އިބްރާހިމް ޒަކީ
އަންނަ ބުދަ ދުވަހުގެ ނިޔަލަށް މިހާރު ތިބި ކައުންސިލަރުންގެ މުއްދަތު ހަމަވާއިރު، އިންތިހާބު ބާއްވައި އާ ކައުންސިލަރުން އައްޔަންކޮށްފައި ނުވާތީ ދިމާވާ ގާނޫނީ ހުސްކަން ފޫބެއްދުމަށް، މިހާރުތިބި ކައުންސެލަރުންގެ ދައުރު އިތުރު ކުރުމަށް ގާނޫނޫއަސާސީއަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގެ މަސައްކަތްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ، ޖަލްސާއެއް މިރޭ ދަންވަރު 1:30 ގައި ބާއްވަން ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިިން ބުނެފައިވަނީ، މިރޭ ރައްޔިތުންގެ މަޖިލީހުގެ ދެ ޖަލްސާއެއް ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ. މިރޭ 11:30 ގައި ފުރަތަމަ ބާއްވަން ހަމަޖެހިފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާއެވެ.
އެ ޖަލްސާއަށް އެޖެންޑާ ކޮށްފައި ވަނީ، ދިވެހި ރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު ގެ ދަށުން ހަދަން ޖެހޭ ގަވާއިދުތައް، އެ ގާނޫނުގެ 86 ވަނަ މާއްދާއާ އެއްގޮތަށް ހަދާފައި ނުވާތީ، އެ މައްސަލައިގައި، ފިޝަރީޒް މިިނިސްޓަރު ޒަހާ ވަހީދު މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރާކަމަށް ބުނެ މަޖިލީހުގެ ގަވާއިދު ކޮމިޓީން ދިރާސާކޮށް މަޖިލީހަށް ހުށަހަޅާފައިވާ ރިޕޯޓުގެ ބަހުސް ކުރިއަށް ގެންދިއުމަށެވެ.
އެއަށްފަހު، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ދެވަނަ ޖަލްސާ 1:30 ގައި ބާއްވަން ނިންމައި އެ ޖަލްސާއަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ މަސައްކަތް ވަނީ އެޖެންޑާ ކޮށްފައެވެ.
ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލު މިރޭ ދަންވަރަށް އެޖެންޑާކުރަން ޖެހުނީ، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ޖަލްސާގައި އެ ބިލުގެ މަސައްކަތް އަވަސް ކުރުމަށް އިދިކޮޅު ފަރާތްތަކުން އެއްބަސް ނުވުމުންނެވެ.
ކައުންސިލް މެންބަރުންގެ ދައުރު ދަންމާލުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގައި މީގެކުރިން މަޖިލީހުގައި ކުރިޔަށްދިޔަ ބަހުސްގައި މެންބަރުންގެ މެދުގައި ދިމާވި ހިޔާލުތަފާތުވުންތަކާ ގުޅިގެން، ސުޕްރީމް ކޯޓުގެ ލަފަޔަކަށް އެދި ހުށަހެޅުމުން، މިދިޔަ ހުކުރު ދުވަހު ސުޕްރީމްކޯޓުގެ ލަފާ ލިބުމާ ގުޅިގެން އެރޭ މަޖިލީހުގެ ޖަލްސާއެއް ބާއްވައި، ލަފަޔާ އެއްގޮތަށް މުޅި މަޖިލިސް ކޮމިޓީގައި ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ނިންމައި، ކޮމިޓީން ފާސްކުރިއެވެ.
އެއަށްފަހު ހަމަ އެރޭ މެންބަރުންނަށް ކޮމިޓީ ރިޕޯޓް ފޮނުވުމަށްފަހު، ހޮނިހިރު ދުވަހުގެ ޖަލްސާގައި، ކޮމިޓީ ރިޕޯޓަށް ބަހުސްކޮށް ހޮނިހިރު ދުވަހުގެރޭ، ގާނޫނުއަސާސީއަށް އިސްލާހު ގެނެސް ނިންނުމަށް މަޖިލިސް ރައީސް ކަނޑައެޅުއްވިއެވެ.
އެކަން އެގޮތަށް ކުރުމުގައި އިދިކޮޅު ފަރާތްތަކުގެ އެހީތެރިކަން ބޭނުންވަނީ، ބިލެއްގެ ކޮމިޓީ މަސއްކަތް ނިންމައި މެންބަރުންނަށް ރިޕޯޓް ފޮނުވުމަށްފަހު އެޔަށް އިސްލާހު ގެނައުމަށް ތިން ދުވަހުގެ މުއްދަތެއް ދޭން ޖެހޭނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނެފައި ވާތީއެވެ.
އެނޫން ގޮތަކަށް އެޔަށްވުރެ އަވަހަށް އެކަން ކުރެވޭނެ ކަމަށް ގަވާއިދުގައި ބުނެފައިވަނީ، އެކަމަށް މަޖިލީހުގެ މެޖޯރިޓީގެ އިތުރުން މައިނޯރިޓީގެ ތާއީދު ލިބިގެން ކަމަށެވެ.
މަޖިލީހުގެ މެޖޯރިޓީ ލީޑަރަކީ، އެމްޑީޕީގެ ޕީޖީ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ. މައިނޯރިޓީ ލީޑަރަކީ އިދިކޮޅު ޕީޕީއެމްގެ ޕީޖީ ލީޑަރު އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމެވެ.
މަޖިލިސް ރައީސް ވިދާޅުވީ އެކަން އަވަސް ކުރެއްވުމަށް މައިނޯރިޓީ ލީޑަރުގެ ތާއީދު ލިބިވަޑައިނުގެންނެވި ކަމަށެވެ.
އެހެންކަމުން މަޖިލީހުގެ ގަވާއިދުގައި ވާ މުއްދަތު މެންބަރުންނަށް ދިނުމަށްފަހު، މަޖިލިސް ޖަލްސާއެއް އެންމެ އަވަހަށް ބޭއްވެން އޮތް ވަގުތަކީ މިރޭގެ ދަންވަރު ކަމަށްވާތީ، މިރޭގެ ދަންވަރު މަޖިލިސް ޖަލްސާ ބާއްވަން މަޖިލިސް ރައީސް ނިންމެވީއެވެ.
އެއީ މިއަށްވުރެ ފަސްކޮށްފި ނަމަ، ކައުންސިލަރުންގެ ދައުރު ހަމަވެގެން ދިމާވާ ގާނޫނީ ހުސްކަމަށް ހައްލެއް ނުލިބޭނެތީއެވެ. އެއީ މަޖިލީހުން ބިިލެއް ފާސް ކުރުމަށްފަހު އެބިލް ގާނޫނަކަށް ވުމަށްޓަކައި އެބިލް ރައީސުލް ޖުމްހޫރިއްޔާ ތަސްދީގު ކުރައްވައި ގެޒެޓްގައި ޝާއިއު ކުުރުމަށްވެސް ވަގުތު ބޭނުންވާތީއެވެ.