ރައްޔިތުންގެ މަޖިލިސް

އެންއައަސީގެ މެންބަރުން ވަކިކުރަން ރައީސަށް އޮތްބާރު މަޖިލީހަށް ނަގަން އިސްލާޙު ގެންނަން ކޮމިޓީން ފާސްކޮށްފި

އިބްރާހިމް ޒަކީ

2

ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)ގެ މެންބަރުން ވަކި ކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އޮތް ބާރު ރައްޔިތުންގެ މަޖިލީހަށް ލިބޭ ގޮތަށް، ނެޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ ގާނޫނު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސް ކޮށްފިއެވެ.

އެންއައިސީގެ މެންބަރުންގެ ކިބައިން ފާހަގަ ކުރެވޭ ތިން ހާލަތަކަށް ރިއާޔަތް ކޮށް، އެ ކޮމިޝަންގެ މެންބަރުން ވަކި ކުރުމުގެ ބާރު ގާނޫނުން މިހާރު ދީފައި އޮންނަނީ ރައީސުލް ޖުމްހޫރިއްޔާއަށެވެ.

ނެޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ ގާނޫނުގެ 22 ވަނަ މާއްދާގައި ބުނެފައިވަނީ އެމާއްދާގެ (ހ) (ށ) އަދި (ނ)ގައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެ ނަމަ، ކޮމިޝަންގެ މެންބަރަކު، މެންބަރުކަމުން ވަކިކުރުމުގެ އިހުތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ކަމަށެވެ.

އެމާއްދާގެ ތިން އަކުރުގައި ބުނެފައިވާ ހާލަތްތަކުގެ ތެރޭގައި ހިމެނެނީ، ޝަރުއީ ހުކުމަކުން އިފްލާސްކުރުން؛ ކޮމިޝަންގެ މެންބަރެއްގެ ކިބައިގައި ހުރުމަށް ގާނޫނު ލާޒިމުކުރާ ސިފައެއް އުނިވުން، އަދި މެންބަރަކު ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވުމެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ރޭ މިކަމަށް ބަހުސްްކޮށްފައި މިވަނީ އެންއައިސީގެ މެންބަރުން ވަކި ކުރުމާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ވައިބާ ގްރޫޕުގައި ވާހަކަފުޅު ދައްކަވާފައި ވަނިކޮށެވެ.

މި މައްސަލަޔަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ރޭގެ ބައްދަލުވުމުގައި ކުރިޔަށްދިޔަ ބަހުސްގައި، ބައެއް މެންބަރުން ވިދާޅުވީ، އެ ކޮމިޝަނަށް މެންބަރުން އައްޔަން ކުރުމަށް މަޖިލީހަށް ރުހުން ދޭން ޖެހޭ ގޮތަށް ގާނޫނުގައި ހިމަނާފައި ވާއިރު، އެމެންބަރުން ވަކި ކުރުމުގެ ބާރުވެސް އޮންނަން ޖެހޭނީ މަޖިލީހަށް ކަމަށެވެ. އެހެންކަމުން ކަމާ ގުޅުންހުރި ފަރާތްތަކާ ވާހަކަ ދައްކައިގެން ގާނޫނު އެގޮތަށް އިސްލާހު ކުރުމަށް ކޮމެޓީން ފާސްކުރިއެވެ.

އެގާނޫނުގެ 11 ވަނަ މާއްދާގައި ބުނެފައި ވަނީ، ކޮމިޝަންގެ މެންބަރުން އައްޔަންކުރާނީ ރައްޔިތުންގެ މަޖިލީހުން ދޭ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