ރިޕޯޓް

އޮއްތޮގެ އެކްސިޑެންޓަށް ދެ އަހަރު: އިރާދަކުރެއްވިއްޔާ އެކަނި މަ ހިނގާނަން! ފަރުވާގެ ލޯބި ނަމޫނާއެއް

1

މީގެ ދެ އަހަރު ކުރިން މޭ 29 ވަނަ ދުވަހު ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އުމަރު ސަލީމު (އޮއްތޮ)، 34، ގެ އުފާވެރި ހަޔާތް އެފުށް މިފުށަށް ޖެހުނެވެ. ތުއްތު ދަރިފުޅާއި ލޯބިވާ އަންހެނުންނާއެކު އުޅެމުން އައި އުޖާލާ ދިރިއުޅުން ފުނޑުފުނޑުވިއެވެ. އެކްސިޑެންޓާ ގުޅިގެން 17 ދުވަހުގެ ކޯމާއެއްގައި އޮންނަން ޖެހުނެވެ. ލިބުނު އަނިޔާތަކުގެ ބޮޑުކަމުން ޑޮކްޓަރުންނަކަށް ވެސް އޮއްތޮ ސަލާމަތް ކުރެވޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް އެއިރަކު ނެތެވެ.

ސިކުނޑިޔާށް ލިބިފައި ހުރި ބޮޑެތި ޒަހަމްތަކާ އެކުވެސް، އޮއްތޮގެ ފުރާނަ ސަލާމަތްކޮށްދިނީ ޓްރީޓޮޕް ހޮސްޕިޓަލުން ކުރި ބޮޑު އޮޕަރޭޝަނުންނެވެ. ނަމަވެސް އަމިއްލަޔަށް ހިނގައިބިނގައިވެ އުޅުމާއި ވާހަކަ ދެއްކުމުން މަހްރޫމު ވިއެވެ.

މިވީ ދެ އަހަރަކީ އޮއްތޮ އަށާއި އޭނާގެ އާއިލާއަށް ހިތްދަތި ދުވަސްތަކެއް ނަމަވެސް އޮއްތޮ އާއި އާއިލާއިން ވެސް ދެއްކީ ސާބިތުކަމެވެ. ރައްޓެހިންނާއި އާންމުން ދިނީ މިނެއް ނެތް ލޯތްބެވެ. އެކަމުން ހިތްވަރު ނެރެގެން މިއަދު ވޯކާގެ އެހީގައި މަޑުމަޑުން ނަމަވެސް އޮއްތޮއަށް ގޭތެރޭގައި ހިނގައިލެވެއެވެ. އެ ހިސާބަށް އޮއްތޮ ކުރި ދިގު އަދި ބުރަ ދަތުރު އޭނާގެ އަންހެނުން ފާތުމަތު ނައުފާ އާންމުންނަށް ދައްކައިދިނީ ވީޑިއޯއަކުންނެވެ.

ފަރުވާގެ ކަންކަން ކުރިއަށްދިޔަ ގޮތް ދައްކައިދީ އޮއްތޮގެ އަންހެނުން ނައުފާ ހިއްސާކޮށްފައިވާ ވީޑިއޯ --

"އޮއްތޮގެ ފާއިތުވެދިޔަ ދެ އަހަރު ދުވަހަކީ އުންމީދު ކަނޑާނުލައި ކުރެވެން އޮތް އެންމެ ރަނގަޅަކަށް މަސައްކަތް ކުރުމަކީ ކުރިޔަށް ދިއުމަށް އޮތް މަގުކަން ދައްކައިދޭ ހެއްކެއް،" ވީޑިއޯއާއެކު ނައުފާ ބުނެފައި ވެއެވެ.

ފަރުވާގެ ކަންކަން ކުރިއަށްދިޔަ ގޮތް ދައްކައިދީ ނައުފާ ހިއްސާ ކޮށްފައިވާ ވީޑިއޯ ފަށައިފައިވަނީ އޮއްތޮ އެކްސިޑެންޓުވި މަންޒަރު ދައްކައިދޭ ވީޑިއޯ ފުޓޭޖަކާވެސް އެކުގައެވެ. ވީޑިއޯގައި ބުނެފައިވާ ގޮތުން އޮއްތޮ ވަނީ މިދިޔަ ދެ އަހަރު ދުވަސް ތެރޭގައި 930 އަށްވުރެ ގިނަ ގަޑިއިރުގެ ޕިޒިއޮތެރަޕީ އާއި 465 ގަޑިއިރުގެ ސްޕީޗް ތެރަޕީ އަދި އޮކިއުޕޭޝަނަލް ތެރަޕީގެ އިތުރުން 35 ގަޑިއިރަށްވުރެ ގިނަ ސައިކޮލޮޖީ ތެރަޕީ ނަގައިފައެވެ.

