އިސްލާމީ ތާރީޚު

ޙިޖާޒުގެ ޤާފިލާ 72

އަބްދުﷲ ފާރޫގް ހަސަން

2

(ޖޫން 1 ގެ އަދަދާ ގުޅޭ)

"އާދޭހެވެ. އޭނާ އަޅުގަނޑު މިގެޔަށް ލައިފައި ހިނގައްޖެއެވެ. އޭނާ ދިޔައީ ފަރަޚުޒާދުގެ ގަނޑުވަރަށެވެ. ކަމަނާގެ ބޭބޭފުޅުގެ ޚަބަރެއްވޭތޯ ބަލާންވެގެންނެވެ. ماه بانو އެވެ. އެބޭފުޅުން އަވަހާރަވީކަން ޤަބޫލުކުރާން އަޅުގަނޑަށް ދަތިވިއެވެ. އެކަމަކު މިހުރިހައިކަމެއް ހިނގީ އަޅުގަނޑުގެ ލޯމަތީގައެވެ. އެހަށިކޮޅުތައް މިހާރުވަނީ ފިނިވެފައެވެ. ހިމޭންވެފައެވެ. ރޭގައި ފުރޭބުރުޒު އަޅުގަނޑުގެ ފިރިމީހާގާތު ވިދާޅުވިއެވެ. "ޒަރުބަޚުތު މިދުވަސްކޮޅު އުޅުއްވާނީ ވަރަށް އަވަދިނެތިއެވެ. އެހެންކަމުން ކަލޭގޮސް ماه بانو ދުވަސްކޮޅަކަށް މިގެޔަށް ގެންނާށެވެ. ނީލޯފަރު އެކަމާ ވަރަށް އުފާވިއެވެ. އޭނާ ބުންޏެވެ. ހެނދުނުހެނދުނާ އަޅުގަނޑު ބައްޕަ ގޮވައިގެން އެގެޔަށް ދާނަމެވެ."

"އެކަމަކު އެއީ ކޮންބައެއް ބާވައެވެ؟"

"ތިޔަގޮތެއް ދަންނަވާކަށެއް ނޭނގެއެވެ. އަޅުގަނޑަށް އެނގެނީ އެއީ ފޭރޭބައެއް ނޫންކަމެވެ. އެމީހުން އަޅުގަނޑުމެންގެ ގެއިން އެއްވެސް އެއްޗެއް ނުގެންދެއެވެ. އެމީހުން އެނބުރިދަމުން އޭގެތެރެއިން އެކަކު އަނެކަކާ ދިމާޔަށް ބުންޏެވެ. ކަލޭގެ ދެލޮލަކަށް ނުފެނޭހެއްޔެވެ؟ އަންހެނަކު ޤަތުލުކުރީ ކީއްވެގެންހެއްޔެވެ؟"

ماه بانو އޭނާގެ ނޯކަރުންނާ ދިމާޔަށް ވިދާޅުވެއްޖެއެވެ. "ތިޔަބައިމީހުން ފިރުދައުސުގެ ހާލު ބަލާށެވެ. އަހަންނަށް އަހެއް ތައްޔާރުކުރާށެވެ. ޚުދު އަހަރެން ބޭބޭފުޅުގެ އަރިހަށް ދާނަމެވެ."

ނޯކަރެއް ޖަވާބުދިނެވެ. "ނޫނެކެވެ. މިވަގުތު ކަމަނާ ގެއިންބޭރަށް ވަޑައިގެންނެވުމަކީ އެއްގޮތަކަށްވެސް ރަނގަޅުކަމެއް ނޫނެވެ. އަޅުގަނޑަށް ޔަޤީނެވެ. ފުރޭބުރުޒު ޤަތުލުކުރެވިއްޖެކަން ކަމަނާގެ ބޭބޭފުޅަށް އެނގިވަޑައިގެންފިނަމަ ހިނދުކޮޅަކުވެސް މަޑެއް ނުކުރައްވާނެއެވެ. ކަމަނާ އިރުކޮޅަކު އިންތިޒާރު ކުރައްވާށެވެ. ބޭބޭފުޅުގެ ފަރާތްޕުޅުން ޚަބަރެއްނައިސް ލަސްވާނަމަ އަޅުގަނޑު ހިނގައިދާނަމެވެ. އެކަމަކު މިހާރު ކަންހުރިގޮތުން ކަމަނާ ގެއިންބޭރަށް ނިކުމެވަޑައިގެންނެވުމަކީ އެއްގޮތަކަށްވެސް ރަނގަޅުކަމެއް ނޫނެވެ."

"އެހެންވީއިރު ކަލޭ އަވަހަށްދާށެވެ. ވީހައިވެސް އަވަހަކަށް އެނބުރި އާދެވޭތޯ ބަލާށެވެ. ފުރޭބުރުޒު ޤަތުލުވި ވާހަކަ ބޭބޭފުޅުގެ އަރިހުގައި ނުވަތަ ފަރަޚުޒާދުގެ އަރިހުގައި މެނުވީ އެކަކު ގާތުގައިވެސް ނުބުނާށެވެ."

ماه بانو ހުންނެވީ އިންތިހާދަރަޖަޔަށް ކަންބޮޑުވެވަޑައިގެންފައެވެ. ނޯކަރު އެނބުރި އާދޭތޯ އޭނާ އިންތިޒާރު ކުރައްވާތާ ގަޑިޔެއްހައިއިރު ވެއްޖެއެވެ. ކުއްލިޔަކަށް ބޭރުން އަހެއްގެ ފިޔަވަޅުގެ އަޑު އިވިވަޑައިގެންފިއެވެ. ماه بانو ދުވެވަޑައިގެންފައި ދޮރާށިދޮށަށް ވަޑައިގެންނެވިއެވެ. އެކަމަނާގެ ނޯކަރު އިރުކޮޅެއްގެ ތެރޭގައި ދޮރާށީން އެތެރެޔަށް ވަދެއްޖެއެވެ. އޭނާ އަސްމަތީން ފުންމައިލައިފައި ބުންޏެވެ. "ފަރަޚުޒާދުގެ ގަނޑުވަރުގެ ފާރަވެރީން އަޅުގަނޑު އެތެރެޔަކަށް ނުވެއްދިއެވެ. އޭގެތެރެއިން ގިނަމީހުންނަކީ އަޅުގަނޑު ދަންނަ މީހުންނެވެ. އެކަމަކު އެމީހުން ބުނީ އިރުއެރުމުގެކުރީން ގަނޑުވަރުގެ ދޮރޯށި ނުހުޅުވޭނެ ކަމުގައެވެ. އަޅުގަނޑު ޒަރުބަޚުތުގެ ވާހަކަ އެހުމުން ގަނޑުވަރުގެ އެތެރޭގައި ވަޑައިގެން ވެއްޖެކަމުގައި ބުންޏެވެ. އެމީހުން ބުނީ މިހާރު އަރާމުކުރައްވާނީ ކަމުގައެވެ. ޒަރުބަޚުތުގެ އަރިހުގައި ވީހައިވެސް އަވަހަކަށް ގެއަށް ވަޑައިގަންނަވާށޭ ދަންނަވަން އަޅުގަނޑު އެމީހުންގާތު ބުނީމެވެ. ފުރޭބުރުޒުގެ ގެކޮޅުގެ ފާރަވެރިޔާއާ އަޅުގަނޑާ ދިމާވީ މަގުމަތީންނެވެ. އޭނާވެސް އެބައާދެއެވެ."

ماه بانو ވިދާޅުވިއެވެ. "ޝަހެންޝާހުއާއި ފަރަޚުޒާދާ ދެބޭފުޅުން ސަލާމަތުން ތިއްބަވަނިކޮށް ފުރޭބުރުޒުގެ ގެކޮޅަށް ޙަމަލަދޭން ބަޔަކަށް ކެރުނުގޮތެއް އަހަރެންގެ ވިސްނުމަކަށް ނުގެނެވެއެވެ. ފުރޭބުރުޒަކީ މިދައުލަތުގެ އިންތިހާދަރަޖައިގެ ވަފާތެރި ޚާދިމެކެވެ."

ނޯކަރު ޖަވާބު ދިނެވެ. "އަޅުގަނޑަށް ޔަޤީނެވެ. އިރުއެރުމާއެކު މަދާއިނުގެ ހުރިހާ ސިފައިން ފުރޭބުރުޒުގެ ޤާތިލުން ހޯދުމުގެ މަސައްކަތުގައި ޙަރަކާތްތެރިވާން ފަށާނެއެވެ."

