ރައްޔިތުންގެ މަޖިލިސް

ކައުންސެލަރުންގެ ދައުރު އިތުުރުކުރުމުގެ އިސްލާހަށް މައިނޯރިޓީ ލީޑަރުގެ ބަހެއް ލިބުމުން މިއަދު ވޯޓަށް އަހަން ނިންމައިފި

އިބްރާހިމް ޒަކީ

އާ އިންތިހާބަކުން ހޮވާ ކައުންސެލަރުން މަގާމާ ހަވާލުވަންދެން މިހާރު ތިބި ކައުންސެލަރުން އެ ބޭފުޅުންގެ މަގާމު ތަކުގައި ތިބެވޭ ގޮތަށް ކައުންސެލަރުންގެ ދައުރު އިތުރު ކުރުމަށް ގާނޫނުއަސާސީއަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ މުޅި ކޮމިޓީން ރޭ ފާސްކުރި އިސްލާހަށް، ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރުގެ ބަހެއް ލިބުމުން، މިއަދު މަޖިލީހުގައި ވޯޓަށް އަހައި ފާސްކުރަން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މަޖިލީހުގެ މުޅި ކޮމިޓީން ރޭ އެގާރަ ޖެހިފަހުން މަޖިލީހުގެ ކޮމިޓީން ފާސްކުރި އިސްލާހުގެ ރިޕޯޓް ރޭ މެންބަރުންނަށް ފޮނުވާފައިވާ ކަމަށެވެ.

މަޖިލިސް ރައީސް ވިދާޅުވީ، މަޖިލީހުގެ ގަވާއިދު ބުނާގޮތުން އެ ރިޕޯޓަށް މަޖިލީހުގެ ތަޅުމުގައި ވޯޓަށް އެހޭނީ މެންބަރުންނަށް ފޮނުވުމަށްފަހު ތިންދުވަަސް ދިނުމަށްފަހު ކަމަށެވެ. އެޔަށްވުރެ އަވަހަށް ދެން ވޯޓަށް އެހޭނީ މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރާ މަޝްވަރާ ކުރެއްވުމަށްފަހު އެ ބޭފުޅުން އެއްބަސް ވުމުން ކަމަށް ވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

މަޖިލިސް ރައީސް ވިދާޅުވީ، އެމައްސަލައިގައި މަޖިލީހުގެ މެޖޯރިޓީ ލީޑަރު، އަދި އެމްޑީޕީގެ ޕީޖީ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އާއި، މައިނޯރިޓީ ލީޑަރު އިދިކޮޅު ޕީޕީއެމްގެ ޕީޖީ ލީޑަރު އަދި އޭދަފުށީ ދާިއރާގެ މެންބަރު އަހުމަދު ސަލީމްއާ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

އެކަމުގައި ޕާޓީއާ މަޝްވަރާ ކުރެއްވުމަށްފަހު އެއްޗެއް ދަންނަވާނެ ކަމަށް ސަލީމް ވިދާޅުވެފައިވާ ކަމަށާއި، މިއަދުގެ ޖަލްސާގެ ތެރެއިން އެކަމާމެދު ސަލީމްގެ ނިންމެވުން އަންގަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

މިހާރު ތިބި ކައުންސެލަރުންގެ ދައުރު އަންނަ ޖޫން މަހުގެ ތިންވަނަ ދުވަހަށް ހަމަވާނެ އެވެ. އެދުވަހުުގެ ކުރިން ގާނޫނުއަސާސީއަށް އެ އިސްލާހު ނުގެނެވިއްޖެނަމަ ގާނޫނީ ހުސްކަމެއް އަންނާނެއެވެ.

އެހެންކަމުން މައިނޯރިޓީ ލީޑަރުގެ ބަހެއް އެކަމުގައި ލިބުމުން އެ އިސްލާހަށް މަޖިލީހުގެ ތަޅުމުގައި ބަހުސްކޮށް ވޯޓަށް އެހުމުގެ ކަންތައް ކުރިޔަށް ގެންދިއުމަށްޓަކައި މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފައެވެ.