މާދަމާއިން ފެށިގެން އެމްޕީއެލްގެ ހިދުމަތް ރޭގަނޑު 11:30 އާ ހަމަޔަށް ލިބޭނެ ކަމަށް އެ ކުންފުނީން ބުނެފި އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ ރޯދަމަސް ނިމުމާ އެކު އެކުންފުނިން ހިދުމަތްދޭ ގަޑިތަކަށް ބަދަލުގެނެވިފައިވާ ކަމަށެވެ. އެގޮތުން މާދަމާއިން ފެށިގެން އެމްޕީއެލްގެ މުވައްޒަފުން މަސައްކަތް ކުރާނީ ދެޝިފްޓަކަށް ބަހައިގެން ކަމަށެވެ. އެގޮތުން ހެނދުނު 7:30 އިން ފެށިގެން ރޭގަނޑު 11:30 އާއި ހަމަޔަށް މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ޝާހިދު ވިދާޅުވީ އާންމުންނަށް މުދާ ކްލިއާ ކުރުމުގެ ހިދުމަތްދޭން ހަމަޖައްސާފައިވަނީ ހެނދުނު 8:00 އިން ރޭގަނޑު 9:00 އަށް ކަމަށެވެ. އަދި ހުޅުމާލޭގެ ބަނދަރުގެ މަސައްކަތް ވެސް ކުރިޔަށްދާނީ ހަމަ އެގަޑިތަކުގައި ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
ކޮވިޑް 19 އާ ގުޅިގެން އެމްޕީއެލް އިން މަސައްކަތް ކޮށްފައިވަނީ އެތެރޭގައި މަދު މުވައްޒަފުންތަކެއް ލޮކްޑައުންވެގެން ކަމަށާއި ނަމަވެސް ލޮކްޑައުން އަށް އައި ލުޔާއެކު ދެޝިފްޓަށް މުވައްޒަފުން ބަހާލައި ނެރޭ ގޮތަށް މިހާރު އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ. އެހެންކަމުން މިދިޔަ މަހާއި އަޅައިބަލާއިރު ހިދުމަތް ދިނުމުގައި އަވަސްވެގެން ދާނެ ކަމަށް ވެސް ޝާހިދު ފާހަގަ ކުރެއްވިއެވެ.