ޓެކްނޮލޮޖީ

އެމެރިކާގައި ސިއްހީ ހިދުމަތަށް ބޭނުންވާ ސާމާނު ޑެލިވަރީ ކުރުމަށް ޑްރޯން ބޭނުންކުރަނީ

މުހައްމަދު އައުޒަމް

އެމެރިކާގައި ސިއްހީ ހިދުމަތަށް ބޭނުންވާ ސާމާނު ޑެލިވަރީ ކުރުމަށް ޑްރޯން ބޭނުންކުރަން ނިންމައިފިއެވެ.

އެމެރިކާގެ ޑްރޯން އުފައްދާ ކުންފުނި ޒިޕްލައިން އަށް ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އިން ހުއްދަ ދީފައިވަނީ ހާއްސަ ދެ ރޫޓަކުން ސިއްހީ ސާމާނު ޑެލިވަރީ ކުރުމަށެވެ.

މިއީ އެފްއޭއޭ އިން އެޕްރޫވަލް ލިބިގެން އެމެރިކާގައި ޑްރޯން އިން ޑެލިވަރީ ކުރުމަށް ހުއްދަ ދިން ފުރަތަަމަ ފަހަރެވެ.

ކޮވިޑް19 އަށް ފަރުވާ ދިނުމަށް ބޭނުންވާ ސިއްހީ ސާމާނުގެ އިތުރުން މި ޑެލިވަރީތަކުގައި ޕީޕީއީ ވެސް ހިމެނޭކަން ޒިޕްލައިން އިން ވަނީ ފާހަގަކޮށްފައެވެ.

އެމެރިކާއިން ޑްރޯން މެދުވެރިކޮށް އެއްތަނުން އަނެެއް ތަނަށް އެއްޗެހި ގެންދިއުން ބެލެވިފައިވަނީ ޑެލިވަރީ އިންޑަސްޓްރީއަށް އާ އިންގިލާބެއް ލިބިގެން ދިޔަ ކަމެއްގެ ގޮތުގައި ކަމަށް އެގައުމުގެ ރޮބޯޓިކް އެކްސްޕާޓުން ވަނީ ފާހަގަކޮށްފައެވެ.

ޒިޕްލައިން އިން ވަނީ އެފްއޭއޭ އިން ހުއްދަ ދިނުމާއެކު އަދި އިތުރު ސަރަހައްދުތަކަކަށް ޑެލިވަރީ ފުޅާކުރަން ނިންމާފައިވާކަމަށް ބުނެފައެވެ.

އެފްއޭއޭ އިން މިހާރު ހުއްދަ ދީފައިވާ ސަރަހައްދަކީ 30 މޭލުގެ ދެ ރޫޓު ކަމަށް ޒިޕްލައިން އިން ވަނީ ބުނެފައެވެ.