ރިޕޯޓް

އޯޓިޒަމް ހުންނަ އާޓިސްޓެއް، އެހެން މީހުންނަށް އުފާވެރިކަން ގެނެސްދެނީ ފުއްޕާހަމުގެ އުފެއްދުންތަކުން

ކޮވިޑް 19ގެ ބަލިމަޑުކަން މުޅި ދުނިޔެއަށް ފެތުރިފައިވާއިރު އެންމެންގެ ޝުކުރާއި ތައުރީފު އޮހެމުން އަންނަނީ ފްރަންޓްލައިންގައި މަސައްކަތްކުރާ ހިދުމަތްތެރިންނަށެވެ. އަމިއްލަ ނަފްސު ނުރައްކަލެއްގެ ތެރެޔަށް ވައްޓާލައިގެން ތިބެ މަސައްކަތް ކުރަމުން އަންނަ ނަރުހުންނާއި ޑޮކްޓަރުންނަށެވެ. ގޭ ބަންދުގައި ތިބި މީހުންނަށް ހިދުމަތް ދެމުން އަންނަ މީހުންނަށެވެ. މި ހިދުމަތްތެރިންނަށް އެކި މީހުން ޝުކުރު ބަރުތީލަ ކުރަނީ އެކި ގޮތަށެވެ.

އެގޮތުން އޯޓިޒަމް ހުންނަ އުމުރުން 22 އަހަރުގެ އެޑީ ލިން ހިދުމަތްތެރިންގެ އަގު ވަޒަންކުރީ އޭނާގެ ހުނަރުންނެވެ. އެއީ ފުއްޕާހަންތަކަކުން ގަތާލައިގެން ހަދާ އެއްޗެހިންނެވެ.

"އޯސަމް ބެލޫން ކްރިއޭޓާ"ގެ ނަމުން ގިނަ ބައެއްގެ މެދުގައި މަގުބޫލު އޭޑީގެ އޯޓިޒަމް ހުންނަކަން އެނގުނީ އުމުރުން ތިން އަހަރުގައެވެ. އަދި އުމުރުން 10 އަހަރުގައި އޭނާ ވަނީ، ޔޫޓިއުބް ޓިޔުޓޯރިއަލް ބަލައިގެން ފުއްޕާހަން ބޭނުންކޮށްގެން ތަފާތު އެއްޗެހި ހަދަން ދަސްކޮށްފައެވެ. ހޮބީއަކަށް ކުރަން ފެށި އެކަންތައް މިހާރު ވަނީ ވިޔަފާރިޔަކަށް ބަދަލުވެފައެވެ.

ސުޕަހީރޯ، ހާއްސަކޮށް މާވެލްގެ ސުޕަހީރޯތަކަށް ލޯބިކުރާ އެޑީ ގަބޫލުކުރާ ގޮތުގައި ދުނިޔޭގައި ގިނަ ސުޕަހީރޯއިންގެ ހުންނަ ކަހަލަ ފިޔަގަނޑެއް ނެތް އެތައް ބައިވަރު ހީރޯއިންނެއް އެބަ އުޅެއެވެ.

"އެޑީގެ ސިކުނޑީގައި ކުރިއަރައިގެންދާ ކޮންމެ މީހަކީ ހީރޯއެއް. ޑޮކްޓަރެއްގެ އޮފީހަށް ދިޔަސް އަދި އޭނާއަށް އެހީވާ އެންމެންނަށް ވެސް އެޑީ ކިޔާނީ ޑޮކްޓަރުން،" އެޑިސަންގައި ދިރިއުޅޭ އެޑީގެ މަންމަ ޖެނީ ލިން ބުންޏެވެ.

ޒަރޫރީ މަސައްކަތު މީހަކަށް އެޑީ ފުރަތަމަ ބެލޫން ސްކަލްޕްޗާ ހަދައިދިނީ އޭނާގެ މަންމަގެ ރައްޓެއްސެއްގެ މަންމައަށެވެ. އެއީ ގްރޮސަރީ ފިހާރައެއްގެ މެނޭޖަރަކަށް އުޅުނު އެމީހާ ސްޓްރެސް ވެގެން އުޅޭތީ އޭނާ އުފާކޮށްދޭން އެޑީ ހަދައިދިން ސްކަލްޕްޗާއެކެވެ. ސޯޝަލް މީޑިއާގައި އެޑީގެ ވާހަކަ އާންމުވާން ފެށީ އެހާ ހިސާބުންނެވެ. އަދި އެއީ އޭނާގެ "ތެންކިޔު ކެމްޕެއިން" ފެށުނު ގޮތެވެ. އެގޮތުން އެޑީ ވަނީ މެއިލް ބަހާ މީހުންނަށާއި ހެލްތު ކެއާ ވޯކަރުންނަށާއި ފުލުހުންނަށް ވެސް ވެސް ބެލޫން ސްކަލްޕްޗާ ހަދައިދީ ހަދިޔާކޮށްފައެވެ.

މިކަމުން އެޑީ ފަށައިގެން ވިޔަފާރިން ފުރަތަމަ ބެލޫން އާޓް ހަދައިދޭން ފެށީ އުފަން ދުވަސް ފަދަ ހާއްސަ ހަފުލާތަކަށެވެ. އެއީ ހަމައެކަނި ހަފުތާ ބަންދުގައެވެ. ނަމަވެސް މިހާރު އެޑީ އަންނަނީ ބެލޫން ސްކަލްޕްޗާ އޯޑަރަށް ހަދައިދެމުންނެވެ. މުޅި ހަފުތާގައި އެފަދަ އެއްޗެހި ހަދައިދޭން އެޑީއަށް އޯޑަރު ލިބެއެވެ. އަދި 10 މިނެޓުން އޯޑަރު ހަދައި ނިންމައިލައެވެ.

"ފުއްޕާހަމުން މީހުންނަށް އުފާވެރިކަމަކާއި ހިނިތުންވުމެއް ގެނެސްދޭ. ހާއްސަކޮށް މިވަގުތަކީ އާއިލީ ވަގުތާއި އެމީހުންގެ އަމިއްލަ ނަފްސު ނުރައްކަލަށް ވައްޓާލައިގެން އަހަރެމެންނަށް ހިދުމަތްކުރާ މީހުންގެ މަސައްކަތް ބަލައިގަންނަކަން ދައްކައިދޭންވީ ވަގުތު،" އެޑީގެ މަންމަ ބުންޏެވެ.

އެޑީގެ މަންމަ ބުނި ގޮތުގައި، އެޑީގެ މަސައްކަތުން އެހެން މީހުން ވެސް ހިދުމަތްތެރިންގެ އަގުވަޒަން ކުރުމަށް ހިތްވަރު ލިބުމަކީ އޭނާގެ އުންމީދު ކަމަށެވެ.