ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ "ދައުލަތުގެ ފައިސާ އާއި މުދަލަށް ޚިޔާނާތްތެރިވުމުގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުތަތަކުގެ މައްސަލަތައް ބެލުމުގެ ބިލު" ގާނޫނު އަސާސީއާ ޚިލާފު ކަމަށް ޕީޕީއެމުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް އަށް ދަންނަވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު، އަހުމަދު ނިހާން ހުސެއިން މަނިކުގެ ބަދަލުގައި ޕީޕީއެމްގެ ޕާލިމެންޓަރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު އަލީ އާރިފު ސޮއި ކުރައްވައި މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމަށް މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ކޮމެޓީ މަރުހަލާއިން ނިންމައި މަޖިލީހަށް އެޖެންޑާ ކުރުމަށް މަޖިލީހުގެ ރައީސަށް ފޮނުއްވާފައިވާ ކޮމެޓީ ރިޕޯޓުގައި ވަނީ ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ގާނޫނު އަސާސީ އިން އުފައްދައި އެކަށައަޅާފައިވާ ދައުލަތުގެ ތަހުގީގީ އިދާރާތަކުގެ ބާރު ހަނިވާ ގޮތަށް ކަމަށް ވާތީ، އެއީ ގާނޫނު އަސާސީގެ ބާރު ކަނޑުވާލައި އަދި މުޅި ގާނޫނު އަސާސީގެ ރޫހާ ޚިލާފު ކަމެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާލިމެންޓްރީ ގުރޫޕުން ދެކޭ ކަމަށެވެ.
"ވީމާ ކޮމެޓީގެ މަރުހަލާގައި ގެނެސްފައިވާ ބަދަލާ އެކު މި ބިލަށް ވޯޓަށް އެހުމަކީ ގާނޫނު އަސާސީއާ ޚިލާފު ކަމެއް ކަމުގައި ދެކޭތީ، މަނިކުފާނުގެ މައުލޫމާތަށް ޓަކައި ދެންނެވީމެވެ." ޕީޕީއެމް ޕާލިމެންޓްރީ ގުރޫޕުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމަށް ފޮނުއްވި ސިޓީގައި ބުނެފައިވެ އެވެ.