މުހައްމަދު އައުޒަމް
ވޯލްޕޭޕާގެ ގޮތުގައި މިފޮޓޯ ބޭނުންކުރުމުން އެންޑްރޮއިޑް ފޯނުތަކަށް މައްސަލަދިމާވާން ފަށައިފިއެވެ.
އެންޑްރޮއިޑް ފޯނުތައް ބޭނުންކުރާ ގިނަބަޔަކު ވަނީ މިހާރު ދިމާވަމުންދާ މައްސަލަތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯގައި ފެންނަނީ ކޯރެއްގެ މަންޒަރެކެވެ. ދުރުން ނަގާފައިވާ މިމަންޒަރުން ކޯރަކާ ދިމާލުން އިރުއޮއްސޭއިރު އުޑުމަތި ބަނަވެފައި ވާކަން ފާހަގަ ކުރެވެއެވެ. ނަމަވެސް މި ފޮޓޯ ބޭނުން ކުރުމުން ފޯނުތަކަށް މައްސަލަ ދިމާވަނީ ކީއްވެކަމާމެދު ގިނަބަޔަކު އަންނަނީ ސުވާލުކުރަމުންނެވެ.
މަޝްހޫރު އެންޑްރޮއިޑް ބްރޭންޑުތަކުގެ ތެރޭގައި ހިމެނޭ ސެމްސަންގް އަދި ގޫގުލްގެ ޕިކްސެލް ބޭނުންކުރާ ފަރާތްތަކުންވެސް ވަނީ މައްސަލަ އުޅޭކަން ފާހަގަ ކޮށްފައެވެ.
މިފޮޓޯ ފޯނުގެ ވޯލްޕޭޕާގެ ގޮތުގައި ބޭނުން ކުރުމުން އިރުއިރުކޮޅާ ފޯނުގެ ޑިސްޕްލޭ ނިވޭކަން ފާހަގަވެފައި ވެއެވެ. އަދި ބައެއް ފޯނުތައް އަމިއްލައަށް ރީސެޓު ވާކަން ވަނީ ފާހަގަ ކުރެވިފައެވެ.
އެންޑްރޮއިޑްގެ ފޯނުތަކުގެ ތެރެއިން އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމް 10 ބޭނުންކުރާ ފަރާތްތަކުގެ ފޯނުތަކަށް މިމައްސަލަ ދިމާވާކަން ވަނީ ފާހަގަ ކުރެވިފައެވެ. އެންޑްރޮއިޑްގެ ފަހުގެ ވާޝަން އެންޑްރޮއިޑް 11 މި ހަފްތާގައި ލޯންޗުކުރުމަށް ނިންމާފައި ވީ ނަމަވެސް ފަހުގެ ތާހަކަށް ވަނީ ލަސްކޮށްފައެވެ.
ޓެކްނޮލޮޖީ އެކްސްޕާޓުން ވަނީ އެންޑްރޮއިޑް ފޯނުތަކަށް ދިމާވެފައިވާ މި މައްސަލަޔަކީ ފޯނުތައް އުފެއްދުމުގައި ސޮފްޓްވެއާ ޑިވޮލަޕަރުންނަށް ހެދިފައިވާ ގޯހަކުން ދިމާވާ މައްސަލައަކަށް ވެދާނެކަމަށް ބުނެފައެވެ.