މިދިޔަ އާދީއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ބާތިލްކުރަން ޖެހޭ ވަރުގެ ކަމެއް ދިމާވެފައިނުވާ ކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ބުނެފިއެވެ.
ރިޔާސީ އިންތިހާބުގެ ތެރޭގައި ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ފަރާތުން އޮބްޒާވަރުން ބައިވެރިވިއެވެ. ޓްރާންސްޕޭރަންސީ އިން ފާހަގަކުރާ ގޮތުގައި އިންތިހާބު ދިޔައީ އޮމާންކަމާއެކުއެވެ.
ޓްރާންސްފޭރަންސީ އިން ކުރި ޓުވީޓެއްގައި ބުނީ އިންތިހާބުގެ ނަތީޖާއާ މެދު ޝައްކު އުފައްދަމުންދާތީ ކަންބޮޑުވާ ކަމަށާއި އިންތިހާބުގެ ތެރެއިން ބައެއް މައްސަލަތައް ކުރިމަތިވި ކަމަށްވިޔަސް ޖުމްލަ ގޮތެއްގައި އިންތިހާބު ދިޔައީ އޮމާންކަމާއެކު ކަމަށެވެ. އަދި އިންތިހާބުގެ ތެރެއިން އިިންތިހާބު ބާތިލްކުރަން ޖެހޭ ވަރުގެ މައްސަލައެއް ކުރިމަތިނުވާ ކަމަށް ވެސް ޓްރާންސްޕޭރަންސީ އިން ބުންޏެވެ.
ޓްރާންސްޕޭރަންސީ އިން ކަންބޮޑުވުން ފާޅުކޮށްފައި މިވަނީ އިންތިހާބުގެ ނަތީޖާ ބާތިލްކުރުމަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ޕީޕީއެމްގެ ފަރާތުން މައްސަލަތަކެއް ހުށަހަޅަން އުޅޭކަމުގެ ވާހަކަތަކެއް ދެކެވެމުން ދަނިކޮށެވެ.