އިބްރާހިމް ޒަކީ
ރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލިސް މެންބަރުންގެ މެދުގައި ހަމަނުޖެހުން ހިންގުމަށް ހިތްވަރު ލިބޭގޮތަށް، ޖަލްސާގެ ރިޔާސަތުން އަމަލުކުރުމަކީ ދެރަކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ރޭ ދަންވަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ރިޔާސަތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ، އިދިކޮޅު ޕީޕީއެމްގެ ނައިބު ލީޑަރު، މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމުގެ ނަން އިއްވައި އޭނާ ޖަލްސާއިން ބޭރު ކުރައްވައިފައެވެ.
ކައުންސެލަރުންގެ ދައުރު އިތުރު ކުރުމަށް، ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ފާސްކުރި ބިލްގެ މަސައްކަތް ރޭގެ ޖަލްސާގައި ކުރިޔަށް ދަނިކޮށް، ރިޔާސަތުން ޝިޔާމުގެ ނަން އިއްވެވީ، ގިނަ ދުވަސްތަކެއް ވަންދެން އެބިލު މަޖިލީގައި ބޭއްވުމަށްފަހު އަވަސް އަރުވާލައިގެން ރޭ އެ މަސައްކަތް ކުރިޔަށް ގެންދަނީ ގަވާއިދާ ހިލާފަށް ކަމަށް ބުނެ، ޝިޔާމު އަޑުގަދަކުރަން ފެށުމުންނެވެ.
މަޖިލީހުގެ ރައީސް ނަން އިއްވަވައި ޖަލްސާއިން ނިކުންނަވަން ދެންނެވުމުންވެސް ޝިޔާމު ޖަލްސާއިން ނިކުމެވަޑައިނުގެންނެވުމުން، ޝިޔާމް ޖަލްސާއިން ނެރުމަށް ސާޖަންޓް އެޓް އާމްސް އަށް މަޖިލިސް ރައީސް އެންގެވިއެވެ.
އެހާ ހިސާބުން އެމްޑީޕީ މެންބަރުން ޝިޔާމު ވަށާލައި، ކޮއްޕަމުން ކަހަލަ ގޮތަކަށް ޝިޔާމު ޖަލްސާ ކުރާ މާލަމުން ނެރުނެވެ. އެކަމުގެ ތެރޭގައި ޝިޔާމު މާލަމުގެ ތެރެޔަށް ވެއްޓި ގަމީސް ވީދި ބައެއް ތަންތަނުން ލޭކޮށާލާފައިވެސް ވެއެވެ. އެ ހާދިސާގައި މެންބަރުންތައް ކޮއްޕުމުގެ ސަބަބުން އޭގެން ބައެއް މެންބަރުންނަށްވެސް އަނިޔާވި ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ލިބިވަޑައިގެންނެވި އަނިޔާއަށް ޝިޔާމް ވަނީ އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯއްދަވައިފައެެވެ. އަދި އެމައްސަލަ އިދިކޮޅު ކޯލިޝަނުން ވަނީ ޕޮލިހަށްވެސް ހުށަހަޅައިފައެވެ.
މިހާދިސާ ހިނގަމުންދިޔައިރު މަޖިލިސް ރައީސް ރިޔާސަތުން ފައިބާވަޑައިގަންނަވައި، އިދާރީ މޭޒުގެ ޕާޓިޝަން ކައިރިޔަށް ވަޑއިގެން އަތުން އިޝާރާތް ކުރައްވައި އަޑުގަދަ ކުރައްވައި ޝިޔާމް ޖަލްސާއިން ނެރެން މެންބަރުންނަށް އިރުޝާދު ދެއްވާ ފަދަ މަންޒަރެއް ވެސް ފެނެއެވެ.
މި ކަމާގުޅިގެން ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވީ، "މަޖިލީހުގައި ނަން އިއްވީމަ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތައި ބޭރަށް ނިކުންނަން ޖެހޭނެ،" ކަމަށެވެ. އަދި ނުނިކުމެއްޖެނަމަ އަމަލު ކުރަން ޖެހޭ ގޮތްވެސް ގަވާއިދުގައި ބުނެފައި އޮންނަ ކަމަށް އުޝާމް ވިދާޅުވިއެވެ.
ނަން އިއްވައި މެންބަރަކު ޖަލްސާއިން ނުނިކުންނަވައިފި ނަމަ، އެ މެންބަރަކު ޖަލްސާއިން ނެރެން ޖެހެނީ ޖަލްސާ މެދު ކަނޑައިލުމަށްފަހު މަޖިލީހުގެ ސެކިއުރިޓީ ބޭނުން ކޮށްގެންނެވެ.
އުޝާމް ވިދާޅުވީ މަޖިލީހުގެ ގަވާއިދާ ހިލާފަށް، މަޖިލީހުގެ މެންބަރުންގެ މެދުގައި ހަމަނުޖެހުން ހިންގުމަށް ހިތްވަރު ލިބޭގޮތަށް ރިޔާސަތުން އަމަލުކުރުމަކީ ދެރަކަމެއް ކަމަށެވެ.