އިންޑިއާގެ ބިހާރުގެ ރެއިލްވޭސްޓޭޝަނެއްގައި މަރުވެފައި އޮތް މަންމަ ހޭލައްވަން އުޅުނު ކުޑަކުއްޖާއަށް ބޮލީވުޑްބާދްޝާ ޝާހުރުކް ޚާން އެހީވެއްޖެއެވެ.
މަންމަ މަރުވުމުން ހަށިގަނޑު ކައިރީ އިނދެ ރޮމުން މަންމަ ހޭލައްވަން އެކުއްޖާ އުޅުނު މަންޒަރު އާންމު ވީ މިދިޔަ މަހު ފަހު ހަފުތާގައި ވައިރަލްވި ވީޑިއޯއަކުންނެވެ. އެދުވަހުން ފެށިގެން ޝާހު ވަނީ އެ ކުއްޖާ ހޯދައިދޭން އެދިފައެވެ.
އެކަމާ ގުޅިގެން އިއްޔެ ޝާހު ކުރި ޓުވީޓުގައި ވަނީ އެކުއްޖާގެ މައުލޫމާތު ފޯރުކޮށްދިން އެންމެނަށް ޝުކުރު އަދާކޮށްފައެވެ. އަދި މަންމަ ގެއްލުމަކީ ކިހާ ހިތާމަވެރި ކަމެއްކަން އަމިއްލަޔަށްވެސް އިހުސާސުވާ ކަމަށާއި އެކުއްޖާޔަށް މިދަނޑިވަޅުގައި ކެތްތެރިކަމާއި ހިތްވަރު ލިބޭތޯ ދުއާކުރާކަމަށް އެދޭ ކަމަށް ޝާހު ވަނީ ބުނެފައެވެ.
ޝާހުގެ މީރު ފައުންޑޭޝަނުން ކުރި ޓުވީޓުގައި ވަނީ އެކުއްޖާއަށް އެހީވަމުން އަންނަނީ އެ ފައުންޑޭޝަނުން ކަމަށާއި ކުއްޖާ މިހާރު ހުރީ ކާފަގެ ބެލުމުގެ ދަށުގައި ކަމަށެވެ.
ރެއިލްވޭސްޓޭޝަނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އަރްބީނާ ޚަތޫން 35، ނަމަކަށް ކިޔާ އެ އަންހެން މީހާ ފަހު ނޭވާ ލީ ރޭލު ތެރެޔަށެވެ.