ރައްޔިތުންގެ މަޖިލިސް

އެއްބާރުލުމުގެ ބަދަލަށް ޕީޕީއެމުން ހުށަހެޅީ އެމްއެމްޕީއާރުސީގެ މައްސަލަ ރަނގަޅަށް ނިންމައިދޭން: މެންބަރުން

އިބްރާހިމް ޒަކީ

އަންނަ ޖޫންމަހުގެ ތިންވަނަ ދުވަހަށް މިހާރު ތިބި ކައުންސިލަރުންގެ މުއްދަތު ހަމަވާތީ، ކުރިމަތިވާ ގާނޫނީ ހުސްކަމަށް ފަރުވާހޯދުމަށް ގާނޫނުއަސާސީއަށް ގެންނަން ނިންމާފައިވާ އިސްލާހު، މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކުރަން އެއްބާރުލުން ދޭން އިދިކޮޅު ޕީޕީއެމް ޕީއެންސީން ހުށަހެޅީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ރަނގަޅު ގޮތަކަށް ނިންމައިދިނުމާއި، މިހާރު ޖަލުގައި ހުންނެވި ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު ދޫކޮށްލުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް ވިދާޅުވެއްޖެއެވެ.

އާ އިންތިހާބަކުން ހޮވާ ކައުންސިލަރުން މަގާމާ ހަވާލުވަންދެން މިހާރު ތިބި ކައުންސިލަރުން އެ ބޭފުޅުންގެ މަގާމުތަކުގައި ތިބެވޭ ގޮތަށް ކައުންސިލަރުންގެ ދައުރު އިތުރުކުރުމަށް ގާނޫނު އަސާސީއަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ މުޅި ކޮމިޓީން ރޭ ފާސްކުރި އިސްލާހު، ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރުގެ ބަހެއް ލިބުމުން، މިއަދުގެ ޖަލްސާގައި ވޯޓަށް އަހައި ފާސްކުރަން އޮތީ އެޖެންޑާކޮށްފައެވެ.

ރޭ ދަންވަރާއެކު މަޖިލީހުން މި މަސައްކަތް ހުއްޓާނުލައި ކުރިއަށްގެންދަނީ އެކަމަށް ވަގުތު ނެތުމުންނެވެ. އެއީ އަންނަ މަހުގެ ތިނެއްގެ ކުރިން މިކަމަށް ހައްލެއް ނުގެނެވިއްޖެނަމަ، ކައުންސިލަރުންގެ ގާނޫނީ ދައުރު ހަމަވެ، ގާނޫނީ ހުސްކަމަަކަށްދާނެތީއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މަޖިލީހުގެ މުޅި ކޮމިޓީން ރޭ 11:00ގެ ފަހުން ފާސްކުރި އިސްލާހުގެ ރިޕޯޓް ރޭ މެންބަރުންނަށް ފޮނުވާފައިވާ ކަމަށެވެ.

މަޖިލީހުގެ ގަވައިދު ބުނާގޮތުން އެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ގެނެސް ވޯޓަށް އެހޭނީ މެންބަރުންނަށް ރިޕޯޓް ފޮނުވުމަށްފަހު ތިން ދުވަަސް ދިނުމަށްފަހުގައެވެ. ނަމަވެސް އެއަށްވުރެ އަވަހަށް އެފަދަ ރިޕޯޓްތައް މަޖިލީހުގެ ތަޅުމަށް ގެނެސް ވޯޓަށް އެހޭ އުސޫލެއް ވެސް މަޖިލީހުގެ ގަވައިދުގައި އޮވެއެވެ. އެއީ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާކޮށް އެފަރާތްތައް އެކަަމަށް އެއްބަސްވުމެވެ.

އެގޮތުގެ މަތިން މަޖިލީހުގެ މެޖޯރިޓީ ލީޑަރު، އަދި އެމްޑީޕީގެ ޕީޖީ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާއި، މައިނޯރިޓީ ލީޑަރު، އިދިކޮޅު ޕީޕީއެމްގެ ޕީޖީ ލީޑަރު އަދި އޭދަފުށީ ދާިއރާގެ މެންބަރު އަހުމަދު ސަލީމްއާ މަޝްވަރާކުރައްވާފައިވާ ކަމަށް ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް ވިދާޅުވިއެވެ. އަދި ޕާޓީގެ މެންބަރުންނާ މަޝްވަރާކުރެއްވުމަށްފަހު ޖަވާބެއް ދެއްވާނެ ކަމަށް ސަލީމް ވިދާޅުވި ކަމަށާއި އެހެންކަމުން ޖަލްސާގެ ތެރެއިން އެކަމަށް އިދިކޮޅު ފަރާތްތަކުގެ ޖަވާބެއް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

ވަކި ހިސާބަކުން، ޖަލްސާގެ ރިޔާސަތު މަޖިލީހުގެ ނާއިބު ރައީސް އީވާ އަބުދުﷲ އާ ހަވާލު ކުރެއްވުމަށްފަހު އެ މައްސަލައާ ބެހޭގޮތުން އިތުރަށް މަޝްވަރާކުރެއްވުމަށް މަޖިލިސް ރައީސް ވަޑައިގެންނެވިއެވެ.

