ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

މަޖިލިސް ރައީސްގެ ސުލޫކު ހުރީ ސަރުދާރެއް ފަދައިން: ޑރ. ޝަހީމް

އައިދާ އަބްދުލް ހަކީމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ސުލޫކު ހުރީ ސަރުދާރެއް ފަދައިން ކަމަށް ރާއްޖޭގެ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ރޭ ދަންވަރު ބޭއްވި ޖަލްސާ ހޫނުވެ ހަމަނުޖެހުން ހިންގައި، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމަށް ލިބިވަޑައިގެންނެވި އަނިޔާ ކުށްވެރިކުރައްވައި ޑރ. ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ މެންބަރުންތަކެއް ވެގެން މެމްބަރަކާމެދު މިގޮތަށް ކަންކުރި ފުރަތަމަ ފަހަރު ކަމަށެވެ. އަދި ޑރ. ޝަހީމް ވަނީ މިއީ ގާނޫނު އަސާސީއަށް އިސްލާހު ގެންނަ ގޮތްތޯ ސުވާލު އުފައްދަވައިފައެވެ.

މިކަމާއި ގުޅިގެން "ވަން" އާ ވާހަކަ ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ އެއްގޮތަކަށް ވެސް އެހެން ވެގެން ނުވާނެ ކަމަށާއި، މެންބަރުން އެހެން މެންބަރުންގެ ގަޔަށް އަތްލައި އަނިޔާވެރި އަމަލު ހިންގުމަކީ އިމްތިޔާޒެއް ނޫން ކަމަށެވެ.

ޑރ. ޝަހީމް ވިދާޅުވީ ނަން އިއްވުމަށްފަހު މަޖުލީހުން މެންބަރަކު ނެރުމުގައި އަމަލުކުރަން ޖެހޭ އުސޫލެއް އޮންނަ ކަމަށާއި ރޭގައި ހިނގައިދިޔަ ކަންކަން ބެލެވެނީ އެ އުސޫލާއި ހިލާފު ކަމެއްގެ ގޮތުގައި ކަމަށެވެ.

ރޭގެ ޖަލްސާގައި، ޝިޔާމް މަޖިލީހުން ބޭރުކުރި ވަގުތު މަޖިލީހުގެ މަޝްރަހު ގޯސްވެ މެންބަރުން ބޮނޑިވެ އެއް މެންބަރަކު އަނެއް މެމްބަރެއްގެ ގަޔަށް އަތްލައި ހޫނު ޒުވާބަކަށް ގޮސްފައި ވެއެވެ. މަޖިލީހުގެ ތަޅުމުން ޝިޔާމް ބޭރުކުރި އިރު އޭނާއަށް އެކިވަރުގެ އަނިޔާތައްވެސް ވެފައި ވެއެވެ.