ޝަހީދާ އަބްދުﷲ ސައީދު
ގާނޫނުގެ ބާރު އެންމެންގެ މައްޗަށް ވެސް ހިނގާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިމްރާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގާނޫނު އެންމެންގެ މައްޗަށް ވެސް ހިނގާނެ ކަމަށާއި، ގާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަވާނެ ކަމަށެވެ.
އަދި ތުހުމަތުތަކަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށް ވެސް މިނިސްޓަރުގެ ޓުވީޓުގައި ވެއެވެ.
މީގެއިތުރުން މިނިސްޓަރުގެ ޓުވީޓުގައި ވިދާޅުވެފައި ވަނީ ރައްޔިތުންނަށް ލިބިފައިވާ އަނިޔާތަކަށް އިންސާފު ހޯދުމާއި ރައްޔިތުންގެ މާލިއްޔަތުން ނުހައްގު މަގުން ގެއްލިފައިވާ މުއްސަނދިކަން އަނބުރައި ހޯދުމަކީ ބޮޑު އަމާޒެއް ކަމަށެވެ.
ގާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަވާނެ ކަމަށާއި އަދި އެންމެންގެ މައްޗަށް ވެސް ގާނޫނުގެ ބާރު ހިނގާނެ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވެފައި މިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ފުލުސް އޮފީހަށް ހާޒިރުވެވަޑައިގަތުމަށް ޗިޓް ފޮނުވާފައި ވަނިކޮށެވެ.
ރައީސް ޔާމީންގެ މައްޗަށް ވަނީ ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރެއްވި ކަމުގެ ތުހުމަތުކޮށްފައެވެ. ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގަތުމަށް އަންގާފައިވަނީ މިއަދު މެންދުރުފަހު 2:00 އަށެވެ.