އިބްރާހިމް ޒަކީ
ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު އަދާކުރައްވަން ޖެހިވަޑައިގަންނަވާ ޒިންމާތައް އަދާކުރައްވާފައި ނުވާ ކަމަށާއި، މިނިސްޓަރު ގާނޫނާ ހިލާފުވެ ވަޑައިގަންނަވާކަމައށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީން ނިންމައި، މަޖިލީހަށް ހުށަހެޅި ރިޕޯޓަށް ބަހުސް ފަށައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާޔަށް މި ރިޕޯޓް ހުށަހަޅުއްވައި ދެއްވީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީގެ މުގައްރިރު ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރެވެ.
ފިޝަރީޒް މިނިސްޓަރު ޒިންމާ އަދާ ނުކުރައްވާ ކަމަށާއި، އެކަމުގެ ސަބަބުން މިނިސްޓަރު ގާނޫނާ ހިލާފުވެ ވަޑައިގެންފައިވާ ކަމަށް ގަވާއިދު ކޮމިޓީން ނިންމީ، މަސްވެރިކަމުގެ ދާއިރާގެ ކުރިއެރުމަށް ގިނަ ކަންތައްތަކެއް ހިމަނައިގެން މަޖިލީހުން ފާސްކުރި މަސްވެރިކަމުގެ އާ ގާނޫނުގައި 90 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭނެ ކަމަށް ކަނޑައަޅާފައިވާ ގިނަ ގަވާއިދުތަކެއް އެ މިނިސްޓްރީން ނިންމާފައި ނުވާ މައްސަލަ އެ ކޮމިޓީން ބެލުމަށް ފަހުގަ އެވެ.
މައްސަލަ ބެލުމަށް ފަހު، ގަވާއިދު ކޮމިޓީން އެކުލަވައިލި ރިޕޯޓުގައި ބުނެފައިވަނީ މަސްވެރިކަމުގެ ގާނޫނުގައި އެކުލަވައިލަން ބަޔާން ކުރާ ގަވާއިދުތައް މިނިސްޓްރީން ހަދާފައި ނުވާކަން ފާހަގަކުރެވޭ ކަމަށެވެ.
ގާނޫނެއްގައި ވަކި ގޮތަކަށް އަމަލު ކުރަން ބަޔާންކުރުމުން އެއީ ބަރީއަ ވެވެން ނެތް ވާޖިބެއް ކަމަށް ހަމަތައް ބަޔާން ކުރާ ގާނޫނުގައި ބުނެފައިވާކަން ކޮމެޓީގެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
އެހެންކަމުން ފިޝަރީޒް މިނިސްޓްރީއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތަށް އަދާކޮށްފައި ނުވުމުން ފިޝަރީޒް މިނިސްޓްރީން ގާނޫނާ ހިލާފު ވެފައިވާ ކަމަށާއި މިނިސްޓަރު ނަންގަވަން ޖެހިވަޑައިގަންނަވާ ޒިންމާ ނަންގަވާފައި ނުވާ ކަމަށް ކޮމިޓީން ނިންމާފައިވާ ކަމަށް ރިޕޯޓުގައި ވެއެވެ.
ގަވައިދު ކޮމިޓީން އެ މައްސަލަ ދިރާސާ ކުރިއިރު ފިޝަރީޒް މިނިސްޓްރީގެ އިސް ބޭފުޅުންނާ ސުވާލު ކޮށްފައި ވެއެވެ. ގަވައިދު ކޮމެޓީގެ މެޖޯރިޓީ މެންބަރުންނަކީވެސް އެމްޑީޕީގެ މެންބަރުންނެވެ.