ޖިންސީ ގުޅުން ހިންގާއިރު މާސް ނޭޅުމަކީ، ކޮވިޑް 19 އިތުރަށް ފެތުރުމުގެ ފުރުސަތު ބޮޑު ކަމެއް ކަމަށް ހާވާޑް ޔުނިވަސިޓީގެ އާ ދިރާސާއެއްގައި ބުނެފި އެވެ.
ހާވާޑް ޔުނިވަސިޓީގެ މި ދިރާސާގެ ހަބަރުތައް ދުނިޔޭގެ ބޮޑެތި މީޑިއާތަކުން މިއަދު ވަނީ ރިޕޯޓުކޮށްފަ އެވެ.
މި ދިރާސާގައި ބުނެފައި ވަނީ ކޮރޯނާ ވައިރަސް ފެތުރުން ކުޑަކުރުމަށް ޓަކައި، ސިއްހީ ގޮތުން ރައްކާތެރި ގޮތުގައި ޖިންސީ ގުޅުން ހިންގުމަށް ކޮވިޑު ވަބާގެ މި ދުވަސްވަރުގައި ކޮންމެހެންވެސް ސަމާލުކަން ދޭން ޖެހޭ ކަމަށެވެ. އެކަށީގެންވާ ފިޔަވަޅުތައް ނާޅައިފި ނަމަ، ދެމަފިރިން ވެސް ބައްޔަށް ހުށަހެޅިގެން ދިޔުމުގެ ފުރުސަތު ބޮޑު ކަމަށް މި ދިރާސާގައި ބުނެފައި ވެއެވެ. އެ ގޮތުން އެންމެ މުހިންމު އެއް ކަމެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ، މި ބައްޔަކީ މައިގަނޑު ގޮތެއްގައި ނޭވާލާ ނިޒާމުގެ ޒަރީއާއިން ފެތުރޭ ބައްޔެއް ކަމަށްވާތީ، ޖިންސީ ގުޅުން ހިންގާ ވަގުތު މާސްކް އެޅުމަށް ސަމާލުކަން ދިނުމަށެވެ.
ދެމަފިރީން އެއް ގެޔެއްގައި ފުރަބަންދުގައި އެތައް ދުވަހެއް ވާންދެން ތިބޭ ހާލަތުގައި، މި ރިސްކު ކުޑަ ނަމަވެސް، އެއީވެސް އެއްވެސް މިންވަރަކަށް ރިސްކު ނެތް ހާލަތެއް ނޫން ކަމަށް މި ދިރާސާގައި ވަނީ ފާހަގަކޮށްފަ އެވެ. އެ ގޮތުން ގެއިން މީހުން ބޭރަށް، ކަސްރަތުކުރުން ނުވަތަ އެނޫންވެސް ޒަރޫރީ ކަންކަމުގައި ދާ ނަމަ އޭނާ އަނބުރާ ގެޔަށް އަންނަ އިރު ވައިރަސް ގެޔަށް އައުމުގެ ފުރުސަތު އޮންނާނެ ކަމަށް ދިރާސާގައި ފާހަގަކޮށްފައި ވެއެވެ.
"އެކަމަކު ބައިވެރިޔާ އުޅެނީ އެހެން ގެޔެއްގައި ނުވަތަ އެހެން ތަނެއްގައި ކަމަށްވެފައި، އޭނާއާ ބައްދަލުކޮށް ޖިންސީގުޅުން ހިންގާ ނަމަ، ރައްކާތެރިކަމުގެ ފިޔަވަޅުތައް ކޮންމެހެން ވެސް އެޅުން މުހިންމު. އެއީ އެހާލަތުގައި އަނެއް ބައިވެރިޔާ ބައްޔަށް ހުށަހެޅިފައިވާ މިންވަރު އެނގޭނެ ގޮތެއް ނޯންނާނެ. މިހާލަތުގައި މާސްކް އެޅުން މުހިންމު. ދޮންދިނުން ފަދަ ކަންކަން ނުކުރުމާއި، ޖިންސީ ގުޅުން ހިންގުމުގެ ކުރީންނާއި އޭގެ ފަހުން ރަނގަޅަށް ފެންވެރުން، އަދި ތަންމައްޗާއި އެ ސަރަހައްދުން ރަނގަޅަށް ޖަރާސީމު ފިލުވުން ކޮންމެހެން މުހިންމު." ދިރާސާގައި ބުނެފައި ވެއެވެ.
މީގެ އިތުރުންވެސް ގިނަ ކަންތައްތަކެއް މި ދިރާސާގައި ވަނީ ފާހަގަކޮށްފަ އެވެ. މި ދިރާސާ އަމާޒު ކޮށްފައި ވަނީ ކޮވިޑް 19 މުޖުތަމައު ތެރެޔަށް ފެތުރިފައިވާ ތަންތަނަށެވެ.
ކޮވިޑް 19 ފެތުރުން ކޮންޓްރޯލު ކުރުމުގެ އެކި ކަންކަމާއި ގުޅޭ އެކި ދިރާސާތައް ދުނިޔޭގެ ބޮޑެތި ޔުނިވަސިޓީތަކުން ކުރަމުން އަންނަ އިރު، އޭގެން އެންމެ އިތުބާރު ހިފޭ އެއް ޔުނިވަސިޓީއަކީ ހާވާޑް ޔުނިވަސިޓީ އެވެ. ކޮވިޑުގެ މިހާލަތުގައި ޖިންސީ ގުޅުން ހިންގުމަކީ، އެކަމުގައި ވިސްނަން ޖެހޭ ސީރިއަސް ނުކުތާ ތަކެއް ހުންނަ ކަމެއްކަމުން، މި ކަމާ ގުޅުން ހުރި ގައިޑްލައިންތައްވެސް ދުނިޔޭގެ ބައެއް ގައުމުތަކުގައި ވަނީ ޝާއިއުކޮށްފައެވެ.
ކޮރޯނާ ވައިރަސް އެންމެ ފަސޭހައިން އަރަނީ، ކެއްސައި ކިނބި އަޅާއިރު ނުކުންނަ ޖަރާސީމުން ކަމަށްވާ އިރު، މި ބަލި ފެތުރުން ހުއްޓުވުމަށް ސިއްހީ މާހިރުން އެންމެ ބޮޑަށް އިރުޝާދު ދެއްވާ އެއް ކަމަކީ އަނގަޔާއި ނޭފަތް ހިމެނޭ ސަރަހައްދު ބަންދުކުރުމެވެ. ނިއު ނޯމަލްއަށް ދުނިޔޭގެ ގިނަ ގައުމުތަކަކުން އަންނަ އިރު، ބޭރަށް ނުކުންނަ އިރު މާސް އެޅުން ބައެއް ގައުމުތަކުގައި ވަނީ ލާޒިމުކޮށްފަ އެވެ. ރާއްޖޭގައި ވެސް ސިއްހީ މާހިރުން ގެންދަވަނީ ބޭރަށް ނުކުންނަ އިރު މާސްކް އަޅައިގެން އުޅުމަށް އިރުޝާދު ދެއްވަމުންނެވެ.