އަންނަ އަހަރުގެ އޭޕަރީލް މަހުގެ ހަވަނަ ދުވަހު ބާއްވަން ނިންމާފައިވާ މަޖިލިސް އިންތިހާބުގައި ރީ ރެޖިސްޓްރީ ކުރަން ޖެހޭނީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ރެޖިސްޓްރީކުރި ތަން ނޫން އެހެން ތަނެއްގައި ވޯޓުލާން ޖެހޭ ނަމަ އެކަނި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
މަޖިލިސް އިންތިހާބާ ގުޅޭ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މިއަދު ވިދާޅުވީ މަޖިލިސް އިންތިހާބުގެ ރީރެޖިސްޓްރޭޝަނަކީ އާންމުން ވަރަށް ބޮޑަށް ހޭލުންތެރިވާން ޖެހޭ ކަމެއް ކަމަށެވެ.
އޭނާ ވިދާޅުވީ މިދިޔަ ރިޔާސީ އިންތިހާބުގެ ރީރެޖިސްޓްރޭޝަންގައި ދިމާވި ފަދަ މައްސަލަތައް ހައްލުކުރުމަށް މިފަހަރު ގިނަ ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ.
"ރީރެޖިސްޓްރޭޝަންގެ ފޯމުގައި ވާނީ މި ފަހަރު ވަރަށް މުހިއްމު ބައިތަކެއް ވެސް ހިމަނާފައި،" އޭނާ ވިދާޅުވިއެވެ.
މަޖިލީހުގެ އިންތިހާބުގެ ވޯޓާސް ލިސްޓު ފައިނަލް ކުރުމުގެ މަސައްކަތް މިހާރު އިލެކްޝަންސް އިން ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.