ރައްޔިތުންގެ މަޖިލިސް

ކުރީގެ ނައިބު ރައީސުންނަށް އިނާޔަތް ލިބޭ ބިލެއް މަޖިލީހަށް ހުށަހަޅައިފި

ޝަހީދާ އަބްދުﷲ ސައީދު

1

ރާއްޖޭގެ ނާއިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅުން ކުށްވެރި ނުވެ މަގާމުން ވަކިވެވަޑައިގެންފި ނަމަ އިނާޔަތާއި ރައްކާތެރިކަން ލިބޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ބިލާ ގުޅޭ ގޮތުން ''ވަންއޮންލައިން''އަށް ދެއްވި އިންޓަވިއުއެއްގައި ސަލީމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކުރައްވާފައިވާ ބޭފުޅުންނަށް ވެސް ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުންނަށް ދޭ ވަރުގެ ރައްކާތެރިކަމާއި އިނާޔަތެއް ދޭންޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އަދި ނައިބު ރައީސުންނަކީ ރައީސުލްޖުމްހޫރިއްޔާ އަވަހާރަވުން ނުވަތަ އެނޫންވެސް ހާލަތެއް ކުރިމަތިވުމުން ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތު އަދާކުރަންޖެހޭނެ ބޭފުޅެއް ކަމަށް ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ މަގާމުން ވަކިވި ނަމަވެސް ކުރިމަތިވެދާނެ ނުރައްކާތެރި ހާލަތްތަކުގައި ވެސް އެބޭފުޅުންނަށް ރައްކާތެރިކަން ލިބިދޭން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އެގޮތުން ހަނގުރާމައިގެ ހާލަތަކަށް ގައުމު ދިއުން ނުވަތަ އެނޫންވެސް ނުރައްކާތެރި ހާލަތެއް ކުރިމަތިވެއްޖެނަމަ މިހާރު ގާނޫނުގައި އޮންނަ ގޮތުން ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންނަށް ލިބިވަޑައިގަންނަވާ ރައްކާތެރިކަމާއި އިނާޔަތެއް ނެތްކަން ސަލީމް ފާހަގަކުރެއްވިއެވެ.

ސަލީމް ހުށަހެޅުއްވި ބިލްގައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމުގައި ހުރި މީހަކު، ކުށްވެރިނުވެ، އެ މަގާމުން ވަކިވެއްޖެ ނަމަ، ދައުލަތުގެ އެންމެ މަތީވެރިޔާގެ ނައިބަށް ދޭން ޖެހޭ އިއްޒަތާއި ގަދަރާއި އެކަށީގެންވާ ފަދަ ރައްކާތެރިކަމާއި އިނާޔަތްތައް އެބޭފުޅުންނަށް ވެސް ލިބެން ވާނެ ކަމަށެވެ.

ބިލްގައިވާ ގޮތުން، ނައިބު ރައީސްކަން ކޮށްފައިވާ މީހަކަށް ދައުލަތުގެ ސަލާމަތީ ބާރުތައް މެދުވެރިކޮށް، ހިމާޔަތާއި ރައްކާތެރިކަން ދައުލަތުން ފޯރުކޮށްދޭން ޖެހެ އެވެ.

ދައުލަތުގެ ބަޖެޓުން މިހާރު އިނާޔަތާއި ރައްކާތެރިކަން ދެނީ ރައީސްކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނަށެވެ. އެގޮތުން، އޮފީސް ހިންގުމުގެ ޚަރަދާއި ދިރިއުޅުއްވާ ތަނުގެ ޚަރަދު ހަމަޖެއްސުމަށާއި މާލީ އިނާޔަތުގެ ގޮތުގައި ފައިސާ ދިނުމަށް ބަޖެޓުގައި ކޮންމެ އަހަރަކު ވެސް ހިމަނަ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