ماه بانو ފިރުދައުސާ މުޚާޠަބު ކުރައްވައި ވިދާޅުވިއެވެ. "އެއިން އެކަކުވެސް ފާހަގަކުރެވޭތޯ މަސައްކަތެއް ނުކުރަމުހެއްޔެވެ؟"

"އާދޭހެވެ! އެމީހުން ތިބީ ނިގާބުއަޅައި މޫނު ފޮރުވައިގެންނެވެ."

"އެމީހުންގެ މަޤްޞަދަކީ ހަމައެކަނި ފުރޭބުރުޒު ޤަތުލުކޮށްލުން ކަމުގައިވާނަމަ އެމީހުންނަކީ ޝާހީ ލަޝްކަރުގައި އޭނާއާ އިދިކޮޅު ވިއްޔަކާ ގުޅޭ ބައެކެވެ. ކޮންމެއަކަސް އަހަރެމެންނަށް މިވަގުތު ކުރެވޭނެކަމެއްނެތެވެ. އިރުއަރަންދެން އިންތިޒާރުގައި ތިބޭންވީއެވެ."

އެވަގުތުން ފެށިގެން އެރޭގެ އިރުއެރުމާ ދެމެދު ހޭދަވި ކޮންމެ ސިކުންތެއްވެސް ماه بانو އަށް ހީފުޅުވީ މައްސަރުތަކަކަށްވުރެވެސް ދިގުހެންނެވެ. ފިރުދައުސުގެ ހާލަކީ އިރުއިރުކޮޅާ އެ ޙަމަލައިގެ ވާހަކަތައް ފަށަފަށައިގެން ފަށްފަށްކުރުމާއި، ماه بانو ގެ ގައިކޮޅުގައި އޮޅުލައިގެންފައި ރުއިމެވެ. ފަތިހަށް ދޮންކޮށްލުމާއެކު ماه بانو އޭނާގެ ނޯކަރުންނަށް އަސްތައް ދެއްވައިފައި ފަރަޚުޒާދުގެ ގަނޑުގެ ކައިރިޔަށާއި ރަށުތެރޭގެ ޚަބަރުބަލަން ފޮނުއްވައިފިއެވެ. އިރުއެރިތަނާ އެމީހުން އެނބުރި އަތުވެއްޖެއެވެ. އެމީހުން ޚަބަރުދިނެވެ. "މަދާއިނަށް އިންޤިލާބެއް އަތުވެއްޖެއެވެ. މީހުންތައް ރަށުތެރޭގައި އާޒަރުމީދުޚުތަށް ތާއީދުކޮށް ނައުރާކުރަމުން އެބަދުވެއެވެ. ސިފައިންގެ ލަޝްކަރުތައް ބާޒާރުމަތީގައްޔާއި މަގުމަތީގައި ބުރުޖަހަމުން އެބަގެންދެއެވެ."

ماه بانو ގަސްދުކުރެއްވީ ރަނގަޅަށް ޚަބަރުތައް އޮޅުންފިލުއްވުމަށްޓަކައި އަމިއްލަފުޅަށް ބޭރަށް ނުކުމެވަޑައިގެންނެވުމަށެވެ. ماه بانو ބޭރަށް ނުކުމެވަޑައިގަންނަވާން ތައްޔާރުވެވަޑައިގެންނެވިތަނާ އާދުމާނު ވަޑައިގެންފިއެވެ. އޭނާ ގޯތިތެރެޔަށް ވެދެވަޑައިގެންނެވުމާއެކު ސުވާލުކުރެއްވިއެވެ. "ޒަރުބަޚުތު ކޮބައިތޯއެވެ؟"

ސިކުންތުކޮޅެއްހައިއިރުވަންދެން ماه بانو ގެ ލޯފުޅުމައްޗަށް އަނދިރިވިއެވެ. އޭނާ ހަމަޖެހިވަޑައިގަންނަވަން މަސައްކަތްޕުޅު ކުރައްވަމުން ވިދާޅުވިއެވެ. "ބޭބެ ވަޑައިގެންވީ ފަރަޚުޒާދުގެ ގަނޑުވަރުގައެވެ. ކަލާ އެތަނަކަށް ވަޑައެއް ނުގަންނަވަމުތޯއެވެ."

