ޝަހީދާ އަބްދުﷲ ސައީދު
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ފުލުހުންގެ އިދާރާއަށް ހާޒިރުކުރައްވައި އެމަނިކުފާނުގެ ބަޔާނެއް ނެގި ނަމަވެސް އެމައްސަލައިގައި ތުހުމަތުކުރެވޭ ޖިނާއީ އަމަލެއް ފުލުހުން ބުނެފައި ނުވާކަމަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލު އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.
އާޒިމާ މިހެން ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ ފައިސާގެ މައްސަލައެއްގައި އެމަނިކުފާނު މިއަދު މެންދުރު ފަހު ފުލުހުންގެ އިދާރާއަށް ހާޒިރުކުރައްވައި ބަޔާން ނެގިފަހުން މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އާޒިމާ ވިދާޅުވީ ކެމްޕޭން އެކައުންޓަށް ވަތް ފައިސާ މައްސަލައަކަށް ވަނީ ކީއްވެގެންތޯ ފުލުހުންނަކަށް ސާފުކޮށް ނުދެވުނު ކަމަށެވެ. އަދި ރައީސް ޔާމީންގެ ކެމްޕެއިން އެކައުންޓަކީ 2013 ގެ ރިޔާސީ އިންތިޚާބުގައި ބޭނުންކުރި އެކައުންޓް ކަމަށާއި 2018 ގެ ރިޔާސީ ކެމްޕެއިންގައި ވެސް ފައިސާގެ މުއާމަލާތް ހިންގާފައިވާނީ އެ އެކައުންޓުން ކަމަށް އާޒިމާ ވިދާޅުވިއެވެ.
''އެއްވެސް ޓްރާންސެކްޝަނެއްގައި ޝައްކުވަނީ ކީއްވެގެން ކަމެއް އަދި ކެމްޕެއިން އެކައުންޓަށް ފައިސާ ޖަމާކުރުމުން ޖިނާއީ އަމަލަކަށް ވަނީ ކީއްވެގެންކަން ފުލުހުންނަކަށް ވިދާޅެއް ނުވެވޭ. އެމްއެމްޕީއާރުސީގެ ޗެކްގެ މައްސަލައަކީ ތަހުގީގު ނިމިފައި އޮތް މައްސަލައެއް. އެއީ އޭސީސީން ނިންމާފައި އޮތް މައްސަލައެއް. ރައީސް ޔާމީން ކެމްޕެއިން އެކައުންޓަކީ 2013 ގެ އިންތިޚާބުގައި ވެސް ބޭނުންކުރި އެކައުންޓް،'' އާޒިމާ ވިދާޅުވިއެވެ.
އާޒިމާ ވިދާޅުވީ ރައީސް ޔާމީންގެ ކެމްޕެއިން އެކައުންޓަކީ އިންތިޚާބުތަކާއި ބެހޭ އާންމު ގާނޫނުގެ ދަށުން ހުޅުވާފައިވާ އެކައުންޓެއް ކަމަށެވެ.
މީގެއިތުރުން އާޒިމާ ވިދާޅުވީ އެމްއެމްޕީއާރުސީގެ ފައިސާގެ މައްސަލައަކީ ރައީސް ޔާމީން ވެރިކަމުގައި ހުންނަވައިގެން އެ މައްސަލަ އޭސީސީއަށް ހުށަހަޅުއްވައި އަދި ބަޔާން ވެސް ދެއްވައި ހުރިހާ އިޖުރާއަތްތަކެއް ނިންމާފައިވާ މައްސަލައެއް ކަމަށެވެ.
އެހެންކަމުން އެމައްސަލަ ފުލުހުން ތަހުގީގުކުރަން ބޭނުންވާ ނަމަ އޭސީސީން އެމައުލޫމާތު ސާފު ކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް އާޒިމާ ވިދާޅުވިއެވެ.
ޔާމީންގެ ކެމްޕެއިން އެކައުންޓާއި އަދި އެމްއެމްޕީއާރުސީއާ ގުޅުންހުރި ފައިސާގެ މައްސަލައިގައި ފުލުހުން މިއަދު ސުވާލުކުރެއްވި ކަމަށް ރައީސް ޔާމީންވެސް ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން ރައީސް ޔާމީންއާއި އެމަނިކުފާނުގެ ގާނޫނީ ވަކީލު އާޒިމާ ޝަކޫރު މިފަދައިން ވިދާޅުވި ފަހުން މިއަދު ހަވީރު ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރައީސް ޔާމީންގެ އެކައުންޓްތަކުގައި ހުރި 100 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ފްރީޒްކޮށްފައިވާ ކަމަށާއި އަދި އެ ފައިސާ ހިފަހައްޓާފައިވަނީ ތަހުގީގަށް ކަމަށެވެ.