ރައްޔިތުންގެ މަޖިލިސް

ކައުންސެލަރުންގެ ދައުރު ދަންމައިލުމުގެ އިސްލާހު ފާސްކުރަން އެމްޑީޕީ ޕީޖީ ގުރޫޕުން ނިންމީ ހުދުމުހުތާރުކޮށް: ބޮންޑާ

އިބްރާހިމް ޒަކީ

އަންނަ ޖޫން މަހުގެ ތިނަކަށް، މިހާރު ތިބި ކައުންސެލަރުންގެ ދައުރު ހަމަވާއިރުވެސް، ކައުންސިލް އިންތިހާބު ބޭއްވިފައި ނުވާތީ އެ ކައުންސެލަރުންގެ ދައުރު ދަންމާލުމަށް، ގާނޫނު އަސާސީއަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހު އެގޮތަށް ފާސްކުރަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމި ނިންމުމަކީ ވަރަށް ހުދުމުހުތާރު ނިންމުމެއް ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުުގެ މެންބަރު، ރައްޔިތުންގެ މަޖލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮނޑާ) ވިދާޅުވެއްޖެއެވެ.

ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހު ފާސްކުރަން ތްރީލައިން ވިޕެއް ނެރުމަށް ރޭ ބޭއްވި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންނި ނިންމުން ވަރަށް ބޮޑަށް ކުށްވެރިކުރައްވައި މިރޭ ބޭއްވި މަޖިލިސް ޖަލްސާގައި ބޮންޑާ ވިދާޅުވީ، ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ހުށަހަޅުއްވައި، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ތާއީދު ކުރައްވައިގެން ކޮށްފައި އެވަނީ ދުވަހަކުވެސް ޕާލަމެންޓްރީ ގްރޫޕުގައި ނުކުރާ ފަދަ ނުބައިކަމެއް ކަމަށެވެ.

ބޮންޑާ ވިދާޅުވީ، ޕީޖީ ގްރޫޕުން ނިންމި އެ ނިންމުމަކީ، ރައީސުލްޖުމްހޫރިއްޔާ އާއި އެމްޑީޕީ ބަދުނާމުކުރުން ކަމަށެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕުން ވަރަށް ނޭއްގާނީ، ވަރަށް ހުދުމުހުތާރު ކަންތައްތައް ނިންްމާ ކަމަަށާއި އެ ކަންތައްތައް މީޑިއާއިން ބަލައި ހާމަކޮށްދޭން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

އެމްޑީޕީގެ ބައެއް މެންބަރުންނަށް އިނގިލި ދިއްކުރައްވައި، އެފަދަ މެންބަރުން ސަރުކާރާއި ބައެއް ކުންފުނިތަކުން މަންފާ ހޯދާ ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

"ކޮންމެ މެންބަރަކުވެސް އައިސް ސަރުކާރުގެ ޖީބަށް ފުންމާލައިގެން ނުވަތަ، ކޮންމެވެސް ކުންފުންޏެއްގެ އެމްޑީގެ ޖީބަށް ފުންމާލައިގެން ތިމާމެން ހެދުނު ގޮތެއް ހަދައި ރައީސުލް ޖުމްހޫރިއްޔާ ބަދުނާމު ކުރަން ކޮންކަމެއްތޯ މި ކުރަނީ،" ބޮންޑޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަޖިލީހުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރަމުންދާއިރުވެސް ރައީސުލް ޖުމްހޫރިއްޔާ އާއި މަޖިލިސް ރައީސް އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާކަމަށެވެ. ނަމަވެސް "އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގައި ތިބި މެންބަރުން އަޅުގަނޑަށް އެބަ ބާރުފޯރުވާ،" ކަމަށް ވެސް ވިދާޅުވިއެވެ.