އާދުމާން ޖަވާބުދެއްވިއެވެ. "ފަރަޚުޒާދު ޤަތުލުވެއްޖެއެވެ. ރާފޮދު ހިއްޕެވުމުގެ ސަބަބުން ޢަމަލުވެވަޑައިގެންފައި ތިއްބެވި މެހުމާނުން ފިޔަވައި އެތާކު އެކަކުވެސް ނެތެވެ. އަޅުގަނޑު މިއައީ ފުރޭބުރުޒުގެ ގެކޮޅަށްވެސް ގޮސްފައެވެ. ކަލާއަށް އެނގިވަޑައިގެންފައި ނެތުން އެކަށީގެންވެއެވެ. ފުރޭބުރުޒުވެސް ޤަތުލުވެއްޖެއެވެ. އާޒަރުމީދުޚުތު ތަޚުތަށް ވެރިވެވަޑައިގެންފިއެވެ. އޭނާ ޝާހުޕޫރު ޤަތުލުކުރައްވައިފިއެވެ. މަދާއިނުގެ ދީނީ އިމާމު އާޒަރުމީދުޚުތަށް ތާއީދުކުރައްވައި ތަޤްރީރުކުރައްވަމުން އެބަގެންދަވައެވެ. ސިފައިންގެ އޮފިސަރުން ތިއްބެވީ މި އިންޤިލާބާމެދު ހިތްޕުޅު ހަމަޖެހިވަޑައިގެންފައެއް ނޫނެވެ. ނަމަވެސް އެބޭފުޅުން ގެންދަވަނީ މަލަކާއަށް ވަފާތެރިވެވަޑައިގެންނެވުމަށާއި ރަށުގައި އަމަން ޤާއިމުކުރައްވަން ޢަހުދު ކަށަވަރު ހިއްޕަވަމުންނެވެ. ބަޣާވަތުގެ ހަރަކާތެއް ހިންގަވައިފާނެކަމަށް އާޒަރުމީދުޚުތު ޝައްކުކުރައްވާ ހުރިހާ އޮފިސަރުން ހައްޔަރުކުރަމުން އެބަގެންދެއެވެ. ކަލާގެ ބޭބޭފުޅު ކޮންމެވެސް ތަނެއްގައި ފިލައިވަޑައިގެން ހުންނެވިކަމުގައިވާނަމަ ބޭބޭފުޅަށް ޚަބަރު ފޮނުއްވާށެވެ. މަދާއިނުގެ އާއްމުންގެ ފަރާތުންވެސް ސިފައިންގެ ތެރެއިންވެސް އަވަސް ފުރުސަތެއްގައި ބަޣާވަތެއް ކޮށްފާނެކަމަށް އުންމީދު ނުކުރައްވާށެވެ. ފުރޭބުރުޒާއި، ޝާހުޕޫރާއި، ފަރަޚުޒާދު އަވަހާރަވުމަށްފަހު އެއްވެސް ފަރާތަކަށް އައު މަލަކާއާ ދެކޮޅަށް މިވަގުތު ތެދުވެވަޑައިގަންނަވާކަށެއް ކެރިވަޑައެއް ނުގަންނަވާނެއެވެ. ރަސްކަމުގެ ކޮއިލުތެރޭގައިވެސް އާޒަރުމީދުޚުތަށް ގޮންޖެއްސެވޭނެ ބޭފުޅަކީ ހަމައެކަނި ޕޫރާންދުޚުތެވެ. ނަމަވެސް އެކަމަނާވެސް ކޮންމެވެސް ތަނެއްގައި ފިލައިވަޑައިގެންފިއެވެ. ޝާހީ ފާރަވެރީންގެ ލަޝްކަރުގެ ވެރިކަންވަނީ ސިޔާދުޚަޝް އޭނާގެ އަތްޕުޅުމައްޗަށް ގެންނަވައިފައެވެ. ކަލާގެ ބޭބޭފުޅަކީ ފުރޭބުރުޒާއި ފަރަޚުޒާދުގެ ގާތް ބޭފުޅެއްކަން އޭނާއަށް އެނގިވަޑައިގަންނަވާނެއެވެ. އެހެންކަމުން ބޭބޭފުޅަށް އެންމެރަނގަޅު ގޮތަކަށްވާނީ ލަސްނުކުރައްވައި ސިޔާދުޚަޝްގެ އަރިހަށް ހާޒިރުވެވަޑައިގެންނެވުމެވެ. ފަރަޚުޒާދުގެ ގަނޑުވަރުގެ ފާރަވެރީންކުރެ އަޅުގަނޑާ ބައްދަލުވި އެންމެންވެސް ބުނާގޮތުގައި ކަލާގެ ބޭބޭފުޅު ރޭގައި ހުންނެވީ އެގަނޑުވަރުގައެވެ. އެކަމަކު މިހާރަކު އޭނާ އެއްވެސްތަނަކުން ނުފެނެއެވެ."

