ފުލުހުންނާއި ގިނަ އަދަދެއްގެ ބިދޭސީންނާ ދެމެދު ބޮޑު ހަމަނުޖެހުމެއް ހިނގައި، 133 ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
މައުލޫމާތު ލިބޭ ގޮތުގައި ތިލަފުށީގައި މި ހިންގި ހަމަނުޖެހުމުގައި 400 ވަރަކަށް ބިދޭސީން ވަނީ ބައިވެރި ވެފަ އެވެ. މި ހަމަނުޖެހުން ހުއްޓުވަން ފުލުހުން ކުރި މަސައްކަތަށް ފަހު 133 މީހުން ހައްޔަރުކުރި ނަމަވެސް، އޭގެ ތެރޭގައި އެއްވެސް ބިދޭސީއަކަށް އަނިޔާވި ކަމެއް ނުވަތަ ނޫން ކަމެއްވެސް ފުލުހުން ނުބުނެ އެވެ.
މި ކަމާ ގުޅޭ ގޮތުން ފުލުހުންގެ މީޑިއާ ގުރޫޕުގައި ނޫސްވެރީން ސުވާލުކުރުމުން، ފުލުހުންގެ މީޑިއާއިން ބުނީ ހަމަނުޖެހުމެއް ހިނގާފައިވާ ކަމަށާއި ދެ ފުލުހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ.
މި ހަމަނުޖެހުން ތަކުގައި ބިދޭސީން ވަނީ އެކި ކަހަލަ ހަތިޔާރުތައް ވެސް ބޭނުންކޮށްފައި ކަމަށާއި އެމީހުން ފުލުހަކު ރަހީނުކުރި ކަމަށްވެސް ވާހަކަ ފެތުރިފައި ވެއެވެ. ނަމަވެސް ފުލުހުން ބުނީ ފުލުހަކު ރަހީނުކުރި ކަމަށް ދެކެވޭ ވާހަކައަކީ ހަގީގަތެއް ނޫން ކަމަށެވެ.
މި ކަމާ ގުޅޭ ގޮތުން "ވަން" އަށް މައުލޫމާތު ދެއްވަމުން ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯންގެ މެނޭޖިން ޑައިރެކްޓަރު އިބްރާހީމް ރަޝީދު (މާމިގިލީ އިބޫ) ވިދާޅުވީ، ހަމަނުޖެހުން ހިންގީ އައިމާ ކުންފުނީގެ ބިދޭސީން ތަކެއް ކަމަށެވެ. އެ މީހުންގެ ހިތްހަމަނުޖެހުން ހުރީ ތިބޭތަން ސަކަރާތް ވުމާއި ކެއުން ވެސް ސަކަރާތް ވެގެން ކަމަށް އިބޫ ވިދާޅުވި އެވެ.
"އެއީ ވަރަށް ފަހުން ކޮންމެވެސް ރަށެއް ހަދަން ތިއްބާ ކޮވިޑާ ގުޅިގެން ވަގުތީ ގޮތުން ގެނެސް ތިލަފުއްޓަށް ލީ ބައެއް. އޭގެ ތެރޭ 160 ވަރަކަށް މީހުން އެބަ އުޅޭ. އޭގެ ކުރީންވެސް ތިލަފުށީގަ އެ ކުންފުނީގެ ބިދޭސީން އުޅޭނެ. އެމީހުން ގެނެސް ބައިތިއްބާފަ ތިބިތަނުގެ ފެންވަރު ވަރަށް ދަށް. ކެއުންވެސް ވަރަށް ސަކަރާތް ކަމުގެ ޝަކުވާ ލިބޭ، އެކަން ހައްލުކުރަން އެ ކުންފުންޏާ އެކު މަޝްވަރާކުރާތާވެސް ލައްކަ ދުވަސް ވެއްޖެ. މިދިޔަ މަހުވެސް އެމީހުން މުޒާހަރާ ކުރި." އިބޫ ވަން އަށް ވިދާޅުވި އެވެ.