ސުޕްރީމް ކޯޓުގެ ޝަރީއަތްތައް ދުރުން ކުރިއަށްގެންދާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކޯޓުގެ ޝަރީއަތެއް ފުރަތަމަ ފަހަރަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މިއަދު ބާއްވައިފިއެވެ.
ސުޕްރީމް ކޯޓުން ބުނީ މިއަދު 13:00 ގައި ބޭއްވި އެ ކޯޓުގެ ނަންބަރު 2014/SC-A/26 ގަޟިއްޔާއަކީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ މައްޗަށް ދައުވާކޮށް ބ. ތުޅާދޫ ގުލްބަހާރުގެ އަދުނާން ހުސައިންގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ.
މި މައްސަލައިގެ ބެންޗްގައި ހިމެނި ވަޑައިގެންނެވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު މަހާޒް އަލީ ޒާހިރު އާއި، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އާއި، ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު އެވެ. މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ކަމަށް ސްޕްރީމް ކޯޓުން މައުލޫމާތު ދެއެވެ.
ސުޕްރީމް ކޯޓުން ބުނީ މި ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރުންނާއި، ދައުވާކުރާ ފަރާތާއި އެ ފަރާތުގެ ވަކީލު އަދި ދައުވާ ލިބޭ ފަރާތާއި ކޯޓުގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވީ އެ ފަރާތެއް ގާއިމުވެ ހުރި ތަނުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެ ކަމަށެވެ.
ކޮވިޑް 19 އާ ގުޅިގެން ސުޕްރީމް ކޯޓުގެ ޝަރީއަތްތައް ދުރުން ކުރިޔަށް ގެންދާނެ ގޮތުގެ ގަވާއިދުގެ ދަށުން ބާއްވާ ޝަރީއަތްތައް ލައިވްކުރުމަށް ހަމަޖެހިފައިވީ ނަމަވެސް، މިއަދު ކުރިއަށް ދިޔަ ޝަރީއަތުގެ މަޖިލީހަކީ ގާނޫނުއަސާސީގެ 42 ވަނަ މާއްދާގެ ދަށުން އާންމުކޮށް ހުޅުވައިނުލައި ކުރިޔަށް ގެންދަން ޖެހޭ ބާވަތުގެ މައްސަލަޔަކަށް ވާތީ މިއަދުގެ ޝަރީއަތް ލައިވް ނުކުރާ ކަމަށް ސުޕްރީމް ކޯޓުން ބުންޏެވެ.