އަހްމަދު ފާރިސް މައުމޫން

ހައިކޯޓުގައި ފާރިސްގެ މައްސަލަ އަންނަ އާދީއްތަ ދުވަހަށް ތާވަލުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން، ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފު މައްސަލައިގެ އަޑުއެހުމެއް އަންނަ އާދިއްތަ ދުވަހަށް ތާވަލުކޮށްފިއެވެ.

އިދިކޮޅު ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ލޯގޯ އާއި ދިދަ ބޭނުންކުރި ކަމަށް ބުނެ ފާރިސްގެ މައްޗަށް އުފުލި ޝަހުސު އޮޅުވާލުމުގެ ދައުވާ ސާބިތުވެގެން ފާރިސް ހުރީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއްގައެވެ.

އާދިއްތަ ދުވަހު ބާއްވާ އަޑުއެހުމުގައި ފާރިސް މިނިވަންކޮށް ދިނުމަށް އެދޭގޮތަށް ހަމަޖެހިފައިވެއެވެ. މިދިޔަ ހޯމަ ދުވަހު ފާރިސްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރި ނަމަވެސް، އެކަމާ މެދު ގޮތެއް ނިންމިފައެއް ނުވެއެވެ.

ފާރިސްގެ މައްޗަށް އިތުރު ދައުވާތަކެއް ވެސް ކޮށްފައިވެއެވެ. އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ޓެރަރިޒަމްގެ ދައުވާ ފާރިސްގެ މައްޗަށް އުފުލައި، އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އޭގެ އިތުރުން ފާރިސްގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާއެއް ވެސް ކޮށްފައިވެއެވެ.