ނަަމަވެސް މާގިނައިރުތަކެއްނުވެ އެނބުރި ވަޑައިގެން ރިޔާސަތާ ހަވާލުވެ ވަޑައިގެންނެވުމަށްފަހު މަޖިލިސް ރައީސް ވިދާޅުވީ، ގާނޫނު އަސާސީއަށް ހުށަހަޅާފައިވާ އިސްލާހު މިއަދު ތަޅުމަށް ގެނައުމަށް އިދިކޮޅު ފަރާތްތަކުގެ އެއްބާރުލުން ލިބިފައިނުވާ ކަމަށެވެ. އެހެންކަމުން އާދިއްތަ ދުވަހުގެ ރެއިން ފެށިގެން އެ އިސްލާހުގެ މަސައްކަތް ކުރިއަށްގެންދަން ނިންމެވި ކަމަށް މަޖިލިސް ރައިސް ވިދާޅުވިއެވެ. ނަަމަވެސް އިދިކޮޅު ފަރާތްތަކުން އެކަމަށް އެއްބަސްނުވީ ކޮން ސަބަބަކާ ހުރެގެން ކަމެއް މަޖިލިސް ރައީސް ވިދާޅެއްނުވިއެވެ.

ޖަލްސާގައި ވާހަކަދައްކަވަމުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް، މަޖިލިސް ރައީސާ އެ ސުވާލު ކުރެއްވުމުންވެސް މަޖިލިސް ރައީސް ޖަވާބެއް ނުދެއްވިއެވެ. އެ ސުވާލާ ގުޅިގެން މަޖިލިސް ރައީސް ރޮޒެއިނާއައް ވިދާޅުވީ ވާހަކަ ކުރިއަށް ގެންދެވުމަށެވެ. ނަމަވެސް ރޮޒެއިނާ ވިދާޅުވީ، "އަޅުގަނޑު ގަބޫލު ކުރަނީ އިއްޒަތްތެރި ރައީސް ދައްކަވަންވެސް ލަދުވެތިވާ ފަދަ ވާހަކައެއް ދައްކަވާފައިވާ ކަމަށް،" ކަމަށެވެ.

ރޮޒެއިނާގެ އެ ވާހަކައަށް އެއްބަސްވާ ފަދަ ގޮތަކަށް ވަަރަށް ބޮޑަށް ޝުކުރިއްޔާއޭ މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެ މައްސަލައިގައި މެންބަރުން ދެއްކެވި ވާހަގައިގައި، އިދިކޮޅު ފަރާތްތަކަށް ވަރަށްބޮޑަށް ފާޑު ވިދާޅުވިއެެވެ. އޭގެ ތެރެއިން ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް ވިދާޅުވީ، އެފަރާތްތަކުގެ ފުރަތަމަ އެދުމަކީ އެމްއެމްޕީއާރުސީގެ މައްސަަލަ ނުހިނގާނެ ގޮތަކަށް ކަންތައް ކުރުން ކަމަށެވެ. އަދި ދެވަަނައައް އެދުނީ ކޮންމެ ގޮތަކުން ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ޖަލުން ދޫކޮށްލުމަށް ކަަމަށްވެސް ވިދާޅުވިއެވެ.

"އެބޭފުުން އެންމެ ފުރަތަމަ ދެއްކެވި ވާހަކައަކީ، އެމްއެމްޕީއާރުސީން އަޅުގަނޑުމެނަށް ވަނީ ވައްކަން ކުރެވިފައޭ، އަޅުގަނޑުމެންގެ، އެމްއެމްޕީއާރުސީގެ ވައްކަމުގެ ކަންތައް ނުހިންގެވޭނެ ގޮތަކަށް އަމަލުކުރާކަމަށްވަަންޏާ އަޅުގަނޑުމެން ވޯޓު ދީފާނަމޭ، ދެން އެބޭފުޅުން ވިދާޅުވީ އަބުދުﷲ ޔާމީންގެ އަންހެނުންވެސް ވަރަށް ބަލި ކޮށޭ އުޅެނީ، އަދި ޔާމީންގެ ބުރަކަށީގެ މައްސަލައެއް ވެސް އުޅެއޭ. އަދި ޔާމީނަށް އެތަނުގައި ފަރިއްކުޅުވަން ވެސް އުނދަގުލޭ. އެހެންވީމާ ކޮންމެގޮތެއް ހަދާފައި ނަމަވެސް ޔާމީން ގެނެވޭނެ ގޮތެއް ހައްދަަވައި ދެއްވާށޭ،" މެންބަރު ހަލީމް ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުގެ އެއްބާރުލުން ނުލިބުމުން މަޖިލިސް ރައީސް ވަނީ މާދަމާރެއާއި ހޯމަ ދުވަހުގެ ރޭ މަޖިލީހުގެ ޖަލްސާތައްް ބާއްވައިގެން ގާނޫނު އަސާސީއައް އިސްލާޙު ގެނައުމުގެ މައްސަލަ ނިންމުމަށް ކަނޑައަޅައިއިފައެވެ.