ސުޕްރީމް ކޯޓް

އިސްމާއިލް މަސްއޫދު އެޗްޑީއެފްސީން ވަކިކުރީ ރަނގަޅަށް ކަމަށާއި، 50،000 ނަގައިދެވެން ނެތްކަމަށް ހުކުމްކޮށްފި

ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)ގެ އިންފޮމޭޝަން ޓެކްނޮލަޖީ ސެކްޝަންގެ މެނޭޖަރުކަމުން މ. ތުޅާގިރި އިސްމާއިލް މަސްއޫދު ވަކި ކުރީ ރަނގަޅަށް ކަަމަށާއި، އެހެންކަމުން އެ ވަޒީފާ އަލުން ރުޖޫއަ ކޮށްދީ ބަދަލުގެ ގޮތުގައި 50،000 ރުފިޔާ ނަގައިދެވެން ނެތްކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ސުޕްރީް ކޯޓުގައި މިއަދު އޮންލައިންކޮށް ކުރިޔަށް ގެންދިޔައީ މަސްއޫދު އެޗްޑީސީގެ ވަޒީފާއިން ވަކިކުރި މައްސަލައިގައި، އޭނާ ވަޒީފާއިން ވަކިކުރީ ރަނގަޅަށް ކަމަށް ހައިކޯޓުުން ހުކުމްމ ކޮށްފައިވާ، އިސްތިއުނާފު މައްސަލައެކެވެ.

މި ކަމާ ގުޅިގެން މަސްއޫދު ހުށަޅާފައިވާ މައްސަލައިގައި ބުނެފައިވަނީ އޭނާ ވަޒީފާއިން ވަކި ކުރުމުގައި އެޗްޑީއެފްސީން ކަންތައް ކޮށްފައި ވަނީ ވަޒީފާގެ އެއްބަސްވުމާއި، ގާނޫނާއި ގަވާއިދާ ހިލާފަށް ކަަމަށެވެ. އެކަމުގެ ސަބަބުން ނަފްސާނީ އަދި މާލި ގޮތުން އޭނާއަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށްބުނެ އެ ގެއްލުމުގެ ބަދަލުގެ ގޮތުގައި، 50،000 ރުފިޔާ ލިބިގަތުމަށާއި އޭނާ އަދާކުރަމުން ގެންދިޔަ ވަޒިފާ އަލުން އަބުރާ ރުޖޫއަ ކޮށްދިނުމަށް ވެސް އެދިފައިވެއެވެ.

އޭނާ ވަޒީފާގައި ހުއްޓައި، 14 ފެބްރުއަރީ 2012 އިން ފެށީގެން 14 ދުވަހުގެ މުއްދަތަށް ވަޒީފާއަށް ނުނިކުތުމަށް އެޗްޑީސީން އެންގި މައްސަލައާ ގުޅިގެން އެމައްސަލަ ޓްރައިބިއުނަލަށް ހުށަހަޅާފައި ވަނިކޮށް އޭނާ އެޗްޑީސީގެ ވަޒީފާއިން ވަކިކޮށްފައިވަނީ 28 ފެބްރުއަރީ 2013ގަ އެވެ.

މަސްއޫދު އުފުލާފައިވާ ދައުވާއާ ދެކޮޅަށް، އެޗްޑީއެފްސީން ޝަރީއަތަށް ގިނަ ކަންތައްތަކެއް ހުށަހަޅާފައި ވެއެވެ.

އެގޮތުން ކުންފުނީގެ އިސްބޭފުޅުންނާއި ބައްދަލުކޮށް ދެކެވޭ ވާހަކަތައް ހުއްދަ ނުހޯދައި ސިއްރުން ރެކޯޑުކުރުމާއި، ދީފައިވާ ބާރު ނާޖާއިޒު ގޮތުގައި ބޭނުންކޮށްގެން، ކުންފުނީގެ އިސްފަރާތްތަކާއި މުވައްޒަފުންގެ މެއިލް އެކައުންޓު ތަކަށާއި ކޮމްޕިއުޓަރުތަކަށް ވަދެ ކުންފުންޏާއި މުވައްޒަފުންގެ ސިއްރު މައުލޫމާތުތައް ހާމަކުރުމާއި، ކުންފުނީގެ މެނޭޖިން ޑިރެކްޓަރަށް ގުޅައި ރާއްޖޭން ޑީޕޯޓު ކޮށްލާނެ ކަމުގެ އިންޒާރުދިނުންވެސް ހިމެނެއެވެ.

މީގެ އިތުރުން ކުންފުނީގެ އައިޓީ ނެޓްވޯކްތަކަށް ވަދެ ކުންފުންޏަށް ގެއްލުންދޭނެ ކަމުގެ އިންޒާރު ދިނުމުގެ އިތުރުން ކުންފުނީގެ ބޯޑު އޮފް ޑައިރެކްޓާސްގެ ބައެއް ބޭފުޅުންނާއި ބައްދަލުކޮށް އަމިއްލަ މަސްލަހަތަށް ބަލައިގެން ވަޒީފާއަށް މީހުން ވެއްދުމަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރުމާއި، ކުންފުންޏަށް އަލަށް ވަޒީފާޔަށް ވައްދާ ފަރާތްތަކާ އިންޓަވިއުކުރާ ކުދިންނާ އެކަށީގެން ނުވާ ފަދައަކުން އިންޓަވިޔު ސެޝަންތަކުގައި މުއާމަލާތުކުރުންވެސް ހިމެނެއެވެ.

އެޗްޑީއެފްސީއާއި ބެހޭ ސައްހަ ނޫން މައުލޫމާތު، ސިޔާސީ ބައެއް ފަރާތްތަކާއި މީޑާއަށް ހިއްސާކޮށް ކުންފުނީގެ އަގު ވައްޓާލައި އަބުރު ގެއްލުވާލަން މަސައްކަތް ކުރުންވެސް އޭނާގެ މައްޗަށް ތުހުމަތު ކޮށްފައި ވެއެވެ.

މި މައްސަލަޔަށް މިއަދު ސުޕްރީމްކޯޓުުން ހުކުމް ކޮށްފައިވަނީ، ފަނޑިޔާރު ހުސްނުއްސުއޫދު ނެރުއްވި ރައުޔަށް، ކޯޓުގެ ބެންޗުގައި ދެން ތިއްބެވި، ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ތާއީދު ކުރައްވައިގެންވެ.

މަސްއޫދު ވަޒީފާއިން ވަކިކޮށްފައިވަނީ ރަނގަޅަށް ނަަމަވެސް، ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަ ކޮށްފައި ނުވާތީ އެކަމަށް ނަގައިދޭން ޖެހޭ ރަމްޒީ ބަދަލު ޓްރައިބިއުނަލުން ނަގައި ދިނުމަށްވެސް ހުކުމްގައި ބުނެފައި ވެއެވެ.