ރައްޔިތުންގެ މަޖިލިސް

ޕީޕީއެމް މެންބަރުން ދުންމާރި ފުންމެވުމުގައި، ރިޔާސީ ކޮމިޝަނުގެ ބިލު ފާސްވާނެ ކަމުގެ އުއްމީދެއް ނެތް

ގޮތް ނޭނގޭ މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަން އަދި ދައުލަތުން ގެއްލިފައިވާ ފައިސާ އަނބުރައި ހޯދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވައިފައިވާ ރިޔާސީ ދެ ކޮމިޝަނަށް ގާނޫނީ ބާރު ދިނުމަށް ހުށަހަޅާފައިވާ ބިލު ފާސްކުރުމުގެ ޖަލްސާ މިހާރު ކުރިޔަށް ދާއިރު، އެ ބިލު ފާސްވާނެ ކަމުގެ އުއްމީދު ކުޑަވެއްޖެ އެވެ.

މިއަދު 2:00 ގައި ޖަލްސާ ފަށަން އޮތް ނަމަވެސް ޖަލްސާ ފެށިފައި ވަނީ 2:25ހާ އިރު އެވެ. ކުރީން ވެސް ބެލެވުނު ގޮތަށް ޕީޕީއެމްގެ މެންބަރުން މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެންފައެއް ނުވެ އެވެ. މިއަދުގެ ޖަލްސާ ފެށީ 25 މެންބަރުންނާ އެކު އެވެ.

ޖަލްސާ ފެށި ފަހުން އެއް ފަހަރު މެދުކަނޑައިލުމަށް ފަހު އަނެއްކާވެސް ޖަލްސާ ފަށާފައިވާ އިރު، ޕީޕީއެމްގެ މެންބަރުން ގެންދަވަނީ މަޖިލީހުގެ ތަޅުމަށް ވަދެވަޑައިގަންނަވަން ހުންނަ ދޮރުތައް ކައިރީ ތިއްބަވައިގެން ދުންމާރި ފުންމަވަމުންނެވެ. އޭގެ އަޑު ގަދަ ކަމުން ޖަލްސާގައި ކިޔާނުކިޔާ ސާފުނުވާ ކަމަށް މަޖިލިސް މެންބަރަކު ދާދި ދެންމެ "ވަން އޮންލައިން"އަށް ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާ އަށް ރިޔާސީ ކޮމިޝަން ތަކުގެ ބިލު އެޖެންޑާ ކޮށްފައިވާ އިރު، ކޯލިޝަންގެ އެންމެ މެންބަރުން ގިނަ ޕާޓީ، ޖޭޕީއަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް މެންބަރުން ވެސް ރަށުގައި ވަޑައިގެން ނޫޅުއްވަ އެވެ.

ރައްޔިތުން އެމައްޗަށް އަމަލުކުރަން ޖެހޭ ގާނޫނެއް ފާސްކުރަން ވޯޓަށް އަހާ އިރު މަޖިލީހުގެ ތަޅުމުގައި އެ މަޖިލީހުގެ ރައީސް ނުލައި 42 މެންބަރުން މަދުވެގެން ތިއްބަވަން ޖެހޭނެ އެވެ. އެ އަދަދު މިއަދު އަދި ހަމަ ނުވާ ކަމަށް ވަން އޮންލައިންއާ ވާހަކަދެއްކެވި މެންބަރު ވިދާޅުވި އެވެ. އެ މެންބަރު ވިދާޅުވީ ޖަލްސާ ފެށީ 25 މެންބަރުންނާ އެކު ކަމަށާއި މިހާރު 30 ވަރަކަށް މެންބަރުން އެބަތިއްބެވި ކަމަށެވެ.

ޖޭޕީ އާއި ޕީޕީއެމް ގުިޅިގެން ރިޔާސީ ކޮމިޝަންތަކުގެ ބިލު ފާސްވިޔަ ނުދިނުމަށް މަސައްކަތްކުރާ ކަމުގެ ތުހުމަތުތަކެއް ބައެއް ފަރާތްތަކުން ދަނީ ކުރަމުންނެވެ. އެހެން ނަމަވެސް ޖޭޕީއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލިސް މެންބަރަކު މިއަދު "ވަން އޮންލައިން" އަށް ވިދާޅުވީ މިއަދު އެ ޕާޓީގެ ބައެއް މަޖިލިސް މެންބަރުން ރަށުގައި ވަޑައިގެން ނެތީ އެއީ ކުރީން ވެސް ހަމަޖެހިފައި ހުރި ދަތުރުތަކެއްް ކަމަށް ވާތީ ކަމަށެވެ.