ކުޅިވަރު

މިނިސްޓަރު މަހުލޫފްގެ ފާޑުކިޔުން ހަތަރު ނޫހަކަށް، ވިދާޅުވަނީ ނޫސްތަކަށް ހެޑްލައިން ހަދަން ނޭނގޭ ކަމަށް

އައިދާ އަބްދުލް ހަކީމް

2

އެފްއޭއެމުން ގެނެސްދިން ލެޓްސް ޓޯކް ފުޓުބޯޅަ ޝޯގައި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަ އަހްމަދު މަހުލޫފު ދެއްކެވި ވާހަކަތަކާއި ގުޅިގެން ހަތަރު ނޫހެއްގައި ހަބަރު ގެނެސްދީފައިވާ ގޮތާ މެދު ފާޑުވިދާޅުވެއްޖެއެވެ.

"މިހާރު" ނޫހާއި، "ވަން" އޮންލައިން އާއި ސީއެންއެމް އަދި ވަގުތު ނޫހުން ލިޔެފައިވާ ހެޑްލައިންތަކުގެ "ސްކްރީން ޝޮޓް" ހިމަނައި، މިނިސްޓަރު މަހުލޫފު ކުރެއްވި ޓުވީޓެއްގައި ވަނީ، މި ހެޑްލައިންތަކުން އޭނާ ދެއްކި ވާހަކަ އަދި ނުދައްކަވާ ވާހަކަތައްވެސް އޮޅިއްޖެ ކަމަށް ވިދާޅުވެ އެ ހަތަރު ނޫހަށް ފާޑުވިދާޅުވެފަ އެވެ. ނޫސްވެރީން ޒިންމާދާރު ނޫންކަން ދޭހަވާ ގޮތަށް ނުސީދާކޮށް މަހްލޫފު ވިދާޅުވީ 45 މިނެޓްގެ ޕްރޮގްރާމަކުން މިޔަށްވުރެ ޒިންމާދާރުކޮށް ހަބަރުތައް އަދި ހެޑްލައިންތައް ލިޔުމުގެ ގާބިލުކަން ނޫސްވެރިންގެ ހުންނާނެ ކަމަށެވެ.

މިނިސްޓަރު މަހުލޫފު ކުރެއްވި ޓްވީޓް

އެފްއޭއެމް އިން ގެނެސްދިން 31:32 މިނެޓްގެ އެ ޕްރޮގްރާމުގައި މައިގަނޑުގޮތެއްގައި ސުވާލުކޮށްފައިވަނީ ކޮވިޑާއި ގުޅިގެން މިހާރު މިނިސްޓަރު ކުރައްވަމުންގެންދަވާ މަސައްކަތްތަކާ ގުޅޭ ގޮތުނާއި އެފްއޭއެމްއާ ދޭތެރޭ މަހްލޫފް ދެކިވަޑައިގަންނަވާ ގޮތާ ގުޅޭ ގޮތުން އަދި ފުޓުބޯޅައިގެ މިހާރުގެ ހާލަތާ ގުޅޭ ގޮތުންނެވެ.

ކޮވިޑް 19 އާ ގުޅިގެން ހުރިހާ ކުޅިވަރު މުބާރާތެއް ހުއްޓި ކުޅިވަރު ކުޅުންތެރިންގެ އާމްދަނީ ލިބުން މިދަނޑިވަޅުގައި ހުއްޓިފައިވާއިރު އެކަމާ ގުޅިގެން ސްޕޯޓްސް މިނިސްޓަރު ވިދާޅުވެފައިވަނީ ކުޅިވަރު އަލުން ފެށޭނެ ތާރީހެއް ސާފު ނުވާ ކަމަށެވެ.

މީގެ ދުވަސްކޮޅެއް ކުރިން ވެސް "އަވަސް" އޮންލައިން އިން ގެނެސްދިން ރިޕޯޓަކާއި ގުޅިގެން މިނިސްޓަރު ވަނީ ހިތްހަމަ ނުޖެހި އެ ރިޕޯޓު ލިޔުނު ނޫސްވެރިޔާއަށް ޓުވިޓާގައި ފާޑު ވިދާޅުވެފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