އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލީހުގައި މިހާރު ކުރިއަށްދާ، ކައުންސިލަރުންގެ ދައުރު އިތުރު ކުރުމުގެ މައްސަލައާ ބެހޭގޮތުން ގޮތެއް ނިންމުމަށް މިރޭވެސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވައިލައްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މިރޭ 9:00 ގައި މަޖިލީހުގެ ޖަލްސާއެއް އޮންނާނެ ކަމަށެވެ.
ހުސްވި އޭޕްރީލްމަހު ކައުންސިލް އިންތިހާބު ބާއްވަން ޖެހޭކަަމަށް ގާނޫނުގައި ބުނެފައިވީ ނަމަވެސް ކޮވިޑް 19 އާގުޅިގެން އިންތިހާބު ބޭއްވޭ ގޮތް ނުވެގެން އަންނަ އަހަރާ ހަމަޔަށް ގާނޫނަކުން އިންތިހާބު ވަނީ ފަސްކޮށްފައެވެ. ނަމަވެސް އަންނަ ޖޫން މަހުގެ ތިނަކަށް މިހާރު ތިބި ކައުންސެލަރުންގެ މުއްދަތު ހަމަވާތީ ދިމާވާ މައްސަލައަށް ހައްލެއް ގެނެސްފައެއް ނުވެއެވެ.
އެހެންކަމުން އެކަން ފޫބެއްދުމަށް ގާނޫނުއަސާސީ އިސްލާހު ކޮށްގެން ކައުންސިލަރުންގެ ދައުރު އިތުރު ކުުރުމަށް ސަރުކާރުން ވަނީ ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅައިފައެވެ.
ރައްޔިތުންގެ މަޖިލީހުގައި މިހާރު ކުރިއަށް ދަނީ ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލުގެ ބަހުސެވެ. އެބަހުސްގައި މިއަދުވެސް ގޮތެއް ނިންމިފައެއް ނުވެއެވެ. ނަމަވެސް އެބިލްގެ ބަހުސް ފެށި، ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މަޖިލިސް ރައީސް ވިދާޅުވީ، މިއަދު އެބިލް ބަލައިގަތުމަށް ވޯޓަށް އައްސަވައި އެބިލް މުޅި މަޖިލީހުގެ ކޮމިޓީގެ ބަހުސަށް ގެންދިއުމުގެ ވިސްނުން ގެންގުޅުއްވާ ކަަމަށެވެ.
މިއަދު އެ ބިލަށް ކުރިޔަށް ގެންދިޔަ ބަހުސުގެ ތެރެއިން އިތުރު ހުށަހެޅުމެއްވެސް ވަނީ ހުށަހަޅައިފައެވެ. އެއީ ކައުންސިލަރުންގެ ދައުރު އިތުރު ކުުރުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގައި ސުޕްރީމްކޯޓުގެ ލަފައެއް ހޯދުމަށް ހުށަހަޅާފައިވާ ހުށަހެޅުމެކެވެ.
ގަރާރެއްގެ ގޮތުގައި އެކަމަށް މަޖިލީހުން ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯދުމަށް، ގަރާރު ހުށަހަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާއެވެ.