ޕީއެސް 5 ތައާރަފުކުރުން ލަސްކޮށްފިއެވެ.
ޕީއެސް 5 ތައާރަފުކުރުން ލަސްކޮށްފައިވަނީ ޖޯޖް ފްލޮއިޑް މަރާލުމާއެކު އެމެރިކާގެ އެކި ސިޓީތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެންކަމަށް ސޮނީ އިން ވަނީ ބުނެފައެވެ.
ސޮނީގެ ޕީއެސް 5 ލޯންޗުކުރުމަށް ފުރަތަމަ ނިންމާފައިވަނީ މިއަދުއެވެ.
ސޮނީ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ދުނިޔޭގެ އެކިކަންކޮޅުތަކުން އެތައްބަޔަކު ޕީއެސް 5 އަށް ދިޔައީ އިންތިޒާރު ކުރަމުން ކަމަށާއި ނަމަވެސް މިދަނޑިވަޅަކީ ހަފްލާތައް ބާއްވަން އެހާ ރަނގަޅު ދަނޑިވަޅެއް ނޫން ކަމަށެވެ. ސޮނީ އިން ބުނީ ބޭނުންވަނީ ގިނަބަޔަކަށް މިކަމުގެ އަޑު ފޯރާގޮތް ހެދުމަށް ކަމަށެވެ.
އެތައް ބަޔަކު އިންތިޒާރު ކުރަމުން އަންނަ ޕީއެސް 5 އަކީ އެހެން ޕީއެސް ތަކާ ހިލާފު ތަފާތު ޕީއެސް އަކަށް ވާނެކަމަށް ސޮނީ އިންޓަރެކްޓިވް އެންޓަޓައިމަންޓް ގެ ރައީސް އަދި ސީއީއޯ ޖިމް ރޭއަން ކުރީން ދިން އިންޓަވިއުއެއްގައި ވަނީ ބުނެފައެވެ.
ޕީއެސް 4 އަކީވެސް ގޭމިން އިންޑަސްޓްރީއަށް އިންގިލާބެއް ގެނުވި ކޮންސޯލެކެވެ. ނަމަވެސް އޭގެ އެތައްގުނަ ކުރިއެރުންތަކާއެކު ޕީއެސް 5 ވެގެންދާނީ ގޭމިން އަށް މުޅީން އާ ކަންތައްތަކެއް ފެނިގެން ދާނެ ކޮންސޯލަކަށެވެ.
ސޮނީ އިން ޕީއެސް 5 ގެ މާގިނަ މައުލޫމާތުތަކެއް އަދި ހާމަކޮށްފައި ނުވެއެވެ.