ވިޔަފާރި

އުރީދޫ ކަސްޓަމަރުންނަށް ތައާރަފު ކުރި ހާއްސަ ޑޭޓާ ޕެކޭޖުތައް މިމަހުގެ ނިޔަލަށް އިތުރުކޮށްފި

މަރިޔަމް ޝަހުދާ

ކޮވިޑް 19 އާއި ގުޅިގެން ގޭގައި ތިބެން ޖެހި ގިނަ ބަޔަކު އިންޓަނެޓަށް ބަރޯސާ ވެފައިވާ މި ދަނޑިވަޅުގައި އުރީދޫ ކަސްޓަމަރުންނަށް ތައާރަފު ކުރި ހާއްސަ ޑޭޓާ ޕެކޭޖުތައް މި ޖޫން މަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.

އުރީދޫން މައުލޫމާތު ދިން ގޮތުގައި މިދިޔަ މާޗް މަހު އެ ކުންފުނީގެ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ސުޕަނެޓް ކަސްޓަމަރުންނަށް ހާއްސަކޮށްގެން ތައާރަފު ކުރި ހުރިހާ އޮފާތަކެއްގެ މުއްދަތު ވަނީ މިމަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.

އެގޮތުން އުރީދޫގެ އެޕް މެދުވެރިކޮށް މިމަހު 15ގެ ކުރިން އެކްޓިވޭޓް ކުރާ ކޮންމެ މަންތުލީ ޑޭޓާ ޕެކަކަށް %50 އިތުރު ހިލޭ ޑޭޓާ ލިބޭނެ ކަމަށާއި އުރީދޫ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މިމަހު %25 ހިލޭ ޑޭޓާ ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މީގެ އިތުރުން އުރީދޫ ސުޕާނެޓް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ދުވާލަކަށް ފަސް ޖީބީގެ ހިލޭ ޑޭޓާ ލިބޭނެ ކަމަށާއި ސުޕާނެޓް ކަސްޓަމަރުންނަށް ވެސް ކޮންމެ ދުވަހަކު ފަސް ޖީބީގެ ހިލޭ ޑޭޓާ ލިބޭގޮތަށް އުރީދޫ އެޕް މެދުވެރިކޮށް އެކްޓިވޭޓް ކުރެވޭނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ. މި ފީޗާ އެކްޓިވޭޓް ކުރެވޭނީ ސުޕާނެޓް ޕްލޭނަށް ހަމަޖެހިފައިވާ ޑޭޓާ ހުސްވުމުން ކަމަށްވެސް އުރީދޫން ބުނެއެވެ.

އުރީދޫ ފަސޭހަ މިނީ އަދި އެމް ފައިސާ ބޭނުން ކުރާ ކަސްޓަމަރުންނަށްވެސް އުރީދޫން ވަނީ ލުއިތަކެއް ދީފައެވެ. އެގޮތުން އުރީދޫ ފަސޭހަ މިނީ ގެންގުޅޭ ކަސްޓަމަރުންނަށް މި މަހަށް %50 ބޯނަސް ޑޭޓާ ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި އެމް-ފައިސާ މެދުވެރިކޮށް އުރީދޫގެ ބިލްތަކަށް ފައިސާ ދައްކާ ކަސްޓަމަރުންނަށް ބިލުގެ %5 އަނބުރާ އެމް ފައިސާ ވޮލެޓަށް ލިބޭނެ ކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫން ބުނީ އެ ކުންފުނިން މަސައްކަތް ކުރަނީ ކޮވިޑް 19ގެ ހާލަތު ދެމިއޮތްހާ ދުވަހަކު މެދުކެނޑުމަކާއި ނުލައި، ލުއިފަސޭހަކަމާއި އެކު، ފޯނާއި އިންޓަނެޓް މެދުވެރިކޮށް މުޖުތަމައަށް ފުރިހަމަ މައުލޫމާތު ލިބި، އެކަކު އަނެކަކުގެ ހާލުބަލައި ގުޅުން ބޭއްވުމުގެ ފުރުސަތު މަގުފަހި ކޮށްދިނުމަށް ކަމަށެވެ.