ماه بانو އެސްފިޔަފުޅުވެސް ޖައްސަވައިނުލައްވައި އާދުމާނުގެ ވާހަކަފުޅު އަޑުއައްސަވާން ހުންނެވިއެވެ. އެންމެފަހުން އޭނާ ވިދާޅުވިއެވެ. "ބޭބޭފުޅު މިތަނަކަށް ވަޑައެއްނުގަންނަވައެވެ. އަޅުގަނޑުމެންނަކަށް އެއްވެސް ޚަބަރެއްވެސް ނުފޮނުއްވައެވެ. ނަމަވެސް އަޅުގަނޑު ފުރިހަމަ ޔަޤީންކަމާއެކު ދަންނަވަމެވެ. ބޭބޭފުޅު ދިރިހުންނެވިކަމުގައިވާނަމަ އޭނާގެ އެކުވެރީންގެ ޤާތިލުންގެ ކިބައިން ޙިމާޔަތް ހޯއްދަވާކަށެއް މަސައްކަތްޕުޅެއް ނުކުރައްވާނެއެވެ."

އާދުމާނު ވިދާޅުވިއެވެ. "އަޅުގަނޑަކީ އޭނާގެ ރަޙްމަތްތެރިޔަކީމެވެ. އަޅުގަނޑު މިއައީ ޒަރުބަޚުތުގެ އިތުރަށް ކަލާގެ ޙަޔާތްޕުޅަށާއި އަބުރުފުޅަށްވެސް ނުރައްކާވެފައިވާ ވާހަކަ ދަންނަވާށެވެ. ޔަޤީނުންވެސް އޭނާ ކަލާގެ އަރިހަށް ވަޑައިގަންނަވާނެއެވެ. ގިނިކަންޏާ އޭނާއަށް އީރާނުގެ ރަސްކަމާ ހަނގުރާމަ ނުކުރެއްވޭނެކަން އޭނާއަށް ވިސްނައިދެއްވުމަކީ ކަލާގެ ވާޖިބެކެވެ."

"އެކަމަކު އޭނާ ކޮބައިތޯއެވެ؟"

"އަޅުގަނޑަށް އެކަން އެނގޭނެނަމައެވެ."

"އަޅުގަނޑުގެ ބޭބޭފުޅު ފަރަޚުޒާދު މަރުގެ އަނގަޔަށް ދޫކޮށްލައްވައިފައި ފިލައިވަޑައިގެންފާނެކަމަށް ކަލާއަށް ޚިޔާލުފުޅު ކުރެއްވޭތޯއެވެ؟"

"ނޫނެކެވެ. އަޅުގަނޑުގެ ހިތަށްއަރަނީ ފަހަރެއްގައި އޭނާ ޒަޚަމުވެވަޑައިގެންނެވުމަށްފަހު މާޔޫސްވެވަޑައިގެން ކޮންމެވެސްތަނަކުން ޙިމާޔަތް ހޯއްދަވާން މަސައްކަތް ކުރައްވައިފާނެކަމުގައެވެ."

"ކަލާއަށް ޝައްކުވެވަޑައިގަންނަވާނަމަ މިގެ ފާސްކުރެއްވިދާނެއެވެ."

