އަލީ ޔާމިން
މާލޭގައި ކޮވިޑް 19 ފެތުރެން ފެށުމާއެކު މާލެ ލޮކްޑައުން ކުރިއެވެ. އެއާއެކު ބައެއް ވިޔަފާރިތައްވެސް ބަންދުކުރެވި އޮންލައިންކޮށް ހިދުމަތް ދޭން ފެށިއެވެ. ނަމަވެސް ބައެއް ވިޔަފާރިތަކަކީ ޑެލިވަރީގެ ހިދުމަތްވެސް ނުދެވޭނެ ފަދަ ވިޔަފާރިތަކެކެވެ. އޭގެ ތެރޭގައި ސެލޫންތަކުގެ ހިދުމަތް ހިމެނެއެވެ.
ސެލޫންތަކަކީ ދިވެހިންގެ އާންމު ދިރިއުޅުމާ ގުޅިފައިވާ ތަނެކެވެ. ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު ސެލޫންތަކުން ހިދުމަތް ހޯދައެވެ. ކުޑަމިނުން މޫނުގައި ނަގާ ބިއްސެއް ފަޅައިލުމަށްވެސް ބައެއް މީހުން ދަނީ ސެލޫނަށެވެ. އޮފީހަށް ދިއުމުގެ ކުރިންނާއި އިވެންޓްތަކަށް ދިއުމުގެ ކުރިން ރީތިވެލުމަށްވެސް ގޮސް އުޅެނީ ސެލޫންތަކަށެވެ. ގަވައިދުން ބުމަ ހަދާ މީހުންވެސް ދިވެހިންގެ ތެރޭގައި ގިނައިރު އެމީހުންގެ އެންމެ ގާތް އެކުވެރިޔަކަށްވެސް ވެފައިވަނީ ސެލޫންތަކެވެ.
ސެލޫންތައް ބަންދުކޮށްފައި ހުންނަތާ މިހާރު މަހަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު، އެތައް ބަޔަކު ތިބީ އެ ހިދުމަތް ހޯދުމަށް ކެތް މަދުވެފައެވެ. އިސްތަށިގަނޑު ކޮށައިލުމަށާއި، ރަނގަޅު ޓްރީޓްމަންޓެއް ނަގަން ބޭނުންވެފައި ތިބި މީހުންވެސް ބައިވަރެވެ. ބޮޑީ ވެކްސް ކުރަން ބޭނުންވާ މީހުންވެސް ތިބީ އެކަން ކުރާނެ ގޮތެއް ނޭނގި ގޮތް ހުސްވެފައެވެ. އާންމުކޮށް ސެލޫންތަކުން ހިދުމަތް ހޯދާ ގިނަ މީހުން މިއަދު ތިބީ ކަރު އެލުވާލައިގެން މާޔޫސްކަމުގައެވެ.
ނަމަވެސް ސެލޫންތައް ބަންދުކުރިޔަދް މާޔޫސް ވާކަށް ނުޖެހެއެވެ. މިއީ، ހަންގަނޑަށާއި، އިސްތަށިގަނޑުގެ އިތުރުން މުޅި ހަށިގަނޑަށް އަރާމެއް ހޯދުމަށް އެންމެ އެކަށީގެންވާ ވަގުތުކަމަށް ވުމުންނެވެ. ގޭގައި ތިބެގެންވެސް ކޮންމެހެން ބޭނުންވާ ކަންކަން ކޮށްލެވޭނެ މަގު ފަހިވެފައިވާތީއެވެ. ހޯމް ރެމެޑީސް ބޭނުންކޮށްގެން ފަރުވާ ހޯދަން ޖެހޭ ވަގުތަކީ މިއީއެވެ. ދާއިރާގެ މާހިރުންވެސް ތާއީދު ކުރާ ގޮތަކީ މިއީއެވެ.
ދިވެހިންގެ މެދުގައިވެސް މަޝްހޫރު ސެލޫނެއް ކަމަށްވާ ކޮކޯ ޝިކްގެ މެނޭޖިން ޑިރެކްޓަރު އައިޝަތު އަފްރާ މުހައްމަދު (އަނާ) ވިދާޅުވީ، މާދަމާ ސެލޫންތައް ހުޅުވާލަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހުއްދަ ދިން ނަމަވެސް އެސްއޯޕީތަކާއެކު ސެލޫން ހުޅުވާލުމަށް ތައްޔާރަށް ތިބި ކަމަށެވެ. ސެލޫން ނުހުޅުވި ފާއިތުވެގެން މިދިޔަ ދުވަސްތަކުގައި އެތައް ކަސްޓަމަރުންނެއްގެ ފޯނު ކޯލު ލިބުނު ކަމަށް އަނާ ވިދާޅުވިއެވެ. ސެލޫންގެ ހިދުމަތް ގަވައިދުން ހޯދާ ފަރާތްތަކަށް އަނާގެ އޮތީ ކުޑަ ނަސޭހަތެކެވެ.
"ސެލޫންތައް ނުހުޅުވުނަސް ހަގީގަތުގައި ގޮތް ހުސްވެ، މާޔޫސްވާކަށް ނުޖެހޭ. ގޭގެ ބަދިގެ ތެރެއިންވެސް ބޭނުންވާ ކަންކަން ކޮށްލެވިދާނެ. ހޯމް ރެމެޑީސް ބޭނުންކޮށްގެން ހަށިގަނޑަށް ފަރުވާކުރަން އެންމެ ރަނގަޅު ވަގުތަކީ މިއީ" އަނާ ވިދާޅުވިއެވެ.
ކޮވިޑާ ގުޅިގެން މާލެ ލޮކްޑައުންކޮށްފައިވާއިރު، ގިނަ މީހުން މިވަގުތު ތިބެނީ ގެތަކުގައި އަމިއްލަޔށް ބަންދުވެގެންނެވެ. އާންމުކޮށް މާލޭގެ ގިނަ ގެތަކަކީ އެއާ ކަންޑިޝަންކޮށްފައި ހުންނަ ގޭގެއެވެ. އެހެންކަމުން ގިނަ ވަގުތު ހޭދަކުރެވޭނީ އޭސީ ދޮށުގައެވެ. ނަމަވެސް މިއީ ވިސްނާލުން މުހިންމު ކަމެކެވެ. އޭސީ ދޮށުގައި ގިނަ ވަގުތު ހޭދަކުރުމަކީ ހަންގަނޑު ވަރަށް ފަސޭހައިން ކުރަކިވެ، ފަޅައިގެން ދިއުމަށް މަގުފަހިވާ ކަމެކެވެ. އެހެންކަމުން، ގިނައިރު އޭސީގައި ވަގުތު ހޭދަކުރިމަކީ ރައްކާތެރިކަމެއް ނޫނެވެ. އަދި ކޮންމެ ދުވަހަކުވެސް ކޮންމެވެސް އެއްގަޑިއެއްގައި އިރުގެ އަލި ހަށިގަނޑަށް ލިބޭ ތަނަކަށް ދިއުމަކީ ހާއްސަ އިސްކަމެއް ދީގެން ކުރަން ޖެހޭ ކަމެކެވެ. ގޭގައި ތިބޭއިރު ރަނގަޅު މޮއިސްޗާ ލޯޝަނެއް ހަށިގަނޑުގައި އުނގުޅުމަކީ މުހިންމު ކަމެކެވެ. އަދި ހަންގަނޑުގެ ދުޅަހެޔޮކަމަށް ގިނައިން ފެންބުއިމަކީވެސް މުހިންމު ކަމެކެވެ.
ސެލޫންތައް ބަންދުކޮށްފައި ހުރުމުން ޒީނަތްތެރިވުމުގެ ގޮތުން ކުރަން ޖެހޭ ގިނަ ކަންކަން މި ކުރަން ޖެހެނީ ގޭގައި ތިބެގެންނެވެ. އެގޮތުން ގޭތެރޭގެ މާހައުލުން އާންމުކޮށް ލިބޭ ތަކެތި ބޭނުންކޮށްގެން ތައްޔާރުކުރާ ހޯމް ރެމެޑީސްއަކީ މިވަގުތު ޒީނަތްތެރިވުމުގެ ގޮތުން ބޭނުން ކުރުން އެންމެ ރަނގަޅު ބާވަތްތައް ކަމުގައި ބިއުޓީޝަނުން ދެކެއެވެ. އެއީ ހޯމް ރެމެޑީސްއަކީ އެއްވެސް ކެމިކަލްއެއް އޭގައި އެކުލެވޭ އެއްޗަކަށް ނުވުމުން އެ ބޭނުން ކުރުމުންވެސް އޭގެ ނޭދެވޭ އަސަރު ހަށިގަނޑަށް ނުކުރާނެތީއެވެ.
ހޯމް ރެމެޑީސް ބޭނުންކޮށްގެން އެންމެ ފަސޭހައިން ތައްޔާރުކޮށްލެވޭނެ އެކައްޗަކީ ޓިއުމެރިކް ފޭސް މާސްކެވެ. އެތައް ގޮތަކަށް ޓިއުމެރިކް ފޭސް މާސްކް ތައްޔާރު ކުރެވެއެވެ.
އާދައިގެ ޓިއުމެރިކް ފޭސް މާސްކް ތައްޔާރުކުރަން ބޭނުންވާނެ ތަކެތި:
1/4 މޭޒުމަތީ ސަމުސާ ރީނދޫ
1/2 މޭޒުމަތީ ސަމުސާ މާމުއި
1 ސަމްސާ ޔޯގަޓް/ކިރު
ތައްޔާރު ކުރާނެ ގޮތް:
ފުރަތަމަ ކުޑަ ތައްޓަކަށް ރީނދުލާއި މާމުއި އަދި ޔޯގަޓް ނުވަތަ ކިރު އެޅުމަށްފަހު ރަނގަޅަށް ގަށައިލާށެވެ. އެއަށްފަހު އެއްކުރި ތަކެތި މާސްކެއް ގޮތަށް މުޅި މޫނުގައި އުނގުޅާލާށެވެ. ދެން އެއަށްފަހު 10-15 މިނެޓު ބެހެއްޓުމަށް ފަހު ތާފެނާ ފެންފޮދަކުން ދޮވެލާނީއެވެ. ޓިއުމެރިކް މާސްކް މޫނުގައި އެޅުމުގެ ކުރިން މޫނު ރަނގަޅަށް ދޮވެލުމަށް ފަހު ހިއްކަން ވާނެއެވެ. ޓިއުމެރިކް މާސްކްގެ ސަބަބުން މޫނުގެ ހަންގަނޑު އޮމާންވެ، ހަމުގެ ކުލަ އަލިވެގެންދެއެވެ.
ބިހިން ރައްކާތެރިވުމަށް ޓިއުމެރިކް މާސްކް ހަދާނެ ގޮތް:
ތައްޔާރުކުރަން ބޭނުންވާނެ ތަކެތި:
2 މޭޒުމަތީ ސަމްސާ ފުށް (ހަންގަނޑު ހިކި ނަމަ ގްރައުންޑް އޯޓްސްވެސް ބޭނުން ކުރެވިދާނެ)
1 މޭޒުމަތީ ސަމުސާ ރީނދޫ
1/2 ސަމުސާ މާމުއި
3 މޭޒުމަތީ ސަމުސާ ޕްލޭން ޔޯގަޓް
1/2 މޭޒުމަތީ ސަމުސާ ލުބޯ ހުތް
ތައްޔާރު ކުރާނެ ގޮތް:
ފުރަތަމަ ކުޑަ ތައްޓަކަށް ފުށާއި، މާމުޔާއި ލުނބޯ ހުތް އަދި ރީނދުލުގެ އިތުރުން ޔޯގަޓް އެޅުމަށްފަހު ރަނގަޅަށް ގަށާލާށެވެ. އެއަށްފަހު އެއްކުރި ތަކެތި މާސްކެއް ގޮތަށް މުޅި މޫނުގައި އުނގުޅާލާށެވެ. ދެން އެއަށްފަހު 10-15 މިނެޓު ބެހެއްޓުމަށް ފަހު ތާފެނާ ފެނުން ދޮވެލާނީއެވެ. ޓިއުމެރިކް މާސްކް މޫނުގައި އެޅުމުގެ ކުރިން މޫނު ރަނގަޅަށް ދޮވެލުމަށް ފަހު ހިއްކަން ވާނެއެވެ. މި ގޮތަށް ހަދާ ޓިއުމެރިކް މާސްކްގެ ސަބަބުން މޫނުގައި ބިހި ނެގުމުން ދުރުކޮށްދޭނެއެވެ.
ވެކްސް ކުރުމަކީ ގިނަ ފަހަރު އެހެން މީހެއްގެ އެހީތެރިކަން އެކަމަށް ބޭނުންވާނެ ކަމެކެވެ. ނަމަވެސް ގަވައިދުން ވެކްސް ކުރާ މީހުންނަށް ސެލޫންތައް ބަންދުކޮށްފައި ހުރުމުގެ ސަބަބުން ވަނީ ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައެވެ. އެ މީހުންނަށް ގޭގައި ތިބޭއިރު އޮންނާނެ ހައްލަކީ ވެކްސްގެ ބަދަލުގައި ކުރުކޮށް ކޮށުން (ޓްރިމް ކުރުން) ނުވަތަ ބޭލުން (ޝޭވް) ކުރުމެވެ.
ސެލޫންތައް ހުޅުވޭނެ ތާރީހެއް ސަރުކާރުން އަދި އިއުލާނުކޮށްފައި ނުވާއިރު، ސެލޫންތައް ހުޅުވުމާ ހަމަޔަށްވެސް ގޭގައި ތިބެގެން ޒީނަތްތެރިވުމުގެ އެންމެހާ ކަންކަން ކުރެވިދާނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ. އެންމެ ފުރިހަމަ ހައްލު ނުލިބުނަސް މި ހާލަތުގައި "މެނޭޖު" ކޮށްލެވޭނެއެވެ. އެހެންކަމުން ހަދާނެގޮތް ހުސްވެ މާޔޫސް ނުވާށެވެ! ގޭގައި ކުރެވޭނެ ކަންކަމުން ފައިދާ ނަގައި ޒީނަތްތެރިކަމަށް ޓަކައި ކުރާން ޖެހޭ ކަންކަން މި ވަގުތު މިގޮތުގެ މަތީން މެނޭޖްކޮށްލަމާ ހިނގާށެވެ!