(25 މެއި ގެ އަދަދާ ގުޅޭ)
ހޫނުގަދަކަމަކުން ވަރުބަލިފުޅުކަމަކުން ފަރަޚުޒާދަކަށް އެއްވެސް އަސަރެއް ނުކުރެއެވެ. އޭނާގެ ބަރުހެދުންކޮޅާހުރެވެސް އުނދަގޫފުޅެއް ނުވެއެވެ. މަހެފިލުގައި ކުޅެވެމުންދިޔަ ކުޅިވަރުތަކާއި މިޔުޒިކާ މެދުވެސް އޭނާގެ ޝައުޤުވެރިކަންހުރީ އޭނާގެ ކާވެނިފުޅުގެ ސަމާގެ ބަޔަކަށްވާތީ އެގޮތުންނެވެ. އޭނާ ބޭނުންފުޅުވަނީ މިކަންތައްގަނޑު ނިމުނުހައި އަވަހަކަށް އޭނާގެ އައު އަނބިކަނބަލުން ގޮވައިގެން ގަނޑުވަރަށް ވަޑައިގެންނެވުމަށެވެ. އެބޭފުޅުން ތިއްބެވިތާނގެ ބޯ ސަނދުވާގެ އަނެއްފަރާތުން ފަނޑުފަނޑުކޮށް ފެންނަންހުރި އިރާ ދިމާޔަށް އޭނާ އިރުއިރުކޮޅާ ބައްލަވައިލައްވައެވެ. އޭނާއަށް ހީފުޅުވަނީ މިއަދު އިރު ހިނގަނީވެސް މާލަހުންހެންނެވެ. އިރުކޮޅަކުން އޭނާގެ ޚިޔާލުފުޅު ގޮސްހުއްޓެނީ އޭނާގެ އައު އަނބިކަނބަލުންގެ މައްޗަށެވެ. އެއާއެކު މަހެފިލުގެ ރީތި ކުލަތަކާއި ފިޔަޖެހުންތައް އޭނާގެ ހަނދުމަފުޅުން ފޮހެވިގެން ހިނގައިދެއެވެ. އޭނާގެ ޚިޔާލުފުޅު ގޮސްހުއްޓެނީ މަދާއިނުގެ ކުރިޔަށް ތިއްބެވި ކަނބަލުންތައް އާޒަރުމީދުޚުތު ވަށްކޮށްލައްވައިގެން ތިއްބެވި މަހައްލަށެވެ. އޭނާ ޚިޔާލީ ލޯފުޅުން އާޒަރުމީދުޚުތުއާ ދިމާޔަށް ބައްލަވައިލައްވައެވެ. އޭނާގެ އިޙްސާސްތަކާއި ޝުޢޫރުތަކުގެ ދުނިޔެއަށް ވެރިވަނީ ވަރަށްބޮޑު އުފާފުޅުތަކަކާއި ހިތްޕުޅު ހަމަޖެހިވަޑައިގެންނެވުމެއްގެ ފުން އިޙްސާސްތަކެވެ.
ފުރޭބުރުޒު އިންނެވީ ފަރަޚުޒާދުގެ ކަނާތްޕުޅު ފަރާތުން އަށްވަނަޔަށްހުރި ގޮނޑިކޮޅުގައެވެ. ނެށުމާއި މިޔުޒިކުގެ ކުޅިވަރުތައް ނިމުނީ އަސުރުވާން އުޅެނިކޮށެވެ. ދަރުބާރުގެ ޝާޢިރެއް ސާސާނީ ޚާންދާނަށް ޘަނާކިޔުމުގެ ޤަސީދާއެއް ހުށަހަޅާން ފަށައިފިއެވެ. ފުރޭބުރުޒުގެ ފަހަތްޕުޅުގައިހުރި ގޮނޑިކޮޅުގައި އިންނެވި ޢަސްކަރީ އޮފިސަރެއް ކުރިޔަށް ވަޑައިގެން ފުރޭބުރުޒުގެ އަތްޕުޅަށް ކަރުދާސްކޮޅެއް އަރުއްވައިފިއެވެ. ފުރޭބުރުޒު އަވަސްއަވަހަށް އެކަރުދާސްކޮޅު ބައްލަވައިލެއްވިއެވެ. އޭނާ ފަހަތްޕުޅަށް އެނބުރިވަޑައިގެން ބައްލަވައިލެއްވިއެވެ. އޭނާގެ އަތްޕުޅަށް ކަރުދާސްކޮޅު އެރުއްވި އޮފިސަރުގެ އަތްޕުޅުގެ އިޝާރާތް ފެނިވަޑައިގެންނެވުމާއެކު އޭނާ ތެދުވެވަޑައިގެން ބޭރަށް ނިކުމެވަޑައިގެންފިއެވެ.