ދެ މިނެޓެއްހާ ދިގު އެ ވީޑިއޯ ކޮޅު ނިންމާލާފައިވަނީ އޮއްތޮގެ އަޒުމާއެކުއެވެ. އިން ގޮނޑިން ހިތްވަރާއެކު ތެދުވެ އޮއްތޮ، ބުނެލީ، "އިރާދަކުރެއްވިއްޔާ އަދި އެކަނި މަ ހިނގާނަން،" މިހެންނެވެ. އެއަށްފަހު ހިނިތުންވެލައެވެ.

އެކްސިޑެންޓަށް ދެ އަހަރު ވުމުން ނައުފާގެ އިތުރުން އޮއްތޮއަށް ހިތްވަރު ދިން އެންމެންނަށް ޝުކުރު ބަންޑުންކޮށްލީ އޭނާގެ މަންމަ ފާތިމަތު ޔޫސުފެވެ. އޭނާ ބުނީ އޮއްތޮގެ އެކްސިޑެންޓާއެކު އާއިލާ އެންމެންގެ ދިރިއުޅުން ބަދަލުވި ކަމަށެވެ. ނަމަވެސް ވޭތުވެދިޔަ އަހަރުތަކުގައި އޭނާ ދަރިފުޅު ދެއްކި ގަދަ ހިތްވަރާއި، ކެތްތެރިކަން ފާހަގަކޮށް ހަމްދުކުރާ ކަމަށެވެ.

އޮއްތޮގެ ނުރައްކާތެރި އެކްސިޑެންޓަށްފަހު ޑޮކްޓަރުންވެސް އޭނާ ސަލާމާތް ނުވާނެ ކަމަށް ހީކޮށް އުއްމީދު ކަނޑައިލި އިރު، މިއަދު އޮއްތޮގެ މޫނުމަތީން އެ ފެންނަ ހިނިތުން ވުމަކީ ބައެއްގެ ބުރަ އަދި ނަމޫނާ މަސައްކަތެވެ. އޮއްތޮގެ ސިއްހީ ފަރުވާގައި ރެޔާއި ދުވާލު މަސައްކަތްކުރަމުން އަންނަ އޭނާގެ ލޮބުވެތި އާއިލާ އެވެ. ރައްޓެހީންނެވެ. އަދި ހަމަ އެހެންމެ ވަރުބަލިކަމެއް ނެތި މަސައްކަތްކުރަމުން އަންނަ ސިއްހީ އެހީތެރީންނެވެ. މި ބޮޑު ކާމިޔާބުން އަދި މިއަދު އޮއްތޮއަށް ލިބިފައި އެވާ ހިތްވަރުން އެނގި ސާބިތުވި އެންމެ ބޮޑު އެއް ކަމަކީ، މި ފަދަ ކޮންމެ ކަމެެއްގައި ވެސް އެންމެ މުހިންމީ ގަދަ ހިތްވަރާ އެކު މާތްﷲ އަށް ހަމްދުކޮށް އުއްމީދު އެލުވައިނުލައި މަސައްކަތް ކުރުމުގެ މުހިންމުކަމެވެ. އަދި މިފަދަ ކޮންމެ ހާލަތެއްގައިވެސް އެ ހާލަތުން އަރައިގަތުމުގައި އާއިލާއާއި ރައްޓެހި ރަހުމަތްތެރީންގެ ލޯތްބާއި އަޅައިލުމުގެ މުހިއްމުކަން އިންތިހާއަށް ބޮޑުކަމެވެ.

"ވަން"ގެ ދުއާއަކީ އޮއްތޮގެ އާއިލާއާއި ރައްޓެހީން އަދި ސިއްހީ ހިދުމަތްތެރީން ވަރުބަލިކަމެއް ނެތި ތި ކުރާ މަސައްކަތުގައި ބަރަކާތް ލައްވައި ކާމިޔާބު މިންވަރުކުރެއްވުމެވެ. އަދި އޮއްތޮގެ ގަދަ ހިތްވަރާއި އަޒުމް ކާމިޔާބުވެ އެއްވެސް އެއްޗެއްގެ އެހީއާ ނުލައި އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވެ ހިނގައި އުޅެވޭނެ ދުވަހެއް ދެއްކެވުމެވެ.