އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގައި އިތުރުފުޅު ހައްދަވާފައިވާ ކަމަށްބުނެ ސިވިލްސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރުކަމުން ފާތިމަތު އާމިރާ ވަކިކުރަން ނިންމައި އެމަސައްކަތް ކުރިޔަށް ގެންދަން ކޮމިޓީން ފާސް ކޮށްފިއެވެ.
އެކޮމިޓީން މިގޮތަށް ނިންމައި ފާސްކުރީ ރޭ ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައެވެ.
ފަސް މެންބަރުން ހިމެނޭ ސިވިސްސާވިސް ކޮމިޝަންގައި އާމިރާ ފިޔަވައި ދެއް ތިންބެވި ހަތަރު މެންބަރުން ކަމަށްވާ، ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް އާއި ކޮމިޝަންގެ ނައިބު ރައީސް ޝަހީދު މުހައްމަދާއި މެންބަރުންގެ ގޮތުގައި ތިއްބެވި ޒަކަރިއްޔާ ހުސެއިނާއި އިބްރާހިމް ޝަހީގު މެންބަރުކަމުން ވަކިކުރަން މީގެ ކުރިން އެ ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
ނަަމަވެސް އެ ގޮތަށް ފާސްކޮށްފައިވަނީ، ފަސް މެންބަރުން ބައިވެރިވަޑައިގެންނެވި ކޮމިޓީގެ ބައްދަލުވުމެއްގައި ތިން މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެހެންކަމުން ކޮމިޓީގެ ގިނަ މެންބަރުންތަކެއްގެ ވޯޓާއެކު އަލުން އެ މެންބަރުން މަގާމުން ވަކިކުރަން ކޮމިޓީން ފާސްކުރަން، އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވުމަށްފަހު ވަނީ އަނބުރާ ކޮމިޓީއަށް ގެންގޮސްފައެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ރޭގެ ބައްދަލުވުމަށް އާމިރާ ވަކި ކުރުމުގެ މައްސަލަ ހުށަހެޅުއްވީ، ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގެވެ.
އޭނާ ވިދާޅުވީ، މީގެކުރިން ސިވިލްސާވިސް ކޮމިޝަނާ ބެހޭ މައްސަލައެއްގައި އާމިރާ ކޮމިޓީއަށް ހާޒިރު ކުރުމުން ކޮމިޓީއަށް މައުލޫމާތު ދެއްްވަމުން މެންބަރުންގެ ކުރިމަތީގައި އިތުރުފުޅު ހައްދަވާފައިވާ ކަމަށެވެ. އަދި އެކަމާބެހޭ އޯޑިއޯއެއް ލީކުވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ސީއެސްސީގެ މެންބަރުކަމުން އާމިރާ ވަކިކުރަން ކޮމިޓީން ރޭ ފާސް ކުރި ނަމަވެސް އޭނާ މެންބަރުމުން ވަކި ކުރެވޭނީ، އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގައި އިއުލާން ކުރެއްވުމަށްފަހު އެކަމާ ބެހޭ މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް ކޮމިޓީގައި ދެންނެވުމުންވެ.
ކޮމިޓީގައި އެ މަސައްކަތް ކުރިޔަށް ގެންދާއިރު ޖަވާބުދާރީވެވަޑައިގަތުމުގެ ފުރުސަތު އާމިރާއަށް ދޭން ޖެހޭނެއެވެ.
ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުކަމަށް ފާތިމަތު އާމިރާ އައްޔަންކުރީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހުއެވެ.