އިބްރާހިމް ޒަކީ
ގާނޫނު އަސާސީއާ ހިލާފު ނުވާނެ ގޮތަށް، ކައުންސެލަރުންގެ ދައުރު އިތުރު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ނިންމެން އޮތް ހަމައެކަނި ގޮތަކީ ސަރުކާރުން ފޮނުވާފައިވާ ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އުޝާމް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިރޭގެ ޖަލްސާގައި، ކޮވިޑް 19 ގެ ސަބަބުން ކައުންސިލް އިންތިހާބު ނުބޭއްވި ލަސްކުރެވިފައިވާއިރު، ދެން އިންތިހާބެއް ބާއްވައި، އާ ކައުންސިލަރުން މަގާމާ ހަވާލުވަންދެން މިހާރު ތިބި ކައުންސިލަރުންގެ ދައުރު އިތުރު ކުރުމަށް ގާނޫނުއަަސާސީއަށް ހުށަހަޅާފައިވާ އިސްލާހުުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
އުޝާމް ވިދާޅުވީ ޑިމޮކްރެޓިކް ހަމަތަކުގެ އިތުރުން ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ ހަމަތަކަށް ބެލިޔަސް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން ދިމާވާ މައްސަލަތަކަށް ގާނޫނީ ފަރުވާއެއް ދިނުމަކީ ސީދާ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތެއް ކަމަށެވެ.
އެކަމުގައި ސުޕްރީމްކޯޓުގެ ލަފަޔަކަށް އެދެނީ، އެ މައްސަލައަކީ މަޖިލީހުގެ މެންބަރުންގެ މެދުގައި އިއްތިފާގު ނުވެވޭ މައްސަލަޔަކަށް ވާތީކަމަށް، ގަފޫރު ހުށަހެޅުއްވި ގަރާރުގައި، ބުނެފައިވާތީ، އުޝާމް ވިދާޅުވީ، މަޖިލީހުން ނިންމާ ނިންމުންތަަކީ މަޖިލީހުގެ އިއްތިފާގުން ނިންމަން ޖެހޭ ނިންމުންތަކެއް ކަމަށް ގާނޫނުއަސާގައި ބުނެފައި ނުވާ ކަމަށެވެ.
"ގާނޫނުއަސާސީގެ ހުރިހާ މާއްދާތަކެއްގައިވެސް އޮންނަނީ މަޖިލީހުން ނިންމާ ނިންމުންތަަކީ މެޖޯރިޓީން ނިންމާ ނިންމުންތަކަށް ވާން ޖެހޭނެ ކަމަށް. މަޖިލީހުން އިއްތިފާގު ނުވެވޭ ކޮންމެ ކަމެއްގައި މަޖިލީހުން ސުޕްރީމް ކޯޓުގެ ލަފަޔަކަށް އެދުމަކީ ކުރަންވާވަރު ކަމެއް ނޫން،" އުޝާމް ވިދާޅުވިއެވެ.
އެހެންކަމުން ސުޕްރީމް ކޯޓުގެ ލަފައެއް ހޯދުމަކީ ތާއީދު ކުރެވޭ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަމަށް ސުޕްރީމް ކޯޓުގެ ލަފައެއް ހޯދުމުގެ ބަދަލުގައި މަޖިލީހުގެ ތަޅުމުގައި އޮތް އިސްލާހަށް ވޯޓަށް އެހުމަށްވެސް އުޝާމް މަޖިލިސް ރައީސްގެ ކިބައިން އެދިވަޑައިގެންނެވިއެވެ.
މިވަގުތަކީ ގާނޫނުއަސާސީ އިސްލާހު ކުރަން ޖެހޭ ވަގުތެއް ނޫން ކަަމަށް ވިދާޅުވެ ވާހަކަ ދައްކަވާ މެންބަރުންނަށް ރައްދު ދެއްވައި އުޝާމް ވިދާޅުވީ، ވަގުތާއި ހާލަތަށް ބަލައި ގާނޫނު އަސާސީ އިސްލާހު ކުރަން ޖެހޭ ހާލަތުގައި އެކަން ކުރުމަކީ އެއްވެސް ގައުމެއްގައި ބަލައިގަނެފައި ނުވާ ކަމެއް ނޫން ކަމަށެވެ.
އެހެންކަމުން ކައުންސިލަރުންގެ ދައުރު ހަމަވާއިރު އަންނަ ގާނޫނީ ހުސްކަމަށް ހައްލު ހޯދުމަށް ގާނޫނު އަސާސީއާ ހިލާފު ނުވާނެ ގޮތަށް މަޖިލީހަށް ނިންމެން އޮތް ހަމައެކަނި ނިންމުމަކީ ސަރުކާރުން ފޮނުވާފައިވާ ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރުން ކަމަށް އުޝާމް ވިދާޅުވި އެވެ.