ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އަންނަ އޭޕްރީލް މަހުގެ ހަވަނަ ދުވަހު ބާއްވާނެކަން އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ މަޖިލިސް އިންތިހާބު ބާއްވާނެ ދުވަހެއް ފައިނަލް ކުރި ނަމަވެސް މަޖިލީހަށް ކުރިމަތިލުމުގެ ތާރީހާ މެދު އަދި ދަނީ މަޝްވަރާ ކުރަމުން ކަމަށެވެ.
"އިންތިހާބަށް ހުޅުވާލުމަށް ކޮމިޝަނުން އަޅުގަނޑުމެން މަޝްވަރާ ކުރަމުން މިދަނީ ޖެނުއަރީގެ ފަހުކޮޅުގައި. އެގޮތުން ޓެންޓެޓިވް ޑޭޓެއްގެ ގޮތުގައި 28 ޖެނުއަރީ 2019 ގައި އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނީ،" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ މިހާރު މަސައްކަތް ކުރަމުން ދަނީ އިންތިހާބީ ދާއިރާތައް ފައިނަލް ކުރުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން މީގެކުރީން މާލެއަށް ދެ ދާއިރާއެއް އިތުރު ކުރަން އިއުލާން ކުރި ކަމަށާއި އެކަމާ ގުޅިގެން ގެންނަން ޖެހޭ ބަދަލުތައް މިހާރު ގެންނަމުން ދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ މާލޭގެ މައްޗަންގޮޅީގެ ތިން ދާއިރާއަކާއި ހެންވޭރުގެ ތިން ދާއިރާއަށް ފިޔަވައި އެހެން ދާއިރާއެއްގެ ބައުންޑްރީއަށް ބަދަލެއް ގެނެސްފައި ނުވާ ކަމަށެވެ.
އޭނާ ވިދާޅުވީ ދާއިރާތަކުގެ ބައުންޑްރީތައް ފައިނަލައިޒްކޮށް މި ހަފްތާގެ ތެރޭގައި އިއުލާން ކުރާނެ ކަމަށެވެ.