ރައްޔިތުންގެ މަޖިލިސް

އެންއައިސީ މެންބަރުންގެ އިހުމާލު އޮތްތޯ ބަލައި، މަގާމުން ވަކިކުރަން ރައީސަށް ލަފާ އަރުވަން ކޮމިޓީން ފާސްކޮށްފި

އިބްރާހިމް ޒަކީ

1

ނެޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ މެންބަރުންގެ އިހުމާލުގެ މައްސަލަ ބެލުމަށްފަހު އިހުމާލު ވެފައިވާ ނަމަ އެ މެންބަރުން މަގާމުން ވަކިކުރަން، ރައީސުލްޖުމްހޫރިްއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާ އަރުވަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ.

ރޭ ބޭއްވި އެކޮމިޓީގެ ބައްދަލުވުމުގައި، ކޮމިޓީއަށް ބޭނުންވެގެން ފޮނުވަން އަންގާފައިވާ ޑޮކިއުމެންތްތަކެއް ކޮމިޝަނުން ފޮނުވާފައިނުވާކަން މެންބަރުން ވަނީ ފާހަގަ ކުރައްވައިފައެވެ. އެ މައްސަލައާއި، ކޮވިޑް 19 އާ ގުޅިގެން އެ ކޮމިޝަނުން ކަންތައްތައް ކުރިޔަށް ގެންދާ ގޮތާ ބެހޭ މައުލޫމާތުވެސް ކޮމިޓީން އެދިގެން ފޮނުވާފައި ނުވާއިރު، ކޮމިޝަންގެ މެންބަރުންގެ މަސައްކަތްތަކުގައި މައްސަލަތަކެއް އެބަހުރި ކަމަށް ކޮމިޓީގެ މުގައްރިރު އައްޑޫ މީދޫ ދާއިރާގެ މެންބްރު ރޮޒެއިނާ އާދަމް ވިދާޅުވިއެވެ.

ނަމަވެސް ކޮމިޝަންގެ މަސައްކަތްތަކަށް ބަލާއިރު، މެންބަރުންގެ އިހުމާލު އޮތްކަމަށް މެންބަރުން ވަނީ ފާހަގަ ކުރައްވައިފައެވެ. އެ ކޮމިޝަނަށް މެންބަރުން އައްޔަން ކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ދޭން ޖެހޭ ކަމަށް ގާނޫނުގައި ބުނެފައިވާއިރު، މެންބަރުން ވަކިކުރުމުގެ ބާރު ގާނޫނުން ލިބިގެންވަނީ ރައީސުލް ޖުމްހޫރިްޔާއަށް ކަމަށް މެންބަރުން ފާހަގަ ކުރެއްވިއެވެ.

އެހެންކަމުން ނެޝަނަލް އިންޓަގްރީޓީ ކޮމިޝަނާ ބެހޭގޮތުން، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ބަލަމުން އަންނަ މައްސަލައިގެ ރިޕޯޓް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ލިބުމުން އެންއައިސީގެ މެންބަރުންގެ މައްސަލަ ބަލައި، އިހުމާލު ހިމެނޭ ނަމަ މެންބަރުން ވަކިކުރަން މަޖިލީހުން ރައީސުލް ޖުމްހޫރިއްޔާއަށް މަޝްވަރާ އެރުވުމަށް، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ހުށަހަޅުއްވައިގެން ވަނީ ފާސް ކޮށްފައެވެ.

ނަމަވެސް ކޮމިޝަންގެ މެންބަރުންގެ އިހުމާލު އޮތްތޯ ބެލުމަށް ކުރިއަށް ގެންދާ ބައްދަލުވުން ސިއްރު ކުރުމަށްވެސް މެންބަރުން ވާހަކަ ދެއްކެވިއެވެ. އެއީ އެ ކޮމިޝަނަށް އައްޔަން ކުރުމަށް މިހާރު އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުން ރުހުން ދިން މެންބަރު ވަކިން ގެންނަވައިގެން ކޮމިޝަންގެ މަައްކަތްތަކާބެހޭ މައުލޫމާތު އޮޅުން ފިލުވާއިރު މެންބަރުންގެ ޒާތީ ކަންތައްތަކާ ބެހޭ ވާހަކަ ދެއްކިދާނެކަމަށް މެންބަރުންނަށް ފެނިވަޑައިގަންނަވާތީއެވެ.

އެގޮތަށް ވާހަކަ ދެއްްކެވި ބައެއް މެންބަރުން ވިދާޅުވީ، 241 ކޮމިޓީން ބަލަމުން އަންނަ މައްސަލައަކީ މިހާރު އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުން އެ ކޮމިޝަނަށް އައްޔަންކުރަން ރުހުން ދިން މެންބަރު ހުންނެވިއިރު ކުރިޔަށް ގެންދިޔަ މަސައްކަތްތަކެއްގެ މައްސަލައެއް ނޫން ކަމަށާއި، އެހެންކަމުން މައްސަލަ ކޮމިޓީން ބަލާއިރު އެކަން އެނގިގެންދާނެ ކަމަށްވެސް ކޮމިޓީގެ މުގައްރިރު އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނަ އާދަމް ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު، ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެންބަރު ކަމަށް އައްޔަން ކުރަން ރުހުން ދީފައިވަނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ފޮނުއްވި ހަތަރު ބޭފުޅުންގެ ތެރެއިން، ކާނަލް ރިޓަޔާޑް އަހުމަދު ޖިހާދު ވ. ދިވެތި، އަށެވެ.

ދެން އެކޮމިޝަންގައި ހިިމެނިވަޑައިގަންނަވަނީ، ކޮމިޝަންގެ ރައީސް އަހުމަދު ސުލައިމާނާއި ނައިބު ރައީސް ހައްސާން ހަމީދާއި ހަދީޖާ އަބުދުﷲ ގެ އިތުރުން އަހުމަދު އަމީން އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