ޝަހީދާ އަބްދުﷲ ސައީދު
ތަހުގީގުގެ ބޭނުމަށްޓަކައި ރައީސް ޔާމީންގެ އެކައުންޓްތަކުގައި މިހާރު ހުރި ޔޫއެސް ޑޮލަރާއި ދިވެހި ފައިސާ ހިމެނޭ ގޮތުން 100 މިލިއަން ރުފިޔާ އަށް ވުރެ ގިނަ ފައިސާ ފްރީޒް ކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިހެން ބުނެފައިވަނީ ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް ރައީސް ޔާމީން މިއަދު މެންދުރު ފަހު ފުލުހުންގެ އިދާރާއަށް ހާޒިރުކުރައްވައި ބަޔާނެއް ނެގި ފަހުން ނެރުނު ނޫސް ބަޔާނުގައެވެ.
ފުލުހުން ނެރުނު ބަޔާނުގައި ބުނީ ރައީސް ޔާމީނުގެ ނަމުގައި ރާއްޖޭގެ ބޭންކްތަކުގައި ހުޅުވާފައިވާ އެކައުންޓްތަކުގެ ތެރެއިން ފުލުހުންނަށް މައުލޫމާތު ލިބިފައިވާ އެކައުންޓްތަކަށް އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރު ތެރޭގައި ބޮޑެތި އަދަދުތަކުން ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށް، އަދި އެ ފައިސާއިން މުއާމަލާތްކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އަދި މައްސަލައިގެ ތަހުގީގަށް އެ އެކައުންޓްތަކުގައި ހުރި 100 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ފްރީޒްކޮށްފައިވާ ކަމަށް ބަޔާނުގައިވެ އެވެ.
މީގެއިތުރުން ބަޔާނުގައި ބުނެފައިވަނީ މިއަދު ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކުރުމުން އެމަނިކުފާނު ސުވާލުތަކަށް ޖަވާބު ދެއްވި ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ތަހުގީގަށް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.
މިއަދު ފުލުހުންގެ އިދާރާއަށް ބަޔާން ދެއްވުމަށްފަހު ރައީސް ޔާމީން ނޫސްވެރިންނަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅުން ހުރި އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އެކައުންޓަށް ޖަމާވެފައި ވާތީ، އެކަމާ ވެސް ފުލުހުން ސުވާލު ކުރި ކަމަށެވެ.
އެ ފައިސާ މިހާރު ވަނީ އޭސީސީގެ ބެލުމުގެ ދަށުގައި ކަމަށާއި މީގެ ކުރިން އޭސީސީއަށް އެ ފައިސާ އާ ގުޅިގެން ބަޔާނެއް ދީފައި ވާނެ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެ މައުލޫމާތު އޭސީސީއިން ސާފުކުރުމަށް ފުލުހުންނަށް ދަންނަވާފައިވާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވެފައި ވެއެވެ.