ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފިޝަރީޒް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު ޝައިނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން އޭނާއާ ދެކޮޅަށް ޕީޕީއެމް އިން ފިޔަވަޅު އަޅަން މަޝްވަރާ ކުރަމުންދާ ކަމަށް އެޕާޓީއިން މިއަދު ބުނެފި އެވެ.
ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޝައިނީއާ މެދު ފިޔަވަޅު އެޅުމަށް މަޝްވަރާ ކުރަމުން ގެންދާ ކަމަށެވެ. އެހެންނަމަވެސް އަޅާނެ ފިޔަވަޅެއްގެ މައުލޫމާތެއް އޭނާ ހާމަކުރައްވާފައެއް ނުވެއެވެ.
ނިހާންގެ ވާހަކަފުޅުގައި ޝައިނީގެ ނަން ސީދާ ވިދާޅުވެފައި ނުވި ނަމަވެސް އޭނާ ވިދާޅުވީ ކުރީގެ ވަޒީރަކު ޕީޕީއެމްއާ ގުޅޭގޮތުން ތަފާތު ވާހަކަތައް ދައްކަމުން ގެންދާ ކަމަށެވެ.
އޮންލައިން މީޑިއާ "އަވަސް" އިން ގެނެސްދޭ "އަވަސް ހުކުރު" ޕްރޮގްރާމްގައި ޝައިނީ ވަނީ ޕީޕީއެމްގެ ލީޑަޝިޕްގެ ބޭފުޅުން އޭނާއާ ދެކޮޅަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެފައެވެ.
ޝައިނީ ވިދާޅުވީ ކޮންގްރެސްގައި ނައިބު ރައީސް ކަމަށް ވަޑައިނުގެންނެވުނީ ބަޔަކު އެންޓި ކެމްޕެއިން ކުރެއްވުމުން ކަމަށެވެ.