ވިޔަފާރި

ފްލައިމީން ރާއްޖެއިން ބޭރަށް ދަތުރުތައް ކުރުމުގެ ހުއްދައަށް އެދިއްޖެ

އަލީ ޔާމިން

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ މާމިގިލީ އިންޓަނޭޝަނަލް އެއާޕޯޓް ބޭރުގެ ފްލައިޓްތަކަށް ހުޅުވާލައި "ފްލައިމީ" ރާއްޖޭން ބޭރަށް ދަތުރު ފަށަން ހުއްދައަށް އެދިއްޖެއެވެ.

"ވަން" އަށް ދެއްވި އިންޓަވިއުއެއްގައި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނާޝިދު ވިދާޅުވީ، މާމިގިލީގައި ހިންގާ އެއާޕޯޓަށް އިންޓަނޭޝަނަލް ފްލައިޓްތައް ޖެއްސުމަށާއި ފްލައިމީން ރާއްޖޭން ބޭރަށް ދަތުރު ފަށަން ސިވިލް އޭވިޝަން އޮތޯރިޓީގެ ހުއްދައަށް އެދިފައި

ވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހުގައި ކަމަށެވެ.

"ސަރުކާރުން ހުއްދަތައް ދިނުމުން އިންޓަނޭޝަނަލް ފްލައިޓުތައް މާމިގިއްޔަށް ޖައްސަން ފަށާނެ. އިންޓަނޭޝަނަލް ފްލައިޓްތަކަށް މާމިގިލި ހުޅުވާލަން ސަރުކާރާއެކު މަޝްވަރާކުރަމުން ދާއިރު ސަރުކާރުން ވަރަށް ބޮޑަށް އެއްބާރުލުން ދެއްވާ،" ނާޝިދު ވިދާޅުވި އެވެ.

ވިލާ ގްރޫޕުން ހިންގާ މާމިގިލި އެއާޕޯޓް އިންޓަނޭޝަނަލް ފްލައިޓްތަކަށް ހުޅުވާލަން މީގެ ކުރިން ވެސް މަސައްކަތް ކުރިއެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު އެ ކުންފުންޏަށް ދޫކުރި ހުއްދަ ބާތިލް ކުރުމުން އެކަން ކުރެވޭގޮތް ނުވީއެވެ.

މީގެ އިތުރުން ނާޝިދު ވިދާޅުވީ، ބޭރުގެ ފްލައިޓުތަކަށް މާމިގިލީ އެއާޕޯޓް ހުޅުވާލުމުށް ތައްޔާރުވުމުގެ ގޮތުން އެއާޕޯޓުގެ ވަސީލަތްތައް އިތުރަށް ފުރިހަމަ ކޮށްފައިވާނެ ކަމަށެވެ.

"ކުރިއާ ބަލާއިރު މިހާރު އަޅުގަނޑުމެންގެ ކެޕޭސިޓީ ވެސް މިވަނީ 200 ޕަސެންޓް މަތިވެފައި. ޓާމިނަލްވެސް މިވަނީ ދެގުނަ ބޮޑު ކުރެވިފައި. 120 މީހުން ޖާގައިގެ ލައުންޖަކާއި އެރައިވަލް ހޯލު ވެސް ވާނީ ފުރިހަމަ ވެފައި،" ނާޝިދު ވިދާޅުވިއެވެ.

ނާޝިދު ވިދާޅުވި ގޮތުގައި ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި އެ ކުންފުނިން ހޭދަކުރި ނުވަ އަހަރުގެ ތެރޭ އެ ސިނާއަތަށް 169 ދިވެހިން ވަނީ ތައްޔާރުކޮށްފައެވެ.

ބޭރަށް ދަތުރު ކުރަން ފްލައިމީން ހުއްދައަށް އެދިފައި ވާއިރު އެ ހުއްދަ ލިބުމާއެކު ދަތުރު ސްރީލަންކާއާއި އިންޑިއާއަށް ދަތުރުތައް ފެށޭނެ ކަމަށް ނާޝިދު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ޗައިނާއަށް ދަތުރުކުރުމަށްވެސް ބޯޓެއް ގެންނާނެ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި ރީޖަނަލް ހަބްތަކެއް ތަރައްގީވާން ޖެހޭ ކަމަށާއި، ހަމައެކަނި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބަރޯސާވުމަކީ ބުއްދިވެރިކަމެއް ނޫން ކަމަށް ނާޝިދު ވިދާޅުވިއެވެ. އަދި ރީޖަނަލް ހަބްތަކެއް ގާއިމުކުރެވުމުން ވައިގެ ދަތުރުފަތުރުގެ ވާދަވެރިކަން އިތުރުވެ އެކަމުގެ މަންފާ ގައުމަށާއި ރައްޔިތުންނަށް ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

މާމިގިލި އެއާޕޯޓަކީ ބޭރުގެ މަތިންދާ ބޯޓުތަކުގެ ހެވީ މެއިންޓަނަންސް ރާއްޖޭގައި ކުރާ ހަމައެކަނި އެއާޕޯޓެވެ.