ރައްޔިތުންގެ މަޖިލިސް

ގާނޫނޫ އަސާސީ އިސްލާހުކުރަން އަވަސްކުރަން މައިނޯރިޓީ ލީޑަރުގެ އެއްބާރުލުމެއް ނުދިން: މަޖިލިސް ރައީސް

އިބްރާހިމް ޒަކީ

އާ އިންތިހާބަކުން ހޮވާ ކައުންސެލަރުން މަގާމާ ހަވާލުވަންދެން މިހާރު ތިބި ކައުންސެލަރުން އެ ބޭފުޅުންގެ މަގާމުތަކުގައި ތިބެވޭ ގޮތަށް ކައުންސެލަރުންގެ ދައުރު އިތުރު ކުރުމަށް ގާނޫނުއަސާސީއަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ މުޅި ކޮމިޓީން ރޭ ފާސްކުރި އިސްލާހަށް، މިއަދު ވޯޓަށް އަހައި އެކަން އަވަސްކުރާން ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރުގެ އެއްބާރުލުން ލިބިވަޑައިނުގެންނެވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް ނަޝީދު ވިދާޅުވީ، ގާނޫނުއަސާސީއައް އިސްލާހު ގެނައުމުގެ ބިލުގެ ކޮމިޓީ ރިޕޯޓު މިއަދުގެ ޖަލްސާއައް ހުށަހަޅައި ފާސްކުރުމާބެހޭގުން މައިނޯރިޓީ ލީޑަރު ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ސަލީމާ މަޝްވަރާ ކުރައަވަމުން ގެްނދަވާ ކަމަށެވެ.

އެއީ ރިޕޯޓް މެންބަރުންނައް ފޮނުވުމައްފަހު، އިސްލާހު ހުށަހެޅުމައް މެންބަރުންނައް ތިން ދުވަސް ދޭންޖެހޭނެ ކަމައް މަޖިލިސް ގަވާއިދުގައި ބުނެފައިވާތީއެވެ.

ގަވާއިދުގައި ބުނެފައި ވަނީ އެއައްވުރެ އަވަހައް ކޮމިޓީ ރިޕޯޓް މަޖިލީހުގެ ތަޅުމައް ގެނެވޭނީ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރާ މަޝްވަރާ ކުރެއްވުމައްފަހުގައި ކަމަށެވެ.

ނަމަވެސް ޖަލްސާގެ މެދުތެރެއިން މަޖިލިސް ރައީސް ވިދާޅުވީ، އެކަމުގައި މައިނޯރިޓީ ލީޑަރާއެކު އެއްބަސްވުމަކަށް ނާދެވުނު ކަމަށެވެ. އެކަމާބެހޭގޮތުން މައިނޯރިޓީން ކަމުގައިވާ އިދިކޮޅު ފަރާތްތަކާ ތިންފަހަރެއްގެމަތިން ވާހަަކ ދެއްކެވިކަމައް މަޖިލިސް ރައީސް ވިދާޅުވިއެެވެ.

"ރިޕޯޓު މަޖިލީހުގެ ތަޅުމަށް މިއަދު ގެނައުމާ ގުޅޭގޮތުން، ޕީޕީއެމްގެ ބޭފުޅުންނާ ދެފަހަރެއް ތިން ފަހަރެއްގެ މަތިން ވާހަކަ ދައްކައިފީމު. މައިނޯރިޓީ ލީޑަރާ އަޅުގަނޑަކާ އެއްބަސްވުމެއް ނުހޯދުނު އެބޭފުޅުން ވިދާޅުވަނީ ގަވާއިދުގައި އޮތް ގޮތަށް އެއްބަސްވުމާ ނުލާ ކުރިއަށް ދާން،" ނަޝީދު ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން އެކަން މަޖިލީހުގެ އަމީން އާންމަށްވެސް އަންގާފައިވާ ކަމަށާއި، އެހެންކަމުން ދެ އެކަން ކުރިއައްގެންދާނީ ގަވާއިދުގައިވާ މުއްދަތުގެ ތެރެއިން ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެގޮތުން ގާނޫނު އަސާސީއައް އިސްލާހު ގެނައުމުުގެ ބިލުގެ ކޮމިޓީ ރިޕޯޓު ތާވަލުކޮށް، ވޯޓަށް އެހެން މަޖިލީހުގެ ގަވާއިދުގެ ތެރެއިން ޖާގަ ލިބޭ އެންމެ އަވަސް މުއްދަތު ކަމައްވާ، އަންނަ ހޯމަ ދުވަހުގެ ރޭ 11:00 ގައި މަޖިލީހުގެ ޖަލްސާ ބާއްވާނެ ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.