މުހައްމަދު އައުޒަމް
އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އިން ދުނިޔޭގެ ވައިގެ ދަތުރުފަތުރު ފެށުމަށް އަމަލުކުރަންޖެހޭ ގައިޑްލައިންތައް ގާއިމްކުރުމަށް އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އަޔާޓާ) އިން ހުރިހާ ގައުމުތަކަށް ގޮވާލައިފިއެވެ.
އައިކާއޯގެ "ޓޭކްއޮފް" ގައިޑްލައިންގައި ބައިންލައަގުވާމީ ވައިގެ ދަތުރުފަތުރު ރައްކާތެރިގޮތުގައި ފެށުމަށް ބޭނުންވާ ވަގުތީ ގަވާއިދު ތަކެއް ފާހަގަ ކޮށްފައިވެއެވެ.
އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އަޔާޓާ) ސީއީއޯ އަދި ޑިރެކްޓަރު ޖެނެރަލް އެލެގްޒެންޑަ ޑި ޖުނިއަކް ވިދާޅުވީ ބައިނަލްއަގުވާމީ ވައިގެ ދަތުރުތައް ރައްކާތެރިކަމާއެކު ފެށުމަށް ގިނަ ގައުމުތަކުން ތައްޔާރުވާން ފަށާފައިވާ ކަމަށާއި މިފަދަ ދަނޑިވަޅެއްގައި ބޯޑަރުތަކާއި ގައުމުތަކުގެ އިގްތިސާދު ފެށުމަށް ވަރަށް ރައްކާތެރި ވާން ޖެހޭނެ ކަމަށެވެ.
އެލެގްޒެންޑަ ވަނީ "ޓޭކްއޮފް" ގައިޑްލައިން އަކީ ގައުމުތަކާއި އޭވިއޭޝަން އިންޑަސްޓްރީއަށް މިދަނޑިވަޅުގައި އެހީތެރިވުމަށް އުފައްދާފައިވާ ގައިޑްލައިނެއް ކަމަށް ފާހަގަކުރައްވައިފައެވެ.
އެލެގްޒެންޑަ ވިދާޅުވީ ގިނަ އެއާލައިންތަކުން މިގައިޑްލައިން ފުރިހަމަޔަށް ބަލައިގެންފައިވާ ކަމަށާއި ސަރުކާރުތަކުން މިގައިޑްލައިން ތަންފީޒުކުރަން ވީހާވެސް އަވަހަށް ފެށުމަށް ގޮވާލާކަމަށެވެ.
މިދަނޑިވަޅަކީ ބައިނަލްއަގުވާމީ އުދުހުންތައް ރައްކާތެރިކަމާއެކު ފަށައި އެއާލައިންތަކުން ގައުމުތަކުގެ އިގްތިސާދު އަނބުރާ ކޮޅަށް ޖެހުމަށް އިސް ރޯލެއް އަދާކުރަންވީ ދަނޑިވަޅުކަމަށް އެލެގްޒެންޑަ ވިދާޅުވިއެވެ.
އައިކާއޯގެ "ޓޭކްއޮފް" ގަައިޑްލައިންގައި ގައުދުރުކަން ބަހައްޓަން ޖެހޭނެ ގޮތްތަކާއި މޫނު ނިވާކުރުމާއި މާސްކު އަޅަންޖެހޭ ގޮތްތަކާއި ސެނިޓައިޒް ކުރުމާއި ހެލްތު ސްކްރީނިންގެ އިތުރުން ކޮންޓެކްޓް ޓްރޭސިންގެ ކަންކަން ހަމަޖައްސަން ޖެހޭގޮތްތައް ފާހަގަ ކޮށްފައިވެއެވެ. މީގެއިތުރުން މި ގައިޑްލައިންގައި ޓެސްޓު ކުރުމާއި ފަސިންޖަރުންގެ ރައްކާތެރިކަމަށް ފުރަން ޖެހޭ ފޯމްތަކާބެހޭ ގަވާއިދުތަކެއްވެސް ފާހަގަ ކޮށްފައިވެއެވެ.