ގޮތް ނޭނގޭ މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަން އަދި ދައުލަތުން ގެއްލިފައިވާ ފައިސާ އަނބުރައި ހޯދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވައިފައިވާ ރިޔާސީ ދެ ކޮމިޝަނަށް ގާނޫނީ ބާރު ދިނުމަށް ހުށަހަޅާފައިވާ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދުވެސް ފާސްވެދާނެ ކަމާ މެދު ސުވާލު އުފެދިއްޖެ އެވެ.
މި ސުވާލު އުފެދުނީ މިއަދު ދޭއް ޖަހާ އިރަށް ރިޔާސީ ކޮމިޝަނުގެ ބިލު ފާސްކުރުމުގެ ޖަލްސާ އެޖެންޑާކޮށްފައިވާ އިރު، ޖޭޕީގެ ބައެއް މެންބަރުން ރަށުގައި ވަޑައިގެން ނެތުމުގެ އިތުރުން ޕީޕީއެމްގެ މެންބަރުން ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނެކަން ޔަގީން ނުވާތީއެވެ. ރައްޔިތުން އެމައްޗަށް އަމަލުކުރާން ޖެހޭ ގާނޫނެއް ފާސްކުރާ އިރު، މަޖިލީހުގެ ޖަލްސާގައި ރިޔާސަތުގެ އިތުރުން މަދުވެގެން 42 މެންބަރުން ތިއްބަވަން ޖެހޭނެ އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު އުފެދުމާ ގުޅިގެން ބައެއް މެންބަރުންގެ ގޮނޑިތައް ހުސްވެފައިވާ އިރު، މި ވަގުތު މަޖިލީހުގައި ތިއްބަވާނީ 79 މެންބަރުންނެވެ.
"ވަން އޮންލައިން" އަށް އެނގިފައިވާ ގޮތުގައި ޖޭޕީއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލީހުގެ ބައެއް މެންބަރުން މިއަދު ރަށުގައި ވަޑައިގެން ނޫޅުއްވަ އެވެ. އެމްޑީއޭގެ މަޖިލިސް މެންބަރުންގެ ތެރެއިން ވެސް ދެ މެންބަރުން ނުވަތަ އެންމެ މެންބަރެއް ފިޔަވައި ދެން ތިއްބެވި މެންބަރުން މާލެގައެއް ނޫޅުއްވަ އެވެ. އެމްޑީއޭގެ މެންބަރުން ވޯޓުދެއްވާނެ ގޮތެއް ސާފުވެފައެއް ވެސް ނުވެ އެވެ.
އެހެން ކަމުން އެމްޑީޕީގެ 19 މެންބަރުންނާއި ޖޭޕީގެ 22 އަދި އަދާލަތުގެ އެއް މެންބަރު ހިމެނުމުން ވެސް ޖުމުލަ މެންބަރުންގެ އަދަދަކީ 42 އެވެ. އޭގެ ތެރެއިން ޖޭޕީގެ ގިނަ މެންބަރުންތަކެއް ރަށުގައި ވަޑައިގެން ނެތުމުން ބިލު ފާސް ނުވެ މަޖިލިސް ޗުއްޓީއަށް ދާން ޖެހިދާނެ ކަމަށް ވެސް ބެލެވެ އެވެ.
މިއަދުގެ ޖަލްސާގައި ޕީޕީއެމުން ބައިވެރިވާނެތޯ ސުވާލުދެންނެވުމުން އެ ޕާޓީގެ ޕީޖީ ލީޑަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު ނިހާން ވެސް އަދި ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުއްރަހީމް ވެސް ޖަވާބެއް ނުދެއްވަ އެވެ.
ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމާއި ޕީޕީއެމް ގުޅިގެން ރިޔާސީ ކޮމިޝަންތަކުގެ ބިލު ފާސްވިޔަ ނުދިނުމަށް މަސައްކަތްތަކެއް ކުރާ ކަމުގެ އަޑުތަކެއް ވަނީ ކުރީންވެސް ފެތުރިފަ އެވެ.
މިއަދު 2:00 އަށް މަޖިލީހުގެ ޖަލްސާ އެޖެންޑާކޮށްފައިވާ އިރު ހަމަ އެގަޑިއަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް ފުލުސް އޮފީހަށް ހާޒިރުވެވަޑައިގަންނަވަން ވެސް ވަނީ އަންގައިފަ އެވެ.