ޒަރުބަޚުތު އޭނާގެ އިންތިޒާރުގައި ހުންނެވިއެވެ. އޭނާ ކުރިޔަށް ވަޑައިގެން ވިދާޅުވިއެވެ. "ސާހިބާއެވެ! މިފަދަ ވަގުތެއްގައި އުނދަގޫފުޅުކުރުން ރަނގަޅެއް ނޫންކަން އެނގެއެވެ. ނަމަވެސް ..........."
ފުރޭބުރުޒު ވިދާޅުވިއެވެ. "ތަމްހީދެއްގެ ބޭނުމެއް ނެތެވެ. ކަލާގެ މޫނުފުޅުމަތީން ފިކުރުފުޅު ބޮޑުވެފައި ހުންނެވިވަރު އެބައެނގެއެވެ."
ޒަރުބަޚުތު ވިދާޅުވިއެވެ. "މަނިކުފާނު އިރުޝާދު ދެއްވި ފަދައިން އަޅުގަނޑުމެން އާއްމުން ކޮއިލާ ކައިރިވިޔަކަ ނުދެމުއެވެ. ނަމަވެސް ކާވެނިފުޅުގެ ރަސްމިއްޔާތު ނިމުމުން އެބޭފުޅުން އެނބުރި ގަނޑުވަރަށް ވަޑައިގެންނެވުމަށްޓަކައި މަގުތައް ހުސްކުރުން ވާނީ ވަރަށް އުނދަގޫކަމެއް ކަމުގައެވެ. ހީވަނީ މަދާއިނުގެ މުޅި އާބާދީ މަގުމައްޗަށް އެއްވެފައިތިބިހެންނެވެ. ކޯރުގެ ފާލަންމަތީގައިވެސް މީހެއްގެ ފައިތިލަ ޖައްސައިލާނެ ތަންކޮޅެއްވެސް ނެތެވެ. މަނިކުފާނު އަންގަވައިފައިވަނީ ރައްޔިތުންނާ ދެކޮޅަށް ބާރުގެ ބޭނުން ނުކުރުމަށެވެ. ނަމަވެސް އަޅުގަނޑަށް ހީވަނީ އެބޭފުޅުން ހަމަ މިއަދު ގަނޑުވަރަށް ވަޑައިގަންނަވާނަމަ އެންމެ ކުޑަމިނުންވެސް ފާލަން ހުސްކުރުވަން އަޅުގަނޑުމެންނަށް ބާރުގެ ބޭނުންކުރާން ޖެހޭނެހެންނެވެ. އަޅުގަނޑު މަނިކުފާނުގެ އަރިހަށް މިއައީ މަދާއިނުގެ ފުލުސް ކޮމިޝަނަރާ މަޝްވަރާކުރުމަށްފަހުގައެވެ. އޭނާ ވިދާޅުވާގޮތުގައި އާއްމުންގެ އެތައްބަޔަކު މިކާވެނިފުޅަކާ ނުރުހެއެވެ. މަގުމަތީން ކޮންމެވެސް ނޭދެވޭ ޙާދިޘާއެއް ހިނގުމަކީ އެކަށީގެންވާ ކަމެކެވެ. ޕޮލިސް ކޮމިޝަނަރ ބޭނުންފުޅުވަނީ ޝެހެޒާދީ އެނބުރިވަޑައިގެންނެވުމަށް ފާލިކީގެ ބަދަލުގައި އެތެއް ހަމަޖެއްސުމެވެ. އޭނާ ވިދާޅުވާގޮތުގައި މީހުން އެކަމަނާ ފެނުމުން ހިތްހަމަޖެހިދާނެއެވެ. ފަނަރަވަރަކަށް ވިއްސަކަށް އެތުގެ ޖުލޫސެއް ތައްޔާރުކޮށްލަނިކޮށް އާއްމުން އަމިއްލަޔަށް މަގުމަތީން ދުރަށް ޖެހިދާނެއެވެ."
"ޕޮލިސް ކޮމިޝަނަރަކީ މޮޔައެއްތޯއެވެ." ހަމައިން ނެއްޓިފައިވާ އެންމެ އެތެއްވެސް މޮޔަ އިންސާނުންގެ އެއްލައްކަ މީހުންނަށްވުރެ މާ ނުރައްކާތެރިވާނެކަން އޭނާއަށް އެނގިވަޑައިގަންނަވަން ޖެހޭނެއެވެ. މަދާއިނުގެ އާއްމުން އެތްތައް ރުޅިއަރުވާން ދަންނާނެއެވެ."
"އެހެންވީއިރު މަނިކުފާނުގެ އަމުރުފުޅަކީ ކޮބައިތޯއެވެ؟"
ފުރޭބުރުޒު ހިނިފުޅުވަޑުވައިލެއްވިއެވެ. "އަޅުގަނޑުމެންގެ މަސްއޫލިއްޔަތަކީ އެދެމަފިރިކަނބަލުން ހެޔޮހާލުކޮޅުގައި އެބޭފުޅުންގެ ގަނޑުވަރަށް ފޮނުވުމެވެ. އަޅުގަނޑުވަނީ އެކަމުގެ އިންތިޒާމު ހަމަޖައްސައިފައެވެ. މަދާއިނުގެ އާއްމުންނަކަށް މިއަދަކު އެބައިމީހުންގެ ޝެހެޒާދީއެއް ނުފެންނާނެއެވެ. އެކަމަނާ ކޯރުގެ އަނެއްފަރާތަށް ފޮނުވާނީ ބައްތެލިކޮޅުގައެވެ. ޝެހެޒާދީގެ ކާވެނިފުޅުގެ ހަދިޔާވެސް ގެންދެވޭނީ ބައްތެލިކޮޅުތަކުގައެވެ." ފުރޭބުރުޒު ވިދާޅުވިއެވެ.
"ހެނދުނު އަޅުގަނޑު ކަލާގެ އަރިހުގައި އާއްމުން ކޮއިލުގެ ދޮރުކޮޅާ ކައިރިވިޔަ ނުދެއްވާށޭ ދެންނެވިއިރުވެސް އަޅުގަނޑަށް ހުރިހާ މައްސަލަތަކެއް ފުރިހަމަޔަށް އިޙްސާސް ކުރެވެއެވެ."
"ވަޒީރުލްއަޢުޡަމު ފާލަންމަތީން ގަނޑުވަރަށް ވަޑައިގެންނެވުމުގެ އިންތިޒާމު ހަމަޖައްސަން އަޅުގަނޑުމެން ނުކުޅެދުނު ކަމަކަށް ވަޒީރުލްއަޢުޡަމު ދެކެވަޑައެއް ނުގަންނަވާނެތޯއެވެ؟
ވަޒީރުލްއަޢުޡަމުގެ އެންމެ ބޮޑު އެދުންފުޅަކަށްވާނީ އަނބިކަނބަލުންނާއެކު ވީހައިވެސް އަވަހަކަށް ހެޔޮހާލުކޮޅުގައި ގަނޑުވަރަށް ވަޑައިގެންނެވުމެވެ. ކާވެނިފުޅާ ވިދިގެން އޭނާ އެރެހައްޓަން އެއްވާ ބަރާތީންގެ ޖުލޫސުގެ ކިބައިން ސަލާމަތްވެވަޑައިގެންނެވުނީތީ އޭނާ ކުރައްވާނީ އުފާފުޅެވެ. މަޖުބޫރީއަކަށް ނުވާނަމަ ޚުރާސާނުގެ މެހުމާނުންވެސް މިރޭ އެގަނޑުވަރުގައި ބައިތިއްބަވާކަށެއް އޭނާ ބޭނުންފުޅެއް ނުވާނެއެވެ. ކަލާ ވަޑައިގަންނަވާށެވެ. ބައްތެލިފަހަރާމެދު ވިސްނުންފުޅު ބަހައްޓަވާށެވެ. ޝައްކުކުރެވޭ މީހަކު ކޯރުގެ ކޮލާ ކައިރިވިޔަ ނުދެއްވާށެވެ. ބަރާތީންނާމެދު އަޅުއްވައި ނުލައްވާށެވެ. އަޅުގަނޑު ރޭދެބައިވަންދެންވެސް އެމީހުން މިތާނގައި ހުއްޓުވައިފާނަމެވެ. އެކަމަކު އަޅުގަނޑަށް ހީވާގޮތުގައި ދެމަފިރިކަނބަލުން އެބޭފުޅުންގެ ގަނޑުވަރަށް ވަޑައިގެންފިކަން އެނގުމުން މީހުންތައް އަމިއްލަޔަށް ވިއްސިވިހާލިވެދާނެއެވެ.
+ + + + +
ޝެހެޒާދީ އާޒަރުމީދުޚުތު އެކަމަނާގެ މުސްކުޅިފުޅު ފިރިކަލުންގެ ގަނޑުވަރަށް ވަޑައިގެންނެވީ އިރުއޮއްސޭން ކައިރިވެފައިވަނިކޮށެވެ. އެކަމަނާގެ އަޅުންކުރެ އަށްމީހުނާއި ފަސްކަނީޒުންނާ އެކުގައެވެ. އެކަމަނާގެ އެންމެފުރަތަމަ އެދިވަޑައިގެންނެވުމަކަށްވީ އެކަމަނާގެ އަމިއްލަފުޅު ޚާދިމުން ފިޔަވައި ފާރަވެރީންގެ އެކަކުވެސް ރޭގަނޑު ގަނޑުވަރުގެ ބޭރުދޮރާށީން އެތެރެޔަށް ވަނަނުދިނުމެވެ. އެހެންކަމުން ފަރަޚުޒާދު އެކަން ޤަބޫލުކުރެއްވިއެވެ. ފާރަވެރީންނަށްޓަކައި ގަނޑުވަރުގެ ދޮރާށިކޮޅުން ބޭރުގައި ފޭލިގެޖަހަން އަމުރުކުރެއްވިއެވެ. ގޯތިތެރެއާއި ގަނޑުވަރުގެ އެތެރެ ބެލެހެއްޓުން ޝެހެޒާދީގެ ޚާދިމުންނާ ޙަވާލުކުރެއްވިއެވެ. ޚުރާސާނީންނާއި އެނޫންވެސް މަދާއިނުން ބޭރުން ވަޑައިގެންނެވި މެހުމާނުން ތިއްބަވާން ހަމަޖެއްސެވީ ގަނޑުވަރުގެ ތިރީބުރީގައެވެ.
ޒަރުބަޚުތު ހުންނެވީ ހިތްޕުޅު ހަމަޖެހިވަޑައިނުގެންފައެވެ. ޝެހެޒާދީ އޭނާގެ ސިފައިންނަށް އިތުބާރު ނުކުރެއްވީތީއެވެ. ނަމަވެސް އާޒަރުމީދުޚުތު އޭނާއާ ދިމާޔަށް ފަރި ހިނިފުޅުވަޑުވައިލެއްވުމަކާއެކު ބައްލަވައިލެއްވިއެވެ. އާޒަރުމީދުޚުތު ވިދާޅުވިއެވެ. "ދައުލަތުގެ ވަޒީރުލްއަޢުޡަމް ޙިމާޔަތްކުރަން ލަޝްކަރެއް ބޭނުމެއް ނުވާނެކަން އަޅުގަނޑަށް ޔަޤީނެވެ. މިއޮތްހައިދުވަހު އަޅުގަނޑު ޙިމާޔަތްކޮށް ބެލެހެއްޓި މީހުންނަކީ އިތުބާރެއްނެތް ބަޔަކު ކަމަކަށް އަޅުގަނޑުގެ ފިރިކަލުންނަކަށް ފެނިވަޑައެއް ނުގަންނަވާނެއެވެ. މި އިންތިޒާމުތަކުގެ މަޤްޞަދަކީ މިތާނގައި ކަލާގެ ބޭނުމެއް ނެތުމެއް ނޫނެވެ. އަޅުގަނޑު ކަލާއާމެދު ދެކެނީ މުވައްޒަފެއްގެ ޙައިޘިއްޔަތަކުން ނޫނެވެ. އަޅުގަނޑުގެ ފިރިކަލުންގެ އެންމެގާތް ރަޙުމަތްތެރިޔާގެ ޙައިޘިއްޔަތުންނެވެ. އަޅުގަނޑު ބޭނުންވަނީ ކަލާ މިތާނގައި ހުންނެވިކަމުގެ ހިތްހަމަޖެހުން އަޅުގަނޑުމެންނަށް ލިބުމެވެ. ބޭނުންޖެހޭ ފަހަރުފަހަރު ކަލާއަށް ދެވަނަފަހަރަކަށް ދަންނަވައިލަން ނުޖެހުމެވެ. ގަނޑުވަރުގެ ހަތަރު ފާރުގެ ތެރޭގައި ކަލާގެ މިނިވަންކަމަކަށް އެއްވެސް ހުރަހެއް ނޭޅޭނެއެވެ. ތަފާތެއް ނާންނާނެއެވެ. އަޅުގަނޑުގެ ނޯކަރުން ކަލާގެ އަމުރުފުޅުތަކަކާ ދެކޮޅެއް ނަހަދާނެއެވެ."
ރޭގަނޑުގެ ފަރީއްކޮޅުގެ ވަގުތެވެ. ފަރަޚުޒާދާއި އޭނާގެ މެހުމާނުން ފަރީއްކުޅުއްވާ ސުފުރާގައި އިށީނދެވަޑައިގެންފިއެވެ. ޒަރުބަޚުތު އެކޮޓަރިކޮޅަށް ވެދެވަޑައިގެންފިއެވެ. އޭނާ ފަރަޚުޒާދުގެ އަރިހަށް ވަޑައިގެން ސިއްރުސިއްރުން ވިދާޅުވިއެވެ. "ސާހިބާއެވެ. ބައްތެލިތަކުން ގެނައި އެއްޗެހިކޮޅު ބޭލިއްޖެއެވެ. ފުރޭބުރުޒު އިރުޝާދު ދެއްވައިފައިވަނީ ކޯރުގެ މިފަރާތުގައި ގަނޑުވަރާ ކައިރީގައި ރޭގަނޑު އެއްވެސް ބައްތެއްޔެއް ބޭއްވިޔަނުދިނުމަށެވެ. ނަމަވެސް ޝެހެޒާދީ އަންގަވަނީ އެކަމަނާގެ އަމިއްލަފުޅު ބައްތެލިކޮޅު މިތާނގައި ބޭއްވުމަށެވެ."
"އެކަމާ ކަލާގެ އެއްވެސް އިޢުތިރާޟެއް އެބައޮތްތޯއެވެ؟"
"ސާހިބާއެވެ! އަޅުގަނޑުގެ އޮންނާނީ ކޮން އިޢުތިރާޟެއްތޯއެވެ؟ އެކަމަކު އެބައްތެލިކޮޅުގައި ފަޅުވެރީންވެސް އެބަތިއްބެވެ. އެމީހުނާމެދު އަޅުގަނޑަކަށް އެއްވެސް އެއްޗެއް ދަންނަވާކަށެއް ނޭނގެއެވެ."
"އެއީ ޝެހެޒާދީގެ ޚާދިމުންކަން އެނގިވަޑައިގެންނެވުމުން ކަލާޔަށް އެމިންވަރުން ފުދޭނެއެވެ."
"ސާހިބާއެވެ. އަޅުގަނޑު ދަންނަވާން މިއައީ އަޅުގަނޑުގެ ސިފައިންގެ ބަޔަކަށް ކޯރުގެ އައްސޭރީގައި ފޯރިމެރުމުގެ ހުއްދަދެއްވުން އެދިއެވެ."
"ޝެހެޒާދީ އެކަމަނާގެ ފަޅުވެރީންނަކީ އިތުބާރުކުރެއްވޭ ބަޔަކުކަމުގައި ދެކެވަޑައިގަންނަވާނަމަ ކަލާ ފިކުރުބޮޑު ކުރެއްވުމުގެ ބޭނުމެއްނެތެވެ. ކަލާ ހިތްޕުޅު ހަމަޖެހިވަޑައިގަތުމާއެކު ފަރީއްކުޅުއްވާށެވެ. މިއަދު ކަލާ ތިޔަހުންނެވީ ވަރަށް ވަރުބަލިފުޅުވެފައެވެ."
ޒަރުބަޚުތު ކުރެއްވޭނެކަމެއް ނެތުމުން އެއްފަރާތެއްގައި އިށީނދެވަޑައިގެން ފަރީއްކުޅުއްވާން ފައްޓަވައިފިއެވެ. ފަރީއްކުޅުއްވުން ނިމި ރާފޮދުގެ ދައުރު ފެށުމާއެކު ފަރަޚުޒާދު ކުއްލިޔަކަށް ޒަރުބަޚުތު ދިމާޔަށް އެނބުރިވަޑައިގެން ވިދާޅުވިއެވެ. "ޝެހެޒާދީގެ އެއްޗެހިކޮޅުގެ ތެރޭގައި ދެރުބާކޮޅު ހުންނާނެއެވެ. އެދެރުބާކޮޅު ބޭލުއްވުނުތޯއެވެ؟"
"އާދޭހެވެ. ދެރުބާކޮޅު މައްޗަށް ފޮނުވައިފީމެވެ."
ފަރަޚުޒާދު ނޯކަރަކާ މުޚާޠަބު ކުރައްވައި ވިދާޅުވެއެވެ. "ކަލޭ ގޮސް ޝެހެޒާދީގެ އަރިހުގައި ދަންނަވާށެވެ. އަޅުގަނޑުގެ ރަޙުމަތްތެރީން މިރޭ އާދައިގެ ރާއެއް ބޯކަށެއް ބޭނުމެއް ނޫނެވެ. އެކަމަނާ އިޢުތިރާޟު ނުކުރައްވާނަމަ އެއްރުބާކޮޅު ތިރިޔަށް ގެންނާންކަމަށެވެ."
ނޯކަރު ބޭރަށް ނުކުމެއްޖެއެވެ. ފަރަޚުޒާދު އިރުކޮޅަކު ހިމޭނުން އިންނަވައިފައި އޭނާގެ މެހުމާނުންނާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ. "މިރޭ އަޅުގަނޑު ތިޔަބޭފުޅުން ހިއްޕަވާން އަރުވާނީ އޭގެ ރަހަފަތް ހަމައެކަނި ރޫމުގެ ޤައިސަރުގެ ސަގީއަށް އެނގޭ ރާއެކެވެ."
އިރުކޮޅެއްގެފަހުން ރާގެނެސް ބަހައިލެވިއްޖެއެވެ. އެއަށްފަހު ހުރިހައި ބޭފުޅުންގެވެސް ވާހަކަފުޅުގެ މައުޟޫޢަކީ އެރާގެ މީރުވަހާއި، ރީތި ކުލަޔާއި، ރަހައިގެ ވާހަކައެވެ. ދެވަނަ ވާހަކަފުޅެއްނެތެވެ. ފަރަޚުޒާދު ކާމިޔާބުގެ ހިނިފުޅުވެޑުވުމަކާއެކު އޭނާގެ މެހުމާނުންނާ ދިމާޔަށް ބައްލަވައިލެއްވިއެވެ. އޭނާ ޒަރުބަޚުތާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ. އަހަރުމުޒުދު ގަންދީ ބުނަމެވެ. އެއްކަލަދުވަހު އާޒަރުމީދުޚުތު އަޅުގަނޑަށް ދެއްވި ރާޔަށްވުރެ މިރާ މާރަނގަޅެވެ. މާބާރުގަދައެވެ. އެދުވަހު ދެއްވި ރާއިން ޢަމަލުވަނީ ވަރަށް ކުޑަކޮށެވެ. އަޅުގަނޑުގެ އެކުވެރީންނޭވެ! މިރޭ އަޅުގަނޑު ބަޚީލެއް ނުވާނަމެވެ. ކޮންމެ ބޭފުޅަކުވެސް އަދި އެއްޖާމު ހިއްޕަވާށެވެ. ނަމަވެސް ދޭކަށްވުރެ އިތުރު ނުކުރައްވާށެވެ."
ފަރަޚުޒާދު ރާފޮދުގެ ދެވަނަ ޖާމު ހިއްޕެވުމަށްފަހު ޒަރުބަޚުތާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ. "ކަލާވެސް އަދި އެއްޖާމު ހިއްޕަވާށެވެ. ކަލާގެ މޫނުފުޅުމަތީންވެސް އަލާކެނޑިވަޑައިނުގަންނަވާކަން އެބައެނގެއެވެ." ފަރަޚުޒާދު ސާގީއަށް އިޝާރަތްކޮށްލެއްވުމުން އޭނާ ޒަރުބަޚުތަށްވެސް ދެވަނަ ޖާމެއް އަރުވައިފިއެވެ.
އޭރުވެސް ޒަރުބަޚުތުގެ ނާރުފުޅުތަކުގައި ލޭހިނގުންވަނީ އަވަސްވެފައެވެ. އޭނާގެ އިސްތަށިފުޅު އަނބުރާން ފަށައިފިއެވެ. ނަމަވެސް ފަރަޚުޒާދު އުފާކުރުވުމަށްޓަކައި އޭނާ ދެވަނަ ޖާމުވެސް ހިއްޕަވައިފިއެވެ.
ފަރަޚުޒާދު އިރުކޮޅެއްވަންދެން އޭނާގެ މެހުމާނުންގެ ފަރާތުން ރާގެ ތާރީފު އަޑުއައްސަވާން އިންނެވިއެވެ. އެއަށްފަހު އޭނާ ނޯކަރަކަށް އިޝާރަތްކޮށްލެއްވުމުން ރުނބާކޮޅު ބޭރަށްގެންގޮސްފިއެވެ.
ފަރަޚުޒާދު ކުއްލިޔަކަށް ތެދުވެވަޑައިގެންފިއެވެ. އޭނާ ވަރުބަލިފުޅުވެފައިވާ އަޑުފުޅަކުން ވިދާޅުވިއެވެ. "ދެން ތިޔަބޭފުޅުންވެސް އަރާމުކުރައްވާށެވެ."
ޒަރުބަޚުތު އަވަސްއަވަހަށް ތެދުވެވަޑައިގެން ފަރަޚުޒާދުގެ އަރިހުގައި ހިންގަވައިގެންނެވިއެވެ. މަތީބުރީގެ ސިޑިއާ ހަމަޔަށް ވަޑައިގެންފައި ފަރަޚުޒާދު ފަހަތަށް އެނބުރިވަޑައިގެން ބައްލަވައިލެއްވިއެވެ. "ޒަރުބަޚުތު ކަމެއް އޮތީތޯއެވެ؟ ކަލާގެ މޫނުފުޅުމަތީން ކަންބޮޑުވެވަޑައިގެންނެވުމުގެ އަސަރު އެބަފެނެއެވެ."
"ނޫނެކެވެ. އަޅުގަނޑު ރަނގަޅެވެ. މަނިކުފާނުގެ ޠަބީޢަތު ކިހިނަކުންތޯއެވެ؟"
"އަޅުގަނޑު މުޅީން ރަނގަޅެވެ. ކަލާ ވަޑައިގަންނަވާށެވެ. މެހުމާނުންގެ ކަންތައް ބަލަހައްޓަވާށެވެ." ފަރަޚުޒާދު އެހެން ވިދާޅުވެފައި ސިޑީން އަރައިވަޑައިގަންނަވާން ފައްޓަވައިފިއެވެ. އިރުކޮޅެއްގެ ތެރޭގައި އޭނާ ހުންނެވީ އާޒަރުމީދުޚުތު އޮންނެވި ކޮޓަރިކޮޅުގައެވެ. އެކަމަނާ ދެލޯފުޅު މަރުއްވައިލައްވައިގެން އެބޭފުޅުން އަވަހާރަފުޅުލައްޕަވާ ބޮޑު އެނދުދާންކޮޅުގައި އޮންނެވިއެވެ.
"އާޒަރު!" ފަރަޚުޒާދު މަޑުމަޑުން ވިދާޅުވެލެއްވިއެވެ. ނަމަވެސް ޖަވާބެއް ލިބިވަޑައެއް ނުގެންނެވިއެވެ. އޭނާ އެނދުދާންކޮޅުގެ ކައިރީގައިހުރި ގޮނޑިކޮޅެއްގައި އިށީނދެވަޑައިގެންފިއެވެ. އޭނާ އިރުކޮޅެއްވަންދެން އާޒަރުމީދުޚުތާ ދިމާޔަށް ބައްލަވާން އިންނެވިއެވެ. އިރުކޮޅެއް ކޮށްލައްވައިފައި ޖެހިލުންވެވަޑައިގެން އިންނަވައި އަތްޕުޅު ދިއްކޮށްލައްވައިފައި އޭނާގެ އިނގިލިފުޅުތަކުން އާޒަރުމީދުޚުތުގެ އިސްތަށިފުޅާ ކުޅުއްވާން ފައްޓަވައިފިއެވެ.
"އާޒަރު!" އޭނާ ދެވަނަފަހަރަށް ވިދާޅުވިއެވެ. ފަރަޚުޒާދު އާޒަރުމީދުޚުތުގެ ނިތްކުރިފުޅާއި މޫނުފުޅުގައި އަތްޕުޅުން ފިރުންމެވުމަށްފަހު އެކަމަނާގެ ކަނދުރާފުޅާ ހަމަޔަށް އަތްޕުޅު ގެންދަވައިފިއެވެ. އޭނާގެ ހިތްޕުޅު ބޭރަށް ތެޅެއެވެ. ނޭވާފުޅު އަވަސްވާން ފަށައިފިއެވެ. އޭނާ ވަށައިގެން ބައްލަވައިލެއްވިއިރު އެނދުދާންކޮޅުގެ އަނެއްފަރާތުގައި ކަޅުވަކަރު މޭޒުކޮޅެއްގެ މަތީގައި ރަނުގެ ގަދަހަކޮޅަކާއި ރަނުގެ ބިއްލޫރިތަށިކޮޅެއް ހުއްޓެވެ. އެތަށިކޮޅުގައި ދެތިން ކޯވަރެއްގެ ރާހުއްޓެވެ. ފަރަޚުޒާދު ގުދުވެވަޑައިގެން އާޒަރުމީދުޚުތުގެ އަނގަފުޅުގެ ވަސް ބައްލަވައިލެއްވިއެވެ. ހިނިފުޅުވަޑުވަމުން އެ މޭޒުކޮޅުމަތީގައިހުރި ރާތަށިކޮޅު ނަންގަވައިގެން އެއްނޭވާފުޅުން ހުސްކޮށްލެއްވުމަށްފަހު އެނދުދާންކޮޅުގައި އިށީނދެވަޑައިގެންފިއެވެ.
"އާޒަރު! އާޒަރުމީދުޚުތު!" އޭނާ ކަންބޮޑުވެވަޑައިގެންފައިވާ އަޑުފުޅަކުން ވިދާޅުވިއެވެ.
(ނުނިމޭ)