މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް

ކަސްޓަމަރުންނަށް ހުޅުވާލައިގެން ވިޔަފާރިކުރުމުގެ ހިދުމަތް ދެވޭނެ ގަޑިތައް އާންމު ކޮށްފި

އައިދާ އަބްދުލް ހަކީމް

ކަސްޓަމަރުންނަށް ހުޅުވާލައިގެން ވިޔަފާރިކުރުމުގެ ހިދުމަތް ދެވޭނެ ގަޑި އަދި ޑެލިވަރީ ހިދުމަތް ދެވޭނެ ގަޑިތައް އިކޮނޮމިކް މިނިސްޓްރީން އާންމުކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު ގެ ދަށުން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމާ ގުޅިގެން، ގޭބިސީތަކުން ބޭރަށް ނުކުމެ އުޅުން މަނާކޮށްފައިވާ މުއްދަތުގައި ފުލުހުން މެދުވެރިކޮށް ވިޔަފާރިކުރުމުގެ ހުއްދަ ދޫކޮށްފައިވާ ފަރާތްތަކަށް ކަސްޓަމަރުންނަށް ހުޅުވާލައިގެން ވިޔަފާރިކުރުމުގެ ހިދުމަތް ދެވޭނީ، ހެނދުނު 9:00 އިން ރޭގަނޑު 9:00 އަށް ކަމަށެވެ.

މީގެ އިތުރުން ސައިހޮޓާ، ކެފޭ، ރެސްޓޯރަންޓް، ކެންޓީނު ފަދަ ކާބޯތަކެތި ތައްޔާރުކުރާ ތަންތަނުން ޑެލިވަރީގެ ހިދުމަތް ދެވޭނީ، ހެނދުނު 9:00 އިން ރޭގަނޑު 11:00 އަށް ކަމަށެވެ. އަދި އޮންލައިން ކޮށް އޯޑަރު ދިނުމުން މުދާ ޑެލިވަރީ ކުރުމުގެ ހިދުމަތް ފޯރުކޮށްދެވޭނީ، ހެނދުނު 9:00 އިން ރޭގަނޑު 11:00 އަށް ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

އެހެންކަމުން އެ މިނިސްޓްރީން ނުވަތަ ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަކި ގޮތެއް އަންގަންދެން، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން، މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ވިޔަފާރިކުރުމަށް ހުއްދަ ދޫކޮށްފައިވާ ތަންތަނުން މި ގަޑިތަކުގައި ހިދުމަތް ދިނުމަށް އިކޮނިމިކް މިނިސްޓްރީން ވަނީ އަންގައިފައެވެ.