ޝަހީދާ އަބްދުﷲ ސައީދު
ހއ. ތަކަންދޫގައި ހުރި އަލީ ތަކުރުފާނުގެ ޒިޔާރަތް އެރަށު ކައުންސިލާއި ރައްޔިތުން ގުޅިގެން ހިމާޔަތް ކުރެވޭނެ ކަމަށް ހެރިޓޭޖް އެންޑް ކަލްޗާ މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޔުމްނާ މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ތަކަންދޫގައި ހުރި އަލިތަކުރުފާނު ޒިޔާރަތަކީ ވަރަށް މުހިންމު ޒިޔާރަތެއް ކަމަށާއި އެތަން ރަށު ކައުންސިލާއި ރައްޔިތުން ގުޅިގެން ހިމާޔަތް ކުރެވިދާނެ ކަމަށެވެ.
މިނިސްޓަރު ޔުމްނާ މިފަދައިން ޓުވީޓު ކުރައްވާފައި ވަނީ ތަކަންދޫގައި ހުރި އަލި ތަކުރުފާނުގެ ޒިޔާރަތާ ގުޅޭ ގޮތުން ވީ ނިއުސްގައި ލިޔެފައިވާ އާޓިކަލްއަކާ ގުޅިގެންނެވެ.
އަލި ތަކުރުފާނަކީ އުތީމު މުހައްމަދު ތަކުރުފާނުގެ އެއްބަފާ ބޮޑުބޭބޭފުޅެވެ. އަދި އަލި ތަކުރުފާނަކީ އުތީމު ހުސައިން ޚަތީބު ތަކުރުފާނު، މާރަންދޫ ތޭރަވާ މުދިންކަލޭގެގެ ދަރިކަނބަލަކާއި ކުރެއްވި ކައިވެނިފުޅުން ލިބިވަޑައިގަތް ބޭފުޅެކެވެ. އަލީ ތަކުރުފާނާއި ފާތިމާ ފާނަކީ އެއްބަނޑުއެއްބަފާ ދެބެންނެވެ.
ތަކަންދޫގައި ހުންނަ ތާރީޚީ ޒިޔާރަތަކީ ފޯޗްގީޒުން ޝަހީދުކުރި އަލީ ތަކުރުފާނުގެ ޒިޔާރަތެވެ. އަލީ ތަކުރުފާނު ޝަހީދުކުރީ ޕޯޗްގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރުމަށް ކުރި ހަނގުރާމާގައި މުހައްމަދު ތަކުރުފާނާއެކު އެ މަސައްކަތުގައި އުޅުއްވުމުގެ ތެރޭގައި ތަކަންދޫގައި ހުންނަވަނިކޮށް ޕޯޗްގީޒުންނެވެ.
އެމީހުން އެ ތަކުރުފާނު ޝަހީދުކޮށްލުމުގައި އިސްތަށިފުޅާއި ހަށިކޮޅު ވަކިކޮށްލުމަށްފަހު، އިސްތަށިފުޅު މާލެ ގެންގޮސް އޭރު މާލޭގައި ހުރި އެބައިމީހުންގެ ވެރިޔާ އަނދިރި އަނދިރިންނަށް ވެދުން ކުރީއެވެ. ނަމަވެސް މާލޭގެ ހިތްވަރުގަދަ ބަޔަކު އެ އިސްތަށިފުޅު ސިއްރިޔާތުގައި ނަގައިގެން ގެންގޮސް މާލެ އަތޮޅު ފުނަދޫގައި ފަސްދާނުލީއެވެ. އަލިތަކުރުފާނަކީ އެ ހަނގުރާމާގައި ޝަހީދުވި ފުރަތަމަ ބަތަލެވެ. އެކަން ހިނގާދިޔައީ މީލާދީން 1572 ވަނަ އަހަރުގައެވެ.