އާދުމާނުގެ ލޯފުޅުން ކަރުނަފޮދު އޮހޮރޭން ފެށުމާއެކު ވިދާޅުވިއެވެ. "މިހާރު ކަންހުރިގޮތުން ކަލާ އަޅުގަނޑަކީ ޒަރުބަޚުތުގެ ދުޝްމިނެއްކަމުގައި ބެއްލެވިކަމުގައިވިޔަސް އަޅުގަނޑުގެ ޝަކުވާއެއްނެތެވެ. އަޅުގަނޑުގެ މޭފަޅައިފައި ކަލާއަށް އަޅުގަނޑުގެ ހިތް ދެއްކޭނެނަމައެވެ. އަޅުގަނޑަކީ އޭނާގެ ރަޙްމަތްތެރިޔަކީމެވެ. އަޅުގަނޑެކޭ އެއްގޮތަށް ޝާހީ ފާރަވެރީންގެ ލަޝްކަރުގެ އެތަކެއްހާސް ސިފައިންނަކީ އޭނާގެ ރަޙްމަތްތެރީންނެވެ. އެއެންމެންގެވެސް އެދުމަކީ ކަލާގެ ބޭބޭފުޅު ދުނިޔޭގައި ހުންނެވުމެވެ. އަޅުގަނޑަށް ޔަޤީނެވެ. އަނިޔާވެރިކަމާއި ޢަހުދު އުވައިލުމުގެ މައްޗަށް އެރަސްކަމެއްގެ ބިންގާ އެޅިފައިވާ ރަސްކަމެއް އީރާނުގެ ރައްޔިތުން މާގިނަދުވަހަކު ބަރުދާސްތެއް ނުކުރާނެއެވެ. ޚުރާސާނުގައި ފަރަޚުޒާދުގެ ދަރިކަލުންވެސް ހިމޭނަކުން ނުހުންނަވާނެއެވެ. އޭނާ ތޫފާނީ ނަގޫރޯޅިޔެއް ފަދައިން މަދާއިނަށް ފައިބައިވަޑައިގަންނަވާނެއެވެ. މިއަދު އާޒަރުމީދުޚުތަށް މަރްޙަބާކިޔާ މީހުން މާދަމާ ހުރިހައި މުސީބާތެއްގެ ޒިންމާ އަޅުވާނީ އެކަމަނާގެ އިސްތަށިފުޅުގައެވެ. އެކަމަކު މިވަގުތު ބުއްދިވެރިގޮތަކީ ކެތްތެރިކަމުގައި ސާބިތުވެތިބުމެވެ. ވަގުތު އަންނާންދެން އިންތިޒާރު ކުރުމެވެ. އޭނާ މަދާއިނުގައި ހުންނެވިކަމުގައިވާނަމަ ހުންނަވާނީ ކޮންމެވެސް ރަޙްމަތްތެރިޔެއްގެ ގޭގައެވެ. އަޅުގަނޑު އޭނާ ހޯދާނަމެވެ."

+ + + + +

ޒަރުބަޚުތު ހޭފުޅުއެރިއިރު އޮންނެވުނީ ތަނަވަސް ކޮޓަރިޔެއްގައެވެ. ބާވެފައިއޮތް ދޫލައެއްގެ މަތީގައެވެ. ލައްޕައިފައިހުރި ދޮރުފަތުގެ ދެފަޅީގެ ދޭތެރެއިންނާއި، ފުރާޅުގެ ކައިރީގައިހުރި އަލިވައްދާ ލޯވަޅަކުން ފަނޑުފަނޑު އަލިކަމެއް ކޮޓަރިޔަށް ވަދެއެވެ.

"އަހަރެން މިއޮތީ ކޮންތަނަކުބާވައެވެ؟" އޭނާ އަމިއްލަފުޅު ހިތްޕުޅާ ސުވާލުކުރެއްވިއެވެ. އޭނާގެ ހުރިހައި އިޙްސާސްތަކެއް ނިމިގެންދަނީ ބިރުވެރި އަނދިރިކަމެއްގެ ތެރެޔަށެވެ. ވޭތުވެދިޔަ ޙާދިޘާތަކުގެ ފަނޑު ހިޔަންޏެއްފަދަ ޚިޔާލުފުޅެއް އޭނާގެ ސިކުނޑިފުޅަށް ގެންނެވޭން ފަށައިފިއެވެ. އޭނާ ތެދުވެވަޑައިގެން އިސްތަށިފުޅުގައި ހިފަހައްޓަވައިގެން އިށީނދެވަޑައިގެންފިއެވެ. އޭނާގެ ލޯފުޅުގެ ކުރިމަތީގައި އަނދިރި ހިޔަންޏެއް ނަށަމުންދެއެވެ. އޭނާގެ ކަރުފުޅު ހިކިފައިވަނީ ވަރަށް ބޮޑަށެވެ. އޭނާ ވަނީ ފެންފޮދު ހިއްޕަވާހިތްޕުޅުން ހާލުކޮޅެއް ނެތިފައެވެ. އޭނާ ފިރުކިވަޑައިގަންނަވަމުން ދޮރުކައިރިޔަށް ވަޑައިގެންފިއެވެ. އޭނާ ދޮރުފަތުގެ ދެފަޅީގެ ދޭތެރެއިން ބޭރު ބައްލަވާން ފައްޓަވައިފިއެވެ. ތަނަވަސް މެދުގޯއްޗަކާއި ކަދުރު ރުއްތަކަކާއި އޭގެ ބިއްދަށުން އުސްފާރެއް ފެނިވަޑައިގަންނަވައެވެ.

އޭނާ އިރުކޮޅެއް ކޮށްލައްވައިފައި ދޮރުފަތުގައި ބާރަށް ތަޅުއްވާން ފައްޓަވައިފިއެވެ. ކުއްލިޔަކަށް ބަޔަކު ވާހަކަދައްކާ އަޑާއި އެމީހުން ހިނގައިފައި އަންނަ ފިޔަވަޅުގެ އަޑު އިވިވަޑައިގެންފިއެވެ. އޭނާ ދޮރުކައިރީން އެއްފަރާތަކަށް ޖެހިވަޑައިގެން ފާރުގައި ލެނގިވަޑައިގެން އިށީނދެވަޑައިގެންފިއެވެ. ހަތިޔާރުއެޅި ހަތަރު މީހެއް ދޮރު ހުޅުވައިލައިފައި އެތެރެޔަށް ވަދެއްޖެއެވެ.

"އަހަރެން މިއޮތީ ކޮންތަނަކުހެއްޔެވެ. ތިޔައީ ކޮންބައެއް ހެއްޔެވެ؟" އޭނާ ސުވާލުކުރެއްވިއެވެ.

"ހަތިޔާރުއެޅި ޒުވާނެއް ޖަވާބުދިނެވެ." ކަލޭ ވަނީ އަހަރެމެންގެ ޤައިދުގައެވެ. މިތަން މަދާއިނާ ވަރަށް ދުރެވެ. އެހެންކަމުން ހަޅޭއްލެވުމުގެ އެއްވެސް ފައިދާއެއްނެތެވެ."

"އަހަރެން މިތަނަށް ގެނެވުނީ ކާކުގެ އަމުރަކަށްހެއްޔެވެ؟"

"ކަލެޔާ މާގިނަ ވާހަކަ ދައްކާކަށެއް އަހަރެމެންނަކަށް އަމުރެއްނެތެވެ. ކަލޭގެ އެއްވެސް އެހީތެރިޔަކަށް މިތަނަކަށް ނާދެވޭނެއެވެ. މިހައިވަރަށް އެނގުމުން ކަލެޔަށް ފުދޭނެކަމުގައި ހީކުރަމެވެ."

ޒަރުބަޚުތު އިރުކޮޅަކު މަޑުކޮށްލައްވައިފައި ވިދާޅުވިއެވެ. "ތިޔަބައިމީހުންނަށް އަހަންނަށް ފެންފޮދެއް ދެވިދާނެހެއްޔެވެ؟"

ޒުވާނާ އޭނާގެ އެކުވެރީންނާ މުޚާޠަބުކޮށް ބުންޏެވެ. "މީނާއަށް ބޯފެނާއި ކާއެއްޗެހި ގެނެސްދޭށެވެ."

ދެމީހަކު ކޮޓަރީން ބޭރަށް ނުކުމެއްޖެއެވެ. އިރުކޮޅެއްގެފަހުން އެކަކު ފެންދޯރެއް ހިފައިގެން އަތުވެއްޖެއެވެ. އޭނާ ޖޯޑެއް ފުރައި ފެންއަޅައިފައި ޒަރުބަޚުތަށް ދިއްކޮށްލިއެވެ. ޒަރުބަޚުތު އެއްނޭވާފުޅުން ފެންޖޯޑު ހުސްކޮށްލެއްވިއެވެ. ނަމަވެސް އޭނާގެ ކަރުފުޅު ހިއްކުމެއް ނުފިލިއެވެ. އެހެންކަމުން އޭނާ އިތުރު ދެޖޯޑުފެން މަތިމައްޗަށް ހިއްޕަވައިލެއްވިއެވެ. ޒަރުބަޚުތު ފެންފޮދު ހިއްޕަވައި ނިމިވަޑައިގެންނެވިތަނާ އަނެކަކު ލަކުޑި ތައްޓަކަށް ރޮއްޓަކާއި ކަދުރާއި ޗީޒްކޮޅެއްލައިގެން ގެނެސް އޭނާގެ ކުރިފުޅުމަތީގައި ބަހައްޓައިފިއެވެ. ނަމަވެސް ޒަރުބަޚުތު ފަރީއްކުޅުއްވުމުގެ ބަދަލުގައި ހަތިޔާރުއެޅި މީހުނާއި ދެބައިކުޅަ އެއްބަޔަށް ހުޅުވިފައިހުރި ދޮރާ ދިމާޔަށް ބައްލަވާން އިންނެވީއެވެ. ބޭރުގައި ތަނަވަސް ގޯތިތެރޭގައި ގަސްގަހުގެ ހިޔަލުގައި ޖަމަލުތަކެއް ވިނަހަފައިލަ ހަފައިލައި ތިއްބެވެ. އެއަށްވުރެ ތަންކޮޅެއް ދުރުގައި ފިޔަފާޅިގަނޑެއްގެ ދަށުގައި އަސްތަކަކާއި ގެރިތަކެއްވެސް ތިއްބެވެ. ގޯތީގެ ދެންއޮތްބައި އޭނާއަށް ފެނިވަޑައިގަންނަވާވަރެއް ނުވެއެވެ. ނަމަވެސް ބަކަރިތަކެއް ގޮވާ އަޑު އިވިވަޑައިގަންނަވައެވެ. އެހެންކަމުން މިއީ ޖަލެއް ނޫންކަމާއި ކޮންމެވެސް ބިންވެރިޔެއްގެ ގެއެއްކަން ވިސްނައިވަޑައިގަންނަވާކަށެއް ޒަރުބަޚުތަކަށް އުނދަގޫފުޅެއް ނުވިއެވެ. ޒަރުބަޚުތު މަޑުމަޑުން ތަންކޮޅެއް ކުރިޔަށް ޖެހިވަޑައިގެން ބޭރު ބައްލަވަން މަސައްކަތްޕުޅު ކުރެއްވިއެވެ. ނަމަވެސް ހަތިޔާރުއެޅި ޒުވާނެއް އަވަސްއަވަހަށް ތެދުވެ ދޮރު ލައްޕައިލައިފިއެވެ. އޭނާ ލައިގެންހުރި ހެދުމުން ލަފާކުރެވޭގޮތުގައި އޭނާއަކީ ފާރަވެރީންގެ އޮފިސަރެވެ. އޭނާ ޒަރުބަޚުތާ މުޚާޠަބުކޮށް ބުންޏެވެ. "ކަލޭގެ ހިތުގައި ފިލަން މަސައްކަތްކުރުމުގެ ޚިޔާލު އުފެދޭކަމުގައިވާނަމަ ވިސްނައިލާށެވެ. ކަލެޔަށް ދޮރާއްޓާ ހަމަޔަށް ނުދެވެނީސް ހަތަރުފަރާތުން ދުނީގެ ވާރެޔާ ކުރިމަތިލާންޖެހޭނެއެވެ. އަހަރެންނަށް އަމަރު އައިސްފައިއޮތީ މިތާނގައި ކަލެޔަށް އެއްވެސްކަހަލަ އުނދަގުލެއް ވިޔަނުދިނުމަށެވެ. ކަލެއަށް މިވަގުތު މާރަނގަޅު ކެއުމެއް އިންތިޒާމުކޮށް ނުދެވުނީތީ އަހަރެން ދެރަވަމެވެ. އެކަމަކު ކުރިޔަށް އޮތްތާނގައި ކެއުމުގެ ރަނގަޅު އިންތިޒާމުތަކެއް ހަމަޖައްސައިދެވޭނެއެވެ. ކަލޭ ހިތްހަމަޖައްސައިދޭން އަހަރެމެންނަށް ބުނެވޭންއޮތްހައިވެސް ވާހަކަޔަކީ ކަލޭ ހައްޔަރުކުރި މީހުން ކަލޭ ދިރިހުންނަން އެދޭވާހަކައެވެ."

ޒަރުބަޚުތު ވިދާޅުވިއެވެ. "ފަރަޚުޒާދުގެ ގަނޑުވަރުން އަހަރެން މިތަނަށް ގެނެވުނުގޮތެއް އޮޅުންފިލުވައިދީފިނަމަ ކަލޭގެ ހުރިހައި އަމުރަކަށްވެސް އަހަރެން ކިޔަމަންވާނަމެވެ."

(ނުނިމޭ)