ

2

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު، ގޯސްކަމަށް ރައްޔިތުންނަށް ވިސްނައިދޭ ބައެއްް ވަޒީރުން މި ސަރުކާރުގައި އެބަ ތިއްބެވިކަމަށް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީ ފަލަ ސުރުހީ ޕްރޮގްރާމްގައި، ރޭ ވާހަަކަ ދައްކަވަމުން އަލީ އާޒިމް ވިދާޅުވީ، ރައްްޔިތުންގެ މަޖިލިސް މެންބަރުންނަކީ ކޯލީޝަނަކުން އައިސް ތިބި ބައެއް ނޫންނަަމަވެސް މިހާރު އޮތް އެމްޑީޕީ ސަރުކާރުގައި، ކޯލީޝަންގެ ވަޒީރުން އެބަ ތިއްބެވި ކަމަށެވެ.

އަލީ އާޒިމް ވިދާޅުވީ، ކޮންމެ ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ މެންބަރެއްގެ ވެސް ވިސްނުމާ ފިކުރަަކަށްވާނީ، އަންނަ އިންތިހާބެއްގައި އެބޭފުޅެއްގެ ޕާޓީއަށް ކާމިޔާބު ހޯދައިދިނުން ކަމަށެވެ. އެގޮތުން ކުރިޔަށް އޮތް ރިޔާސީ އިންތިިހާބު އަންނައިރު އެގޮތަށް މަސައްކަތްކުރައްވާނެ ކަމަށް ތުހުމަތު ކުރެވޭ ވަޒީރުން އެބަ ތިއްބެވި ކަމަށް އަލީ އާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެފަދަ ވަޒީރުން މަސައްކަތް ކުރައްވަނީ، ވަރަށް ގޯސްކޮށް ކަމަށާއި، ރައްޔިތުންނާ ހިސާބަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ރަނގަޅަށް ފޯރުކޮށް ނުދީ، މިސަރުކާރުގެ ގޯސްކަން ރައްޔިތުންނަށް ވިސްނައިދޭން ކަމަށްވެސް ވިދާޅުވިއެވެ. އެފަދަ ވަޒީރުންނަކީ ކޮރަޕްޝަން ހިންގައި، ހަވާލުކުރާ މަސައްކަތް ނުކޮށް، ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތަށްވެސް ނަހަދާ ވަޒީރުން ކަަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް އެއީ ކޮން ވަޒީރުންނެއް ކަމެއް އަލީ އާޒިމް ސީދާ ވިދާޅެއް ނވުވެއެވެ. ނަމަވެސް މަސްވެރިކަމާބެހޭ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތަކެއް، ހެދުމުގެ މައްސަލައިގައި ފިޝަރީޒް މިނިސްޓަރު މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ މައްސަލައެއް، މަޖިލީހުގެ ގަވައިދު ކޮމިޓީން މިހަފްތާގައި މަޖިލީހަށް ހުށަހެޅި ނަމަވެސް އެ މައްސަލަ އަލުން އަނބުރާ ވަނީ ކޮމިޓީއަށް ފޮނުވާލައިފައެވެ.

އަލީ އާޒިމް ވިދާޅުވީ ކޯލީޝަން އޮތީ ސަރުކާރުގައި ކަމުން ކޯލީޝަން ރޫޅާލުމަކީ ސަރުކާރުގެ ކަމެއް ކަށާއި، އެއީ ރައްޔިތުންގެ މަޖިލީހުން ނިންމަން ޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި މިހާރު ހުންނެވި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަކީ، ރައްޔިތުންނަށް ދެރަގޮތެއް ހައްދަވާނެ ބޭފުޅަކަށް ނުވާތީ، ކޯލީޝަނުން ވަކިވާން ނިންމެވިޔަސް އެކަން ނިންމަވާނީ، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށް ކަަމަށްވެސް އާޒިމް ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