އިބްރާހިމް ޒަކީ
ކައުންސެލަރުންގެ ދައުރު އިތުރު ކުރުމުގެ މައްސަލަޔަށް ސުޕްރީމް ކޯޓުގެ ލަފަޔަކަށް އެދި، އެ ކޯޓަށް މިހާރު ސިޓީ ފޮނުވާފައިވާ ކަމަށާއި، އެ ލަފާ ލިބެންދެން، މިއަދާއި މިރޭ ކުރިޔަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 41 ވަނަ ޖަލްސާ ކުރިޔައް ދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މި ޖަލްސާގެ މިރޭގެ ބައިގައި، ބަހުސް ކުރި، ގާނޫނުއަސާސީއައް އިސްލާހު ގެނައުމުގެ ބަހުސާއި، ސުޕްރީމް ކޯޓުގެ ލަފައައް ހުށަހަހެޅި ގަރާރުގެ ބަހުސް ނިމި ވޯޓައް އަހައި މަޖިލީހައް ބަލައި ގަތުމުން، ޖަލްސާ މެދުކަނޑުއްވައި ލައްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ލައައްއެދި މިހާރު ސުޕްރީމް ކޯޓައް މަޖިލީހުން ސިޓީ ފޮނުވާފައިވާ ކަމަށެވެ.
ކައުންސެލަރުންގެ މުއްދަތު އިތުރު ކުރުމުގެ މައްސަލައިގައި، އުފެދިފައިވާ ހިޔާލުތަފާތުވުންތަކާ ގުޅިގެން، ސުޕްރީމް ކޯޓުގެ ލަފައެއް މަޖިލީހުން ހޯދުމަށް، ގަރާރު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ އެވެ.
މި ގަރާރު ފާސްކުރީ ޖަލްސާގައި ތިއްބެވި 65 މެންބަރުންގެ ތެރެއިން 61 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
މީގެ އިތުރުން އަންނަ މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް މުއްދަތު ހަމަވާ ކައުންސިލަރުންގެ ދައުރު އިތުރުކުރުމަށް، ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ސަރުކާރުން ހުށަހެޅި އިސްލާހު ވެސް މިރޭ ވަނީ މަޖިލީހަށް ބަލައިގަނެ މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވަން ފާސްކޮށްފައެވެ.
ސަރުކާރުން ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެތް) ގާނޫނުއަސާސީއައް މި އިސްލާހު ހުށަހެޅުއްވީ، ކޮވިޑް 19 އާ ގުޅިގެން ކައުންސިލް އިންތިހާބު ފަސްކޮއްފައިވާއިރު، ދެން އިންތިހާބު ބާއްވައި އާ ކައުންސިލަރުން މަގާމުތަކާ ހަވާލުވަންދެން މިހާރު ތިބި ކައުންސިލަރުންގެ މަގާމުގެ މުއްދސަތު އިތުރު ކުރުމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިރޭގެ ޖަލްސާގައި މި ބިލު މަޖިލީހައް ބަލައިގެންފައިވަނީ ޖަލްސާގައި ތިއްބެވި، 65 މެންބަރުންގެ ތެރެއިން 60 މެންބަރުން ވޯޓު ދެއްވައިގެންނެވެ.