އެމްޕީއެލް

އެމްޕީއެލްގެ ވިޔަފާރި ބަނދަރުގައި ނުނެރި ގިނަދުވަސްވެފައި ހުރި ކޮންޓެއިނަރުތަކަށް ޑެމަރޭޖް ފީ ނަގަން ފަށަނީ

އެމްޕީއެލްގެ ވިޔަފާރި ބަނދަރުގައި ނުނެރި ގިނަދުވަސްވެފައި ހުރި ކޮންޓެއިނަރުތަކަށް ޑެމަރޭޖް ފީ ނަގަން ފަށާކަމަށް އެކުންފުނިން ބުނެފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ ކޮވިޑް 19 އާ ގުޅިގެން އެމްޕީއެލް އިން އިކޮނޮމިކް މިނިސްޓްރީއާ އެކު މަޝްވަރާކޮށް ގެންނަ މުދަލަށް އަރާ ޑެމަރޭޖް ފީ ނުނަގާ ގޮތަށް ކުރިން ނިންމި ކަމަށެވެ.

ނަމަވެސް މިހާރު ލޮކްޑައުން ހާލަތަށް ލުޔެއް ލިބުމުން އަދި ކޮންޓެއިނާ ކްލިއާ ކުރާ ފަރާތްތަކަށް ފާސް ހޯދުމުގައާއި ހުއްދަތައް ހޯދުމުގައި ފަސޭހަތަކެއް ލިބިދޭ އުސޫލު އާންމު ކުރުމާއި ގުޅިގެން އިއްޔެ އިން ފެށިގެން 11 ދުވަސް ދިނުމަށްފަހު އަނެއްކާ ވެސް ޑެމަރޭޖް ފީ ދައްކާ ގޮތަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ޝާހިދު ވިދާޅުވީ މި ލިބުނު ދުވަސްތެރޭގައި މިހާރު ހުރި މުދާތައް އެމުދާތަކުގެ ވެރިފަރާތުން ކްލިއާ ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. މާލޭ ވިޔަފާރި ބަނދަރަކީ ޖާގައިގެ ދަތިކަން ހުރި ތަނެއްކަމަށް ވުމުން މިހާ ގިނަ ކޮންޓެއިނާތަކެއް ނުނެރެ ގިނަ ދުވަސް ވުމުގެ ސަބަބުން ގިނަ ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށާއި އަލަށް އަންނަ ކޮންޓެއިނާތައް ބޭލުމުގައާއި މުދާ ކްލިއާ ކުރުމުގައި ވެސް ޖާގައިގެ ގިނަ ދަތިތަކެއް އެކަމުގެ ސަބަބުން އެބަހުރި ކަމަށް ޝާހިދު ވިދާޅުވިއެވެ